ޔުނައިޓެޑް ވިކްޓަރީއާ އެކު ކޯޗިން ކެރިއަރުގެ އާ ތަޖުރިބާއަށް ޝާކިއްޓެ ތައްޔާރު

May 8, 2023, 11:27 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ޝާކިއްޓެ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ޝާކިއްޓެ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެކު މި އަހަރުގެ ފުރަތަމަ ޑިވިޝަނަކީ އޭނާ އަށް ޗެލެންޖިން ތަޖުރިބާއަކަށް ވާނެކަމަށް މި ސީޒަންގައި ޔޫވީގެ ކޯޗުކަމާ ހަވާލުވި ޒުވާން ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު ކަމާއި ކުލަބު އީގަލްސްގެ ކޯޗިން ޓީމުގައި ކުރިން ހިމެނުނު ޝާކިއްޓެ މި ސީޒަންގައި ނިކުންނާނީ ޔޫވީއާ އެކު އެވެ. ޔުނައިޓެޑް ވިކްޓްރީ އަކީ މި ސީޒަނަށް އެންމެ ލަހުން ޕްރެކްޓިސް ފެށި އެއް ކުލަބެވެ.

ޕްރީ ސީޒަންގައި ޕްރެކްޓިސް ނުކުރެވޭތީ ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި ޔޫވީ ބައިވެރިނުވެ އެވެ. އެ ޓީމުން ޕްރެކްޓިސް ފެށީ ޕްރެޒިޑެންޓްސް ކުރިއަށް ދަނިކޮށެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށިއިރު ޔޫވީ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާކިއްޓެ ބުނީ ޔޫވީ އާއިއެކު މި ސީޒަނަކީ ޗެލެންޖިން މަސައްކަތަށްވާނެ ކަމަށާއި، ޒުވާން ގިނަ އާ ކުޅުންތެރިންނާ އެކު ނުކުތް ކަމުގައިވިޔަސް އުއްމީދަކީ ރަނގަޅު ކާމިޔާބެއް މި ސީޒަންގައި ހޯދުން ކަމަށެވެ.

ޔޫވީއާ އެކު މި ސީޒަންގައި އޭނާ އަށް މާ ބޮޑު ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށާއި ސަބަބަކީ އެ ޓީމުގެ މެނޭޖްމަންޓްގެ ޓާގެޓް މި ސީޒަންގައި އެހާ މަތި ނުވުމެވެ. އޭނާ ބުނީ ޅަ ކުޅުންތެރިން ގޮވައިގެން މި ސީޒަންގައި ތަފާތެއް ދެއްކުމަކީ އުއްމީދު ކަމަށެވެ.

"ހަގީގަތުގަ ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓްގެ އެކްސްޕެކްޓޭޝަން އެހާ ހައިއެއް ނޫން މި ފަހަރަކު. އެންވީމައެއް މާ ބޮޑު ޕްރެޝަރެއް އެބައޮތެކޭ ނުބުނެވޭނެ. އެކަމަކު، ހަމަ ކޯޗެއްގެ ހައިސިއްޔަތުން މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން ބޭނުން. ހާއްސަކޮށް ހަމަ ޅަ ކުޅުންތެރިންތަކެއް ގޮވައިގެން ނިކުމެ އެ ޓީމުން ކޮންމެވެސް ވަރެއްގެ ތަފާތެއް ދެއްކުން އެންމެ ބޮޑު އުއްމީދަކީ. ބެލުންތެރިންނަށްވެސް ތަފާތެއް ފެންނަކަން، ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ފެންނަކަން، މި ޓީމްގެ ރަނގަޅު ފިއުޗާއެއް އެބައޮތްކަން، އެންމެންނަށް ފެންނަން ހަމަ ބޭނުންވަނީ." ކުލަބު އީގަލްސްއާ އެކު ޔޫތު ޗެމްޕިއަންޝިޕް ތަށި ގިނަ ފަހަރުތަކެއް މަތިން ހޯދި ޝާކިއްޓެ ބުންޏެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެހުރި، ޝާކިއްޓެ ބުނީ ލީގަށް ތައްޔާރުވާން ޔޫވީއިން ޕްރެކްޓިސް ކުރީ 15 ވަރަކަށް ދުވަހު ކަމަށާއި، ލިބުނު ވަގުތަށް ބަލާއިރު ޓީމުގެ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ސީޒަންގެ ފުރަތަމަ މެޗުގައިވެސް ކުޅެން މި ޖެހެނީ އެންމެ ރަނގަޅަށް ސީޒަނަށް ތައްޔާރުވި ޓީމާ ދެކޮޅަށް ކަމަށާއި، ހުރިހާ ގޮތަކުން ބަލާއިރު ވެސް މިއީ އުނދަގޫ މެޗަކަށްވާނެ ކަމަށް ޝާކިއްޓެ ބުނެފައިވެ އެވެ.

"ޔޫވީ ލީގަށް ތައްޔާރުވާން މާ ގިނަ ޕްރެކްޓިސް އެއް ނުކުރޭ. ގާތްގަނޑަކަށް 15 ވަރަކަށް ދުވަހު މި ޕްރެކްޓިސް ކޮށްފަ މެޗަކާ މި ކުރިމަތިލަނީ. ދެން ހަމަ ފުރަތަމަވެސް ކުރިމަތިލާން މި ޖެހެނީ ލީގުގަ މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމާ. ދެން މި ލިބުނު މުއްދަތާ ބަލާފަ ހިތްހަމަޖެހޭވަރަށް ތައްޔާރުވެވިފަ މިއޮތީ." ޝާކިއްޓެ ބުންޏެވެ.

