ކޭމެއް ތައްޔާރު ކުރާނަމަ އެ ކޭމަށް ކުކުޅު ލުމަކީ ކޭމުގެ ފެންވަރު އަންގައިދޭ ކަމެކެވެ. މި ގޮތުން ތަފާތު އެކިއެކި މައުލޫދާއި، ފާތިހާ އާއި، ކުދިންނަށް ނަން ކިޔުމާއި، ނިޔާކުރުމާއި، އަދި ޒިކުރުކިޔުންފަދަ ކަންކަމަށް ކުކުޅުލީ ކޭން ތައްޔާރުކޮށް އުޅެ އެވެ.
އެކި ކަންކަމުގައި ކުކުޅު ކަތިލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ. ކުކުޅު ކަތިލާން ދަންނަ މީހަކު ފަސޭހައިން އަތުނުޖެހި، ކިތަންމެ ގިނައިރެއް ވިޔަސް އާދައިގެ މީހަކަށް ކުކުޅު ކަތިލާކަށް ނުކެރޭނެ އެވެ.
ކުކުޅު ކަތިލާ މީހާ އައިސް ބޮލުގައި ތާކިހަލެއް ނުވަތަ ފޮށައެއް އަޅަ އެވެ. އެއަށްފަހު މަސްވަޅި ނަގާ ފުނޑާދައިގައި ކާއްތާ ތޫނު ކޮށްލަ އެވެ. ބަނދެފައި އިންނަ ކުކުޅަށް ކަތިލުމުގެ ކުރިން ފެން ފޮދެއް ދެ އެވެ. "ފެންދީފަ ކަތިލުން" މި ބަސް އުފެދިގެން އައީ މިކަމަށް ނިސްބަތްކޮށް ކަމަށް ފެނެ އެވެ. ކުކުޅު ކަތިލާ މީހާ ބުނާ ގޮތެއްގެ މަތިން، ކުކުޅު ހިފަހައްޓާ މީހާ ހިފެހެއްޓުމުން ގިބުލައަށް ކުކުޅު ބާއްވާ ކިޔެވެއްޔެއް ކިޔެވުމަށް ފަހު ކަތިލަ އެވެ.
ކުކުޅު ނޮޅުން
ފަހަކަށް އައިސް އަތިރިމަތީގެ ހުރިހާ ހިސާބެއްގައި ވެސް ކުކުޅު ނޮޅަ އެވެ. ނަމަވެސް އެންމެ އިހުގައި ކުކުޅު ކަތިލައި ނޮޅަނީ ބޮނބި ތަޅާތަނުގަ އެވެ. ނުވަތަ ސަރަހައްދުގަ އެވެ. އެހެން ތަނަކު މި ކަންކަމެއް ނުކުރެވޭނެ އެވެ. މައުލޫދު ކިޔާ ދުވަސް ދުވަހު ރަށުގެ ކޮންމެ ގެއަކުން ކުކުޅު ކަތިލައިގެން އަތިރި މަތީގައި ނޮޅަން ތިބޭއިރު ރަށުގައި އޮތްނަމަ އޮތްހާ ކާޅެއް އަތިރިއަށް ނުކުމެ ބޯމަތީގައި އުދުހި ގޮވާ ހަދާނެ އެވެ. މިއީ ވަރަށް ހަނދާނުގައި ހުންނަ މަންޒަރެކެވެ. ހުރިހާ ކުދިންނާއި މީހުންގެ މޫނު މަތިންވެސް ފެންނާނީ އުފާވެރި ހިނިތުންވުމެކެވެ. ކުކުޅު ނޮޅުމުގެ މަސައްކަތުގައި ގިނައިން އުޅޭނީ ކުދިންނެވެ.

ފަތް
ކުކުޅު ހާލުގެ ތެރެއިން ހާލުގެ ފަތަކީ މަސްވެރިންނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ކުކުޅު ކަތިލާ ދުވަސް ދުވަހު ހާ ކަތިލައިގެން ހާ ނޮޅާ ތަންތަނުން އޭގެ ކަރުގެ ފަތްގަނޑާއި ބުރަކަށިމަތީގެ ފަތްގަނޑު ހޯދަ އެވެ. އެއީ އެ ފަތްތަކުން މަސްވެރިން ވަދު ބަނުމުގެ ބޭނުމުގަ އެވެ. ތަފާތު އެކިއެކި ސާމާނު ބޭނުންކޮށްގެން ވަދުބަންނަން ފެށީ މާފަހުންނެވެ. އޭގެ އިތުރުން ހާލުގެ ދެ ރާވަޅީގެ ތަނޑުކޮޅު ޖެހޭ ގޮތަށް އައްސައިގެން އެ ދުވަހު މަޑި އަރުވާ ގޮތަށް މައްޗަށް އަރުވާއުޅެއެވެ.
