މިއުނިކް (އޭޕްރީލް 30) - ޖަރުމަނު ލީގުގައި ރޭ ބޮކުމްއާ 1-1 އިން އެއްވަރުވެ، ބޮރޫޝިއާ ޑޯޓްމަންޑަށް ލީގުގެ އެއް ވަަނަ މަގާމު ގެއްލުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ރޭގެ ނަތީޖާ އަށް ފަހު ޑޯޓްމަންޑް ލީގުގެ އެއް ވަަނައިގައި އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ވަނީ 29 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ފުލުގައި އޮތް ހާތާ ބާލިން އަތުން ބަޔާން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބޮކުމް އިން ވަނީ ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. މިއީ އޭރިއާބޭރުން ބޮކުމްގެ އެންތޮނީ ލޮސީލާ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، ޑޯޓްމަންޑުން ވަނީ ކަރިމް އަޑިޔޭމީގެ ގޯލުން ނަތީޖާ ހަމަހަަމަކޮށްފަ އެވެ. މިއީ އޭރިއާތެރެއަށް، ނެގި ހުރަހަކަށް ހުސްކޮށް އަރައި، އަޑިޔޭމީ ޖެހި ގޯލެކެވެ.
މެޗުގެ ބާކީ ބައިގައި ޑޯޓްމަންޑް މޮޅުކޮށްދޭން ގިނަ ފުރުސަތުތަކެއް އެ ޓީމުގެ ކުޅުންތެރިން ތަނަވަސްކުރި އެވެ. އެކަމަކު، އޭގެއިން އެއްވެސް ބޯޅައެއް ގޯލަކަށް ހަދައިނުލެވުނެވެ. މި މެޗުގައި ޑޯޓްމަންޑަށް ދެން ގޯލެއް ޖަހައިދޭން އެންމެ ގާތަށް ޖެހިލީ ޖޫޑް ބެލިންހަމް އެވެ.
މި މެޗުގެ ރެފްރީ، ޝާޝާ ސްޓެގެމަންގެ ނިންމުމަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ ގޮތުން ދެ ވަނަ ހާފުގައި ބޮކުމްގެ އޭރިއާތެރެއިން އެ ޓީމުގެ ޑަނީލޯ ސޮއާރޭސް ވަނީ ޑޯޓްމަންޑްގެ އަޑިޔޭމީ އަށް ފައުލުކޮށްފަ އެވެ. އެކަމަކު، ރެފްރީ ސްޓެގެމަން ނިންމީ ވީއޭއާރް ވެސް ބަލަން ނުޖެހޭ ކަމަށެވެ. އެކަމާ ޖަރުމަނު މީޑިއާ އިން ވަނީ ސުވާލު އުފައްދައިފަ އެވެ.












