ޖަލުގެ އެއްވެސް ފާހާނާއެއްގައި ކެމެރާ ހަރުކޮށްފައި ނުހުންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާ ޖަލު އެޕާޓުމެންޓާއި ފާހާނާގައި ވެސް ކެމެރާ ހަރުކޮށްފައި ހުންނަ ކަމަށާއި، ޔާމީންގެ ހުރިހާ "މޫވްމަންޓު"ތަކެއް ބަލަމން ދާކަމަށް ތުހުމަތުކޮށްފަ އެވެ.
ޔާމީން ހުންނަވާ ޖަލު އެޕާޓުމެންޓާއި ފާހާނާގައި ކެމެރާއެއް ހުރޭތޯ ސުވާލުކުރުމުން ކަރެކްޝަނުގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު "އަދަދު"އަށް ވިދާޅުވީ ޔާމީނު ހުންނަވާ ޖަލު އެޕާޓުމެންޓުވެސް އެހެން ގައިދީން ތިބޭ ގޮޅިތަކެކޭ އެއްފަދައިން މޮނިޓާ ކުރެވެމުން ދާނެ ކަމަށެވެ.
"ޖަލުގެ އެއްވެސް ތަނެއްގެ ފާހާނާއެއްގައެއް އަަޅުގަނޑުމެން ކެމެރާއެއް ހަރުކޮށްފައެއް ނުހުންނާނެ. އެކަަމަކު އެހެން ތަންތަނުުގަ މޮނިޓަރިންނަށް ދެން ހުންނާނެ ދެއްތޯ ކެމެރާ ހަރުކުރެވިފައި،" ޔުސްރީން ވިދާޅުވި އެވެ.
"[އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން މައުލޫމާތު ލިބެނީ] ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް،" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލިވުމުއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެގޮތުން ރައީސް ޔާމީނު ހުންނަވާ ޖަލު އެޕާޓުމެންޓާއި ފާހާނާތެރެ އިމްރާން ބައްލަވާކަމަށް ތުހުމަތުކުރި އެވެ. އަދި ޔާމީނަށް ދެމުންދާ އަނިޔާގެ ފަހަތުގައި އިސްވެ ހުންނެވީ ވެސް އިމްރާނު ކަމަށް ތުހުމަތުކުރި އެވެ.
އިމްރާން ވަނީ މި ތުހުމަތުތައް ދޮގުކޮށް ރައީސް ޔާމީނުގެ ކަރާމާތަށް އުނިކަމެއް އަންނަފަދަ ކަމެއް ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނަކީ އެންމެ ގިނަ ހިދުމަތްތައް ލިބޭ ގައިދީކަމަށް ވެސް ވިދާޅުވި އެވެ.