ތެޔޮ
ކުކުޅު ނޮޅާއިރު އޭގައި ހުންނަ ތެޔޮ، ނަގަ އެވެ. މިއީ ކުކުޅުގައި ޖަހާފައި ހުންނަ ސަރުބީ އެވެ. މި ތަކެތި ދަޅަކަށް އަޅައިގެން ކެއްކުމުން ވަރަށް ސާފު ތެލެއް ނުކުމެ އެވެ. ދެން މި ތެޔޮ ފުޅިއަކަށް އަޅާ ރައްކާ ކޮށްފައި ގޭގައި ބަހައްޓަ އެވެ. މިއީ ފިހޭ ތަންތަނަށް އަޅާ ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. މި ކަންތައްތައް ކުރާނީ ކުދިވެރިންނެވެ.
ކެއްކުން
ދިވެހިން މައިގަނޑު ގޮތެއްގައި ކައިއުޅުނީ ކަނޑުން ބާނާ މަހެވެ. ވަރަށް މަދު ފަހަރަކު ނޫނީ އެއްގަމު މަހެއް ނުލިބެ އެވެ. އެއްގަމު މަހުގެ ގޮތުގައި ގިނައިން ލިބޭ ބާވަތަކީ ކުކުޅު މަހެވެ. ކުކުޅަކީ ދިވެހިންގެ ތެރޭގައި ވަރަށް އަގު ބޮޑު، އެ ކެއުމަށްޓަކައި ވަރަށް ޝައުގުވެރިވާ ބާވަތެކެވެ. މައުލޫދަކަށް ނުވަތަ ފާތިހާއަކަށް ކުކުޅު ކަތިލިކަމުގައި ވިޔަސް، އެންމެ ބޮޑު ކުކުޅެއް ކަތިލަނީ ކޮންގެއަކުންތޯ ބަލާ މީހުން އުޅެއެވެ. އެ މީހުން އެ ކޭންތަކުގައި ބައިހައްދަން ވާއިރަށް އެ ކޭމުގައި އިށީނދެ އެވެ.
އާންމުކޮށް ކޭންތަކަށް ލަނީ ރޯސްކުރި ކުކުޅެވެ. ދުވަސްވީ ކުކުޅު ކައްކާއިރު މަޑުކުރުމަށްޓަކައި ބައި ރުފިޔާ ނުވަތަ ޅަފަޅޯ ފަދަ އެއްޗެއް ލައިއުޅެ އެވެ. އޭރުން ކުކުޅުގެ މަސްގަނޑު މަޑުވެ ކާން ފަސޭހަވެ އެވެ. ކުކުޅު ކެއުމުގައި ކޮންމެ މީހަކުވެސް ކުކުޅުގެ ވައިނޮޅި ކަށިގަނޑު ކެވޭތޯ ބަލާނެ އެވެ. ވައިނޮޅި ކަށިގަނޑު ކައިފި މީހަކަށް "ސާޅީސް ނުވަނީސް ކުކުޅެއް ކާން ލިބޭނެ ކަމަށް ބުނެ އެވެ." މިއީ ކުކުޅުގައި މަސް އެންމެ މަދު ބަ އެވެ.
ރޭގަނޑު ކުކުޅު ހިފުން
ޒަމާން ބަދަލުވަމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ތަފާތު ބަދަލުތައް އަންނަމުންދެ އެވެ. މިގޮތުން މީހުން ގެންގުޅޭ ކުކުޅުހާ ރޭގަނޑު ދަންވަރު ވަގަށް ހިފައިގެން ކާންފެށިއެވެ. ކުކުޅު ހިފާއުޅެނީ ރޭގަނޑު ގަސްގަހަށް ބައްތި އަލިކޮށްގެންނެވެ. މިއީ ވަރަށް ހުސިޔާރު ވެގެން ކުރެވޭ ކަމެކެވެ. ރޭގަނޑު ވަލުތެރޭގައި ދުވެ ކުކުޅު ހިފުމަކީ ޒުވާން ކުދިން ކުޅޭ މަޖާ ކުޅިވަރެއްވެސްމެ އެވެ.
