ދެ ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ، ދިވެހިރާއްޖޭގެ ވެރިކަން ހިންގާ މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބައިބޯ އަދި އެންމެ ގަސް މަދު އެއް ސިޓީ އެވެ. ބޮޑު ހޭދައެއްކޮށްގެން މާލެ ފެހި ކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ މި ބައިބޯކަމުގެ ތެރެއަށް ކޮންމެވެސް ވަރެއްގެ ފެހިކަމެއް ވެއްދުމެވެ.
އެކަމަކު، މާލެ ފެހި ކުރުމުގެ ޕްރޮގްރާމުގެ ދަށުން މި ރަށުގެ ހާބަރާ ދިމާލު ބޮޑުތަކުރުފާނު މަގުގައި އިންދި ކަދުރު ރުއްތަކަކީ ރާއްޖޭގައި ރެކޯޑްކޮށްފައިވާ 583 ބާވަތުގެ ގަހުގެ ތެރޭގައި ހިމެނޭ އާންމުކޮށް ހެދޭ ބާވަތުގެ ގަހެއް ނޫނެވެ. ގަސް އިންދުމުގެ ޕްރޮގްރާމަށް އަހަރެއްވީއިރު ބޮޑު ހޭދައެއްކޮށްގެން ބޮޑުތަކުރުފާނު މަގުގައި އިންދި 200 އެއްހާ ކަދުރު ރުއް މިއަދު ފެންނަނީ ނިކަމެތިކޮށެވެ.
"ކަދުރު ރުއް ހުރެދާނެ އެތަނުގަ އިންދީމަ މަރު ނުވެ ނުވެސް ނުދިރި. އެކަމަކު އޭގެ މޫތައް ރީތިކޮށް ފެތުރި އެ ހެދެންވާ ގޮތަކަށް ނުހެދޭނެ," ތިމާވެއްޓާ ގުޅޭ ތަފާތު މަސައްކަތް ކުރައްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި އެވެ.
ގަސްގަހާގެހީގެ ތަޖުރިބާކާރުން ބުނަނީ އިންދި ރުކުގެ ބާވަތުން، ގަސް ނިކަމެތިވެދާނެކަން ކުރިން ވެސް ލަފާ ކުރެވުނު ކަމަށެވެ. ބޮޑުތަކުރުފާނު މަގުގައި އިންދި ރުއްތަކުގެ ކުރިމަގެއް ނެތް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
އެކަމަކު، މާލެ ފެހި ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދިޔަ މާލޭ ސިޓީ ކައުންސިލުން ބުނަނީ އެ ރުއްތައް އަދި ފޯދި، ފައްކާވާނެ ކަމަށެވެ. ކައުންސިލުން ބުނަނީ ރުއް އިންދީ އެތަނުގައި އެ ރަނގަޅަށް ހެދޭނެކަން ކަށަވަރުކޮށްފައި ކަމަށެވެ.

ބޭރުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތައް ހިކެމުން ދަނީ -- ފޮޓޯ: އިޔާން/އަދަދު
މަޑުމަޑުން ކަދުރު ރުއްތަކުގެ ފަންތައް ހިކެމުން ދަނީ އެވެ. ކަމުގެ ތަޖުރިބާކާރުން ބުނަނީ ކަދުރު ރުއްތައް އިންދި ލޮކޭޝަނާއި އިންދި ގޮތުން އެ ރުއްތައް ހެދޭނެކަމުގެ އުންމީދު ކުޑަ ކަމަށެވެ. ނަމަވެސް, ސިޓީ ކައުންސިލުން އަދިވެސް މި ރުއްތައް ހެދޭނެ ކަމަށް ކުރާ އުންމީދު ބޮޑެވެ.
"ރުއްތައް މަރެއް ނުވޭ އެއްގޮތަކަށް ވެސް. ހަމަ ވަރަށް ރަނގަޅަށް ރުއްތައް ހެދެމުން ދަނީ. އާފަންތަކާ އެއްޗިހި ވެސް ނުކުމެ ހަމަ ރަނގަޅު," މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާ ގޮތުގާ ކަދުރު ރުއްތައް ދަނީ "ހަމަ ރަނގަޅަށް" ހެދެމުންނެވެ.
