މެޑްރިޑް (މެއި 14) - ސްޕެނިޝް ލީގުގައި ރޭ މާކޯ އަސެންސިއޯ ޖެހި ގޯލުން ރެއާލް މެޑްރިޑުން 1-0 އިން ގެޓަފޭ ބަލިކޮށްފި އެވެ.
މިއީ، ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ތައްޔާރުވާން ރެއާލުން ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު މެޗެކެވެ. އެ ގޮތުން، ރެއާލުން ގެޓަފޭއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ އަށް ބަދަލެއް ގެނެސްފަ އެވެ.
ލަނޑު ޖަހާނެ މާ ގިނަ ފުރުސަތެއް ރޭގެ މެޗުގައި ތަނަވަސްނުކުރެވިދިޔައިރު، މެޗުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނިޓްގައި އަސެންސިއޯ އެވެ. އޭރިއާބޭރުން އަސެންސިއޯ ޖެހި ބޯޅަ ގޯލަށް ވަނީ ގެޓަފޭ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ކަމަވިންގާ ކަކުލަށް އަނިޔާވެގެން ދަނޑުމަތީގައި އިށީނދެލައިގެން.-
ރޭގެ މެޗުގައި ރެއާލަށް ދިމާވި ކަންބޮޑުވުމަކީ ކަކުލަށް އަނިޔާވެގެން ޒުވާން މިޑްފީލްޑަރު، އެޑޮއާޑޯ ކަމަވިންގާ ބަދަލުކުރަން ޖެހުމެވެ. މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ކަމަވިންގާގެ ކަކުލަށް އަނިޔާވުމާ އެކު ވަގުތުން އޭނާ ބަދަލުކުރަން ނިންމީ ކަަމަށާއި އަނިޔާގެ ތަފްސީލް ދެނެގަންނަން ޓެސްޓްތައް ހަދާނެ ކަމަށެވެ.
"ޓެސްޓްތަކެއް ހަދާނެ. އެ ޔަގީންކަމެއް. އެކަމަކު، އަހަރެމެންގެ ފިޒިއޯ އިން ޔަގީންކަން އެބަދޭ ސީރިއަސް އަނިޔާއެއް ނެތް ކަމަށް. މާނަ އަކީ، މާދަމާ (މިއަދު) އަރާމް ކޮށްފައި ހޯމަ ދުވަހު ކަމަވިންގާ އަށް ޕްރެކްޓިސްގައި ބައިވެރިވެވޭނެ،" އަންޗެލޮޓީ ބުންޏެވެ.
ރޭގެ މޮޅާ އެކު ލީގުގެ ދެ ވަނައިގައި އޮތް ރެއާލުން ވަނީ 34 މެޗުން 71 ޕޮއިންޓް ހޯދައިފަ އެވެ. އެއް ވަަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން ވަނީ 82 ޕޮއިންޓް ލިބިފަ އެވެ.












