ރިޔާދް، ސައުދީ އަރަބިއްޔާ (މޭ 8) - ސޫދާންގައި ހަނގުރާމަ މެދުކަނޑާލަން ފެށި މަޝްވަރާއިން މިހާތަނަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.
ސޫދާންގެ ސިފައިންގެ ވެރިޔާ އާއި ވާދަވެރި އަސްކަރީ ގްރޫޕެއްގެ ވެރިޔަކާ ދެމެދު އޮތް ހަމަނުޖެހުން ގޯސްވެ، ހަނގުރާމަ ފެށީ އެޕްރީލް މަހު އެވެ.
ދެ ފަރާތް އެއްތަންކޮށް، ވަގުތީ ސުލްހައެއް ގެނެވޭތޯ ސައުދީ އަރަބިއްޔާ މެދުވެރިވެގެން މަޝްވަރާތައް ފެށީ ހޮނިހިރު ދުވަހު އެވެ. މަޝްވަރާ ކުރިއަށްދާ އިރު، ހަމަލާތައް ވެސް ދަނީ ކުރިއަށެވެ.

ސައުދީ އަރަބިއްޔާގެ އޮފިޝަލަކު ވިދާޅުވީ މަޝްވަރާގެ ލަނޑުދަނޑިތަކަކީ ވަގުތީ ސުލްހައެއް ގެނެސް، އާއްމުންނަށް އެހީ ފޯރުކޮށްދީ، ދާއިލީ ސުލްހައަކާ ހަމައަށް ދެވޭނެ ތާވަލެއް ކަނޑައެޅުން ކަމަށެވެ.
އެހެން ނަމަވެސް، އޮފިޝަލް ވިދާޅުވީ މިހާތަނަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި ދާއިމީ ސުލްހައަކާ ގުޅޭ މަޝްވަރާ ކުރަން ދެ ފަރާތުން ވެސް ބޭނުން ނުވާ ކަމަށެވެ.
"ދާއިމީ ސުލްހައާ މެދު މަޝްވަރާ ކުރަން ބޭނުމެއް ނުވޭ. ދެ ފަރާތުން ވެސް ގަބޫލުކުރަނީ ހަނގުރާމައިން ކާމިޔާބު ލިބޭނެ ކަމަށް."
ސޫދާންގައި ހަނގުރާމަ ކުރަނީ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އާ ދެމެދު އެވެ. ސިފައިންގެ ވެރިޔާ އަބްދެލް ފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގަލޯގެ ނުތަނަވަސްކަން ބޮޑުވެ ހަނގުރާމަ ފެށީ އެޕްރީލް 15 ގަ އެވެ.
ސޫދާންގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި އުމަރް އަލް ބަޝީރުގެ ސަރުކާރު ވައްޓާލީ 2019 ވަނަ އަހަރު ހިންގި އަސްކަރީ ބަގާވާތަކުންނެވެ.
އޭގެ ފަހުން ވެރިކަން ކުރީ އެކި ޕާޓީތަކުގެ މެދުގައި ބާރުތައް ބަހާލައިގެންނެވެ. އެކަމަކު 2021 ވަނަ އަހަރު އަނެއްކާވެސް އަސްކަރިއްޔާއިން ބަގާވާތް ކުރި އެވެ.
ދެ ވަނަ ބަގާވާތަށް ފަހު ވެރިކަން ކުރަން އުފެއްދި ކައުންސިލްގެ ވެރިޔާއަކީ ސިފައިންގެ އިސް ކޮމާންޑަރެވެ. އޭނާގެ ޑެޕިއުޓީއަށް ހަމަޖެއްސީ އާރްއެސްއެފްގެ އިސް ކޮމާންޑަރެވެ. މިހާރު ހަމަލާ ބަދަލުކުރަމުން ދަނީ އެ ދެ ކޮމާންޑަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.