އޭނާ ބުނީ ޔޫވީ ޓީމްގައި ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނުހިމެނޭނެ ކަމަށާއި މިދިޔަ އަހަރު ޔޫވީ ޓީމްގައި ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު ތިބީ ފަސްވަރަކަށް ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ބާކީ ތިބި ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަނަށް އާ ކުޅުންތެރިންކަމަށާއި އޭގެ ތެރޭގައި 19 އަހަރުން ދަށުގެ ގައުމީ ޓީމްގެ ބައެއް ކުޅުންތެރިންނާއި ރަށް ރަށުން ފާހަގަކޮށްލެވުނު ޒުވާން ކުޅުންތެރިން ހިމެނޭ ކަމަށެވެ.

ޒުވާން ގިނަ ކުޅުންތެރިންނާ އެކު ފުރަތަމަ ޑިވިޝަނަށް ނިކުންނައިރު އެންމެ ބޮޑަށް ޓީމަށް ދިމާވާނީ ތަޖުރިބާގެ މައްސަލަ ކަމަށް އޭނާ ބުންޏެވެ.

"މީގަ ނިކުންނައިރު ތަޖުރިބާގެ މައްސަލަ ޖެހޭނެ. އެއީ ޒުވާން ކުޅުންތެރިން އަލަށް ހަމަ ޕްރިމިއާ ލީގަށް މި ނިކުންނަނީ. އެގާރައިގަ ވެސް ޒުވާން ކުޅުންތެރިން ތިބޭނެ. އެހެންވީމަ ފުރަތަމަ ހަމަ ތަޖުރިބާގެ މައްސަލަ ދިމާވާނެކަމަށް ގަބޫލުކުރެވެނީ." ޝާކިއްޓެ ބުންޏެވެ.

ޕްރެކްޓިސް ކުރަން ލިބުނު ވަގުތަށް ބަލާއިރު ލީގުގެ ކުރީކޮޅު އުނދަގޫތަކެއް ދިމާވާނެ ކަމަށާއި ކުޅުމުން ވެސް އާ ކަން ފެނުން އެކަށީގެންވާ ކަމަށް ޝާކިއްޓެ ބުނެ އެވެ. އެކަމަކު، ލީގު ކުރިއަށްދާ ވަރަކަށް ޓީމު ހަމައަކަށް އެޅި ކުޅުންތެރިންގެ ހުނަރު އޭނާ އުއްމީދުކުރާ ފެންވަރުގައި ފެންނާނެ ކަމަށެވެ.

"މި ކުޅުންތެރިންނަކީ ހުނަރުގެ ގޮތުން ބަލާއިރު ވަރަށް ރަނގަޅު ކުޅުންތެރިން. މި ކުދިންނަށް ބޭނުންވަނީ ޅަ ކުދިންނަށްވީމަ ތަޖުރިބާ. ހަމަ އެކުދިންނަށް ތަޖުރިބާ ލިބެމުންދާވަރަކަށް އެކުދިންގެ ހުނަރު ފެނި ހަމަ ޓީމްތަކަށް ނުރައްކާ ކުރަމުންދާނެ ކަމަށް ހަމަ ބެލެވެނީ." 2018 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ހޯދިއިރު އެސިސްޓަންޓަކަށް ހުރި ޝާކިއްޓެ ބުންޏެވެ.

ސީޒަންގެ ތައްޔާރީތަކަށް ބަލާއިރު އެއްވެސް މެޗެއް ނުކުޅެ ލީގާ ޔޫވީ އިން ކުރިމަތިލާން ޖެހުމުން އެކަމުގެ ތަފާތުވެސް ފެންނާނެ ކަމަށާއި، ދެން ހުރި ގިނަ ޓީމްތަކުން އެއް މުބާރާތް ކުޅެފައި އައުމަކީ ލީގުގައި އެ ޓީމްތަކަށް އެޑްވާންޓޭޖްތަކެއް ހުންނާނެ ކަމެއް ކަމަށް ވެސް ޝާކިއްޓެ ދެކެ އެވެ. އޭގެ ތެރެއިންވެސް މާދަމާގެ މެޗުގައި ޔޫވީއާ ދެކޮޅަށް ނިކުންނަ މާޒިޔާ ޓީމަށް "ގިނަ އެޑްވާންޓޭޖްތަކެއް" ހުރިކަން އޭނާ ފާހަގަކުރި އެވެ.

"ވަކިން ހާއްސަކޮށް މާދަމާ މެޗު ކުޅޭ މާޒިޔާ އަކީ އެންމެ ރަނގަޅަށް ތައްޔާރުވި ޓީމް. ރާއްޖެއިން ބޭރުގައި ކޭމްޕް ޖަހާފައި، އެއް މުބާރާތް ކާމިޔާބުކޮށްފައި، ގައުމީ ޓީމްގެ 14 ވަރަކަށް ކުޅުންތެރިންނާ އެކު އެ އޮތީ. އެހެން ބަލާއިރު މާޒިޔާ އަށް ބައިވަރު އެޑްވާންޓޭޖްތަކެއް އެބަހުރި." އޭނާ ބުންޏެވެ.

މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox