މެޑްރިޑް (އޭޕްރީލް 30) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކަރިމް ބެންޒެމާގެ ހެޓްރިކާ އެކު 4-2 އިން އަލްމޭރިއާ އަތުން މޮޅުވިއިރު، 15 އަހަރުގެ ޔަމާލް ބާސެލޯނާގެ ރެކޯޑެއް ގާއިމްކުރި މެޗުގައި އެ ޓީމުން ރެއާލް ބެޓިސް އަތުން 4-0 އިން މޮޅުވެއްޖެ އެވެ.
ރޭގެ ނަތީޖާތަކާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 32 މެޗުން 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 32 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް ރޭގެ މެޗުގެ 17 މިނިޓް ތެރޭ ބެންޒެމާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މިއީ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރީގޯ ދިން ބޯޅަތަކުން ބެންޒެމާ ޖެހި ދެ ލަނޑެވެ. މެޗުގެ 42 ވަނަ މިނިޓްގައި ބެންޒެމާ ވަނީ ޕެނަލްޓީ އަކުން ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ލަނޑުތަކާ އެކު ބެންޒެމާ ވަނީ ސްޕެނިޝް ލީގުގައި 236 ލަނޑު ހަަމަކޮށް، ލީގު ތާރީހުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ބެންޒެމާ އަށް ވުރެ ގިނައިން ސްޕެނިޝް ލީގުގައި ގޯލު ޖެހީ 474 ފޯލު ޖެހި ލިއޮނަލް މެސީ އާއި 311 ގޯލު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި 252 ގޯލު ޖެހި ޒައްރާ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިތަނުން ރެއާލްގެ ފަހު ގޯލު ޖެހީ ރޮޑްރީގޯ އެވެ. އޭގެ ކުރިން އަލްމޭރިއާ އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯލެއް ޖެހި އެވެ. މިއީ ލަޒާރޯ ވިނީޝިއުސް އެވެ. ދެ ވަނަ ހާފުގައި އަލްމޭރިއާގެ ދެ ވަނަ ގޯލު ޖެހީ ލޫކަސް ރޮބާޓޯނޭ އެވެ.
ބެޓިސް ކޮޅަށް ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ގޯލުގެ ލީޑެއް ނެގި އެވެ. މި ލަނޑުތައް ޖެހީ އަންދްރެއަސް ކްރިސްޓެންސަން އާއި ރޮބަޓް ލެވަންޑޯސްކީ އަދި ރަފީނިއާ އެވެ. ކްރިސްޓެންސަން ގޯލު ޖެހީ ރަފީނިއާގެ ހުރަހަކުން ބޮލުންނެވެ. ޖޫލްސް ކޫންޑޭގެ ހުރަހަކުން ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ. އަދި ރަފީނިއާ ޖެހި ލަނޑު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ނޫން ކަން ކަށަވަރުކުރުމަށް ފަހު އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ޖެހި ގޯލަކީ ބެޓިސްގެ ގީޑޯ ރޮޑްރިގޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ބާސެލޯނާގެ އަންސޫ ފާޓީގެ ހުރަހެއް ދިފާއުކުރަން އުޅެނިކޮށް ރޮޑްރިގޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުގެ 84 ވަނަ މިނިޓްގައި ބާސެލޯނާ އިން ވަނީ ގަވީގެ ބަދަލުގައި 15 އަހަރުގެ ޔަމާލް ކުޅެން އަރުވައިފަ އެވެ. އުމުރުން 15 އަހަރާއި 290 ދުވަހުގައި ރޭގެ މެޗުގައި ކުޅުނު ޔަމާލަކީ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާ އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އަދި ލީގުގެ ތާރީހުގައި މެޗެއްގައި ފެނުނު ފަސް ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
މިދިޔަ ހަފްތާގައި ޔަމާލް ވަނީ ބާސެލޯނާގެ ސްކޮޑުގައި ހިމެނިފަ އެވެ. މި ހަފްތާގައި މެޗެއްގައި ކުުޅުނުއިރު، އޭނާ އަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް އިތުބާރުކުރެ އެެވެ.












