ސޫދާންގައި ހަނގުރާމަ ކުރަމުންދާ ދެ ފައުޖު, ސައުދީ އަރަބިއްޔާގެ ޖިއްދާގައި ސުލްހައިގެ މަޝްވަރާ ފަށަން ނިންމައިފި އެވެ.
ސޫދާންގައި ހަނގުރާމަ ކުރަނީ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އާ ދެމެދު އެވެ. ދެ ފައުޖުގެ ވެރިންގެ މެދުގައި މަޝްވަރާ ފަށަން ނިންމީ ހޮނިހިރު ދުވަހު އެވެ.
އެމެރިކާ އާއި ސައުދީ އަރަބިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ދެ ފައުޖުގެ މެދުގައި މަޝްވަރާ ފަށަން ނިންމުމުން މަަރުހަބާ ކިޔާ ކަމަށެވެ.
"ސޫދާންގެ ގައުމީ މަސްލަހަތާއި ރައްޔިތުންނާ މެދު ވިސްނައި، ދެ ފައުޖުން ވެސް މަޝްވަރާކޮށް، ހަމަލާ މެދުކަނޑާލައި، ދާއިލީ ހައްލެއް ހޯދަން ސައުދީ އަރަބިއްޔާ އާއި އެމެރިކާއިން ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.
މިއީ ސޫދާންގެ ދާހިލީ ހަނގުރާމައަށް ހައްލެއް ހޯދަން ކުރަމުންދާ ފުރަތަމަ މަސައްކަތެވެ. ސިފައިންގެ ވެރިޔާ އަބްދެލް ފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގަލޯގެ ނުތަނަވަސްކަން ބޮޑުވެ ހަނގުރާމަ ފެށީ އެޕްރީލް 15 ގަ އެވެ.
ސޫދާންގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި އުމަރް އަލް ބަޝީރުގެ ސަރުކާރު ވައްޓާލީ 2019 ވަނަ އަހަރު ހިންގި އަސްކަރީ ބަގާވާތަކުންނެވެ.
އޭގެ ފަހުން ވެރިކަން ކުރީ އެކި ޕާޓީތަކުގެ މެދުގައި ބާރުތައް ބަހާލައިގެންނެވެ. އެކަމަކު 2021 ވަނަ އަހަރު އަނެއްކާވެސް އަސްކަރިއްޔާއިން ބަގާވާތް ކުރި އެވެ.
ދެ ވަނަ ބަގާވާތަށް ފަހު ވެރިކަން ކުރަން އުފެއްދި ކައުންސިލްގެ ވެރިޔާއަކީ ސިފައިންގެ އިސް ކޮމާންޑަރެވެ. އޭނާގެ ޑެޕިއުޓީއަށް ހަމަޖެއްސީ އާރްއެސްއެފްގެ އިސް ކޮމާންޑަރެވެ. މިހާރު ހަމަލާ ބަދަލުކުރަމުން ދަނީ އެ ދެ ކޮމާންޑަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.










