މިއުނިކް (އޭޕްރީލް 30) - ޖަރުމަނު ލީގުގައި މިރޭ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، ހާތާ ބާލިންގެ މައްޗަށް 2-0 އިން ކުރި ހޯދައި ފުރުސަތުގެ ފައިދާނަގައި، ބަޔާން މިއުނިކުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ހުކުރު ދުވަހުގެރޭ ބޮކުމްއާ އެއްވަރުވެ، ޑޯޓްމަންޑަށް މަގާމު ދަމަހައްޓަން އަމިއްލަ ބާރު އޮތީ ގެއްލިފަ އެވެ. ހާލަތުގެ ފައިދާނަގައި، ބަޔާނުން އެއް ވަނަ އަށް އެރީ 30 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ.
ޖަރުމަނު ލީގުގެ އެންމެ ފުލުގައި އޮތް ހާތާ ބާލިން އިން ވަނީ ފުރަތަމަ ހާފުގައި ބަޔާންގެ އެޓޭކްތައް ހުއްޓުވަން ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބާލިންގެ ޑިފެންސް ރޫޅާލައި، ގޯލެއް ޖަހަން ބަޔާނުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ 69 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ހަލުވި، ވިންގް، ސާޖް ގްނަބްރީ އެވެ. ޔޯސުއާ ކިމިކް ނެގި ހުރަހަކަށް އަރައި، ގްނަބްރީ ވަނީ ބޮލުން ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީޑުނެގިތާ 10 މިނިޓް ފަހުން، މެޗުގެ 79 ވަަނަ މިނިޓްގައި ބަޔާނުން ދެ ވަނަ ގޯލު ޖެހިއިރު ވެސް ތަފާތު ދެއްކި އެއް ކުުޅުންތެރިއަކީ ކިމިކް އެވެ. މި ފަހަރު ކިމިކް ދިން ބޯޅައިން ގޯލު ޖެހީ ކިންގްސްލީ ކޯމަން އެވެ. ކޯމަން ގޯލަށް ބޯޅަ ފޮނުވާލީ އެ ހުއްޓުވަން ބާލިންގެ ކީޕަރު މެނުއަލް ރައިމަން އަށް މާ ބޮޑު ފުރުސަތެއް ނުދީ އެވެ.
މެޗަށް ފަހު ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިއީ މި ދަނޑިވަޅަށް ބަލާއިރު، ބަޔާނަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ މޮޅެއް ކަމަށެވެ. އަދި ހާތާ ބާލިން އޮތް މަގާމުގެ ގޮތުން ބަޔާނަށް މި މެޗުގައި ފަސޭހައިން މޮޅުވެވޭނެ ކަމަށް ގިނަ ބަޔަކަަށް ހީވާނެ ކަމަށާއި އެކަމަކު، ކުޅެން ޖެހުނު ޕްރެޝަރާ ބަލާއިރު، ލިބުނު ތިން ޕޮއިންޓް ހުރިހާ ގޮތަކުން ވެސް މުހިންމު ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.