ވަގު ކުކުޅު
ވަކި މީހަކަށް ނިސްބަތް ނުވާ ކުކުޅުހާ ވަލުގައި ދިރިއުޅެ އެވެ. މި ކުކުޅަށް ކިޔަނީ ވަގު ކުކުޅެވެ. ވަގު ކުކުޅެއްކަން ގިނަ ފަހަރަށް އެނގޭނީ މީހަކު ފެނުމާއެކު އުދުއްސައިގަތުމުންނެވެ. ވަލު ތެރޭގައި މި ސޮރުމެން މާގިނައިން އުޅޭ ސަރަހައްދުތައް ފާހަގަ ކުރެވެއެވެ. މި ސަރަހައްދު ތަކުގައި ވާންޖަހައިގެން ވަގުކުކުޅު ހިފައެވެ.
ހިނޭ ޖެހުން
ދޫނި ސޫފާސޫފީގެ ތެރެއިން ކުކުޅު ފާހަގަ ކުރެވެނީ ފެނާ ދުރު އެއްޗެއްގެ ގޮތުގައެވެ. ވިއްސާރަ މޫސުމުގައިވެސް ވިއްސާރައިން ސަލާމަތްވުމަށް ވަރަށް މަސައްކަތް ކުރެ އެވެ. އެހެން ދޫނިތައް ފެނުން ފެންވަރާ ތާހިރުވާ ފަދައިން މިސޮރު ތާހިރުވަނީ ވެލިންނެވެ. ވެލީގެ ތެރެއިން ހިރަފުސް ބޯކޮށް ހުންނަ ތަންތަނުން ހިނަ އެވެ. ހިނައި ނިމިގެން ގައި ހަދާލާއިރު، ދޫނި ފެނުން ފެންވެރުމުން އެސޮރުމުންގެ ފަތްތަކުގައި އެހުންނަ ސާފުކަން އާދެއެވެ.
މައިން ބަފައިން ދަރިންގެ ގާތު ފެންވަރަން ދާށޭ ބުނުމުން ފަހުން ދާނަމޭ ބުނެ އެވެ. މިހެން "ފަހުން" ދާނަމޭ ބުނުމުން "ފަހުން ދާން ހުރެގެން ކުކުޅަށް ވީގޮތް ވެދާނެޔޭ" ބުނެ އެވެ. ބުނެވޭ ގޮތުގައި ހުރިހާ ޖަނަވަރުންނަށް ފެންވަރަން ދާން ގޮވާލުމުން ކުކުޅު ހުރީ އެންމެ ފަހުން ފެންވަރާށެވެ. ހުރިހާ ޖަނަވާރެއް ފެންވަރާ ނިމުމުން، ކުކުޅު ފެންވަރަން ދިޔައިރު ހުރީ ފެން ހުސްވެފަ އެވެ. ކުކުޅަށް ލިބުނީ "ފަހެވެ"، ނުވަތަ ވެއްޔެވެ. އޭގެ ފަހުން ކުކުޅަށް ފެންވަރަން ޖެހުނީ "ފަހުން" ނެވެ.
ނިދަން އެރުމާ/ ކަރު އެނބުރުން
ގޭދޮށުގައި ގެންގުޅޭ ކުކުޅު ނިދަން އަރާނީ ގޭދޮށުގައި ހުންނަ ކޮންމެވެސް ގަހަކަށެވެ. ނުވަތަ އެ ބަޔަކު ގެންގުޅޭ ގޮތެއްގެ މަތިން ގޭ ފުރާޅަށް ނުވަތަ ބަދިގެ ފުރާޅަށެވެ. ކުކުޅަކީ އެސޮރު ނިދާތަން ވަރަށް ރަނގަޅަށް ފާހަގަކޮށް ބަލާ އެއްޗެކެވެ. މިކަމާ ގުޅުވައިގެން ބުނެއުޅޭ ބަހެއް އޮވެއެވެ.
