މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުގައި ކުޅޭ ކުޅުންތެރިންނަށް ބަލާއިރު، ނިސްބަތުން ގިނަ ޒުވާން ދިވެހި ކުޅުންތެރިން މެޗުތަކުގަަައި ކުޅޭތީ އޭގެ ފައިދާ ދިވެހި ފުޓްބޯޅަ އަށް ކުރާނެ ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަމާ ހަވާލުވި ޝާކިއްޓެ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ގިނަ ފަހަރުތަކެއް މަތިން އެކި މުބާރާތްތަކުގައި ކުޅެފަ އެވެ. އޭގެ އިތުރުން، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓްގެ ޒިންމާ އުފުލިއިރު، ޓީމުގައި ގިނަ ޒުވާން ކުޅުންތެރިން ގެންގުޅެފައިވެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް ހުރި މެޗުތަކުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝާކިއްޓެ ބުނީ ޒުވާން ކުުޅުންތެރިންނަށް ޓީމުތަކުގައި ކުޅެން ލިބޭ ނިސްބަތް އިތުރުވުމަކީ ގިނަ ގޮތްގޮތުން ފައިދާ ބޮޑު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ހަގީގަތުގައި، ޅަ ކުޅުންތެރިންނަށް ޕްރިމިއާ ލީގުގައި ޕާފޯމްކުރަން މި ލިބެނީ. އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޕާފޯމްކުރަން މި ލިބެނީ، މި ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވެސް ގައުމީ ޓީމަށް ވެސް އޭޖްފުރާ (އުމުރުފުރާ) ގައުމީ ޓީމުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް،" ޝާކިއްޓެ ބުންޏެވެ.
"ކުރިން އަހަރުތަކުގައި ދިމާވާ އެއް މައްސަލަ އަކީ 19 އަހަރުން ދަށުގެ ޓީމު ފުރައިގެންދާއިރު، އެ ޓީމުގެ ކުޅުންތެރިން ކްލަބްތަކުގައި އުޅެނީ އެކަމު 11 ގައި ޕާފޯމް ކުރަން ލިބޭ ވަރު މަދު، އެކަމަކު، އެއާ ހިލާފަށް މި އަހަރު އެބަ ލިބޭ ވަރަށް ބައިވަރު ޒުވާން ކުޅުންތެރިންތަކަކަށް ޕާފޯމްކުރުމުގެ ފުރުސަތު، މިއީ ދިވެހި ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ގޮތުގައި ގަބޫލުކުރަނީ އެ ކުޅުންތެރިންނަށް ވެސް ލިބޭ ކުރިއެެރުމެއް ކުރިމަގަށް ބަލާއިރު،"
ޔުނައިޓެޑް ވިކްޓަރީގެ މެނޭޖްމަންޓްގެ ވިސްނުމަކީ މި އަހަރު ނަތީޖާ ނެރުމަށް ވުރެ ކުރިއަށް އޮތް ދެތިން އަހަރަށް މިހާރު އޮތް ޒުވާން ޓީމު ބާއްވައިގެން ޒުވާން ކުޅުންތެރިންގެ ޓީމެއް ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ބިނާކުރުމަށް ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ. އެ ގޮތުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ގެއްލޭ ގޮތަށް ބޭރު ކުޅުންތެރިން ގެނެސް އެ ކަހަލަ ވިސްނުމެއް ޔުނައިޓެޑް ވިކްޓަރީން އަދި ނުގެންގުޅޭ ކަމަށް ވެސް ބުނެފައިވެ އެެވެ.
މާލީ މައްސަލަތަކުގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީން ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެ އެވެ.
މި ސީޒަނުގައި މިހާތަނަށް، ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗަކީ ދިވެހި ޕްރިމިއާ ލީގުގައި 7-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވި މެޗެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.
"ވަރަށް ރަނގަޅަށް އެ މެޗުގައި (މާޒިޔާ މެޗުގައި) ދިޔައީ ބަލަން ތިބި އެންމެންނަށް ވެސް އެނގިގެންދާނެ ފިޒިކަލީ ފިޓްނަސް މައްސަލަ މި ޖެހުނީ، 65 މިނިޓް 70 މިނިޓުން ފެށިގެން، ގައިގައި ވަރުހުރިއިރު ރަނގަޅު،" މާޒިޔާ މެޗަށް އިޝާރާތްކޮށް ޝާކިއްޓެ ބުންޏެވެ.
"ދެން، ތައްޔާރުވާން ލިބުނީ 14 ވަރަކަށް ދުވަސް، ދެން 14 ދުވަސް ތެރޭ އެއީ 90 މިނިޓްގެ މެޗެއް ކުޅެން ޕްލޭޔަރަކު ފިޓްކުރެވޭނެ މުއްދަތެއް ނޫން. އެހެންވީމަ އެ މެޗުގައި ވަރަށް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ، އެެހެންވެ ކުޅުންތެރިންނާ މެދު ކުރިއަށް އޮތްތަނުގައި އިތުބާރު ބޮޑުވެގެން މިދިޔައީ،"
ޝާކިއްޓެ ބުނީ މާޒިޔާ އާއި އީގަލްސް ނަގާފައި ދެން އޮތް ހުރިހާ ޓީމެއް ވެސް ފެންނަނީ ފިޓްނަސް އާއި އެހެން ކަންކަމަށް ބަލާއިރު، އެއް ލެވަލެއްގައި ކަމަށެވެ.
މިހާރު ޓީމުތަކަށް ބަލާލާއިރު މާޒިޔާ އާއި އީގަލްސް ނަގާފައި ދެން އޮތް ޓީމުތައް މި އުޅެނީ ހަމަ އެއް ލެވަލެއްގައި، ފިޓްނަސް ވެސް ދެން ތިބި ޓީމުތައް ވެސް އެހާ ރަނގަޅުކޮށް ނޫން ފެނިގެންދަނީ. އެހެންވީމަ، މާޒިޔާއާ އެކު 60 މިނިޓް 70 މިނިޓް ހިފަަހައްޓާފައި ރަނގަޅަށް ކުޅުނު، އެހެންވީމަ ގަބޫލުކުރެވެނީ ދެން އޮތް ޓީމުތަކާ ދެކޮޅަށް މާޒިޔާއާ އެކު އެ ކުޅުނު ލެވަލަށް ވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށް،" ޝާކިއްޓެ ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މާދަމާ ހަވީރު ނުކުންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 5-1 އިން މޮޅުވެފަ އެވެ. ޝާކިއްޓެ ބުނީ މާޒިޔާ މެޗުގައި ޔުނައިޓެޑް ވިކްޓަރީން ދެއްކި ކުޅުމަށް ބަލާއިރު، ސަސް ކައިރިން ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"މާޒިޔާ މެޗުގައި އެ ދެއްކި ކުޅުމަށް ބަލާފައި ވަރަށް އުންމީދު ބޮޑު ކުޅުންތެރިންނާ މެދު އިތުބާރު ވެސް ބޮޑު، ގާތްގަނޑަކަށް 50-50 މެޗެއް ގޮތުގައި ގަބޫލުކުރެވެނީ،" ޝާކިއްޓެ ބުންޏެވެ.
ސަސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.