މުއިއްޒު ވިދާޅުވީ ކަދުރު ރުއްތަކުގެ ފަންތައް ހިކެމުން ދަނީ މިދުވަސްވަރު އެ ރުއްތަކަށް ލޮނު ބުރާތީ ކަމަށެވެ. އަދި, އޭނާ ވިދާޅުވީ މާ ބޮޑުކަމެއް ނުކޮށް ފެން ޖަހާލުމުން ވެސް މައްސަލަ ހައްލުވާނެ ކަމަށެވެ. ރުއްތައް ހަަލާކުވެފައި ހުރީ ހަމައެކަނި ސްޓެލްކޯ ސަރަހައްދުގައި ކަމަށާއި، ރުއްތަކަަށް ލޮނުގެ އަސަރު ކުރަނީ މި މޫސުމުގެ ގޮތުން ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
"ބޮޑަށް ސްޓެލްކޯއާ ދިމާލުން ރުއްތަކުގެ ފަން ހިކިފައި ހުންނާނީ. އެއީ މި މޫސުމުގެ ގޮތުން ރުއްތަކަށް ލޮނު ބުރާތީ," މުއިއްޒު ވިދާޅުވި އެވެ.
އެ ރުއްތައް އިންދާފައި ހުންނާނީ ކަމާބެހޭ އެކްސްޕާޓެއް ހުރެގެން އޭނާގެ ލަފާގެ މަތިން ކަމަށާއި، މިހާރު ރުއްތައް ބަލަހައްޓަމުން ދަނީ ވެސް އޭނާގެ ބެލުމުގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މިކަމުގެ އީކޯކެއާގެ ޗެއާމަން މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ދެކޭ ގޮތް ތަފާތެވެ. އޭނާ ވިދާޅުވާ ގޮތުން ކަދުރު ރުއްތައް މިގޮތަށް ހިކެމުން ދަނީ އެ ރުކަކީ ރާއްޖޭގެ މާހައުލާ ގުޅޭ އެއްޗަކަށް ނުވުމާއި، ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ރުއްތަކަކީ ވަރަށް ބޮޑަށް ލޮނުގެ އަސަރުކުރާ ރުއްތަކަކަށް ވާތީ އެވެ.

ކަދުރު ރުކަކީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ބާވަތެއް ނޫން ކަމަށް މީމު ޒަވިޔަނި ގަބޫލުކުރޭ -- ފޮޓޯ: އިޔާން/އަދަދު
އޭނާ ފާހަގަކުރެއްވި ގޮތުގާ ކިތަންމެ ފަރުވާ ކުޑަކޮށް އިންދާފައި ހުރި ނަމަވެސް އެ ރުއްރުކަކީ ފަސޭހައިން މަރުވާ އެއްޗެއް ނޫނެނެވެ. އެގޮތުން, މާލެ ސިޓީ ކައުންސިލުގެ ގަސްވިއްކާ ފިހާރައިގައި ކުޑަ ޕޮޓަކަށް ޖަހާފައި އިންދާފައި ހުރި ރުއް އަދިވެސް މަރުވެ ނުވެ ހުރުން މިސާލަކަށް ދެއްކެވި އެވެ.
މާލޭ އެކި ސަރަހައްދުތަކުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގެ އަގު ވަކިން އެނގެން ނެތް ނަމަވެސް 300 އެއްހާ މޭވާ ގަހާއި އެކު ޖުމްލަ އަގު ދެމިލިއަނަށް އަރަ އެވެ. އެ ރުއްތަކުގައި އަޅާ ކަދުރަކީ ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށް މިކަން ދަންނަ މާހިރުން ބުނެ އެވެ. ކަން މިހެން އޮތް އިރު ހިޔަލަކަށް ކޮންމެވެސް ވަރަކަށް ބޭނުންކުރެވޭނެ މި އަގުބޮޑު ކަދުރު ރުއްތައް މަރުވެގެން ދިއުން އެއީ ކަންބޮޑުވުމެކެވެ.