އަޅުގަނޑުމެން ކުޑައިރު ބޭރުގޭ ތެރޭގައި ނިދަން ހުންނާނީ ބޮޑުއަށި ފިޔަވާ އެންމެ އެނދެކެވެ. ބޮޑުއަށީގައި ހުރަހަށް ވަރަށް ގިނަ ކުދިންނަށް ނިދަން ތިބެވޭނެ އެވެ. ނިދަން ތިބެން ޖެހޭނީ ކޮންމެ ރެއަކުވެސް ތިބޭ ތަރުތީބުންނެވެ. ބައެއް ރޭރޭ ތަން އޮޅުވާލައިގެން މައްސަލަ ޖެހިގެން ޒުވާބު ކުރާއިރު، މަންމަ ބޮލަށް އުނދަގޫ ވެގެން އައިސް ބުނެ އެވެ. "ކުކުޅު ހާލަށްވެސް ނިދަން އަރާތަން އެނގެ އެވެ." އެ ކުއްޖަކު ނިދާތާކު އެކުއްޖަކު ނިދަން އޮންނާށެވެ.
ކުކުޅު ރޭގަނޑު ގަހުގައި ނިދަން ތިބޭއިރު ބައެއް ރޭރޭ ފާޑަކަށް ހޭރިގަންނަ އަޑެއް އިވެ އެވެ. މިއަޑު އިވުމުން އެއިވުނީ "ކުކުޅު ކަރު އަނބުރާލި އަޑޭ" ބުނެ އެވެ. އެއަޑު އިވުމުން ހިތުގައި ބިރުވެރި ކަމެއް ހިނގާނެ އެވެ. އެކަކުވެސް ބަލައިލާކަށް ނުނިކުންނާނެއެވެ. ހެނދުނު ވާއިރު ކުކުޅު އޮންނާނީ ފާޑަކަށް ކަރު އެނބުރި މަރުވެ ހަރުވެފައެވެ. މިއީ ޖިންނި ޝައިތާނެއްގެ އުނދަގުލެއް ކަމަށް ކިޔައެވެ.
ހުއްޓުން
ޒަމާނުން ފެށިގެން ދިވެހިން ގޭގައި އޮޅުކޮށްގެން، ކުކުޅު ގެންގުޅުން މިހާރު ވަނީ ހުއްޓިފަ އެވެ. މިކަން ހުއްޓެން މެދުވެރިވި ސަބަބުތައް ވަރަށް ގިނަ އެވެ. މި ގޮތުން މީހުންގެ ދިރިއުޅުމަށްއައި ބަދަލާއެކު ގެދޮރަށްއައި ތަރައްގީވެސް ފާހަގަ ކޮށްލެވެ އެވެ. ގޭތެރެއަށް ވެލިލައިގެން ބެލެހެއްޓި ޒަމާން ފަސްދީ، ތަޅުމުގެ ޒަމާން ފަސްދީ މިއަދުވަނީ މުއްޓަށް ބަދަލު ވެފަ އެވެ. އޭރުގައި ގޭތެރެއަށް ކުކުޅު ވަދެ ތިން ހަތަރު ތަނުގައި ކުކުޅު ނަޖިސް ހުއްޓެއް ކަމަކު މިއަދުގެ ސިޓިންރޫމް ތަކަކަށް އެސޮރުމެން ވަދެ އުޅުމުގެ ފުރުސަތެއް ނެތެވެ. އެކިއެކި ވަލީވެރިންނަށް ނަދުރު ބުނެގެން ކުކުޅުތައް ބޮޑެތި ކުރާކަށް މިއަދަކު ނުޖެހެ އެވެ. ވަދު ބަންނާކަށް ކެޔޮޅުންގެ ގޭގައި ތިން ހަތަރު ހާ ބޮޑެތި ކުރުމުގެ ބޭނުމެއް ނެތެވެ. ކެއުމަށްޓަކައި ކޮންމެ ވަގުތަކު ކުކުޅެއް ތައްޔާރު ކޮށްލަން ވިޔަސް، ފިހާރައިން ގެނެސް ތައްޔާރު ކޮށްލެވޭކަމީ ދިވެހި ކުކުޅުހާ މީރު ނޫނަސް، މީރުވާ ކަމެކެވެ.
ފުރަތަމަ އަދި ދެ ވަނަ ބައި








