އިރާނުން ފުރި ބޯޓަކުން 80 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އެމެރިކާގެ ސިފައިން ބުނެފި އެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހިރޮއިން ހިފައިގެން އިރާނުން ފުރި ބޯޓު ހުއްޓުވީ ގަލްފް އޮފް އޮމާން ސަރަހައްދުންނެވެ.
މީގެ ދެ ދުވަސް ކުރިން ވެސް އިރާނުން ފުރި ބޯޓެއްގައި ހުރި 30 މިލިއަން ޑޮލަރުގެ ހިރޮއިން އާއި މެތަމްފެޓަމައިން އަތުލައިގަތެވެ.

އެމެރިކާގެ ނޭވަލް ފޯސާޒް ސެންޓްރަލް ކޮމާންޑް (ނެވްސެންޓް) އިން ނެރުނު ބަޔާނެއްގައި ބުނީ ބުދަ ދުވަހު ޝައްކު ކުރެވޭ ބޯޓު ހުއްޓުވީ އެމެރިކާގެ ކޯސްޓުގާޑުން ކަމަށެވެ.
ނެވްސެންޓުން ބުނީ އިރާނުގެ ޗާހް ބަަހަރުން ފުރި ބޯޓު ބައިނަލްއަގްވާމީ ކަނޑުން ހުއްޓުވައި ބެލި އިރު، 1،964 ކިލޯގްރާމްގެ ހިރޮއިން ހުރި ކަމަށެވެ.
އޭގެ ކުރިން މޭ އަށް ވަނަ ދުވަހު ހުއްޓުވި ބޯޓުން ފެނުނީ 580 ކިލޯގެ މެތަމްފެޓަމައިން އާއި 35 ކިލޯގެ ހިރޮއިން އެވެ.
ރިޕޯޓުތައް ބުނާ ގޮތުން 2021 އިން 2022 އަށް މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ އާއި ބައިނަލްއަގްވާމީ ނޭވަލް ޔުނިޓްތަކުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހިފެހެއްޓި އެވެ. މި އަހަރު އެކަނިވެސް 250 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހިފަހައްޓާފައިވެ އެވެ.










