މެންޗެސްޓާ (އޭޕްރީލް 30) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު މާސެލް ސަބިޓްޒާ އަށް ދާއިމީ ކޮންޓްރެކްޓެއް ހުށަހެޅުން ދުރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖަރުމަންގެ ބަޔާން މިޔުނިކް ދޫކޮށް، ސަބިޓްޒާ ޔުނައިޓެޑާ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ. އޭނާ ޔުނައިޓެޑްގައި ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ސަބިޓްޒާ އެ ކުލަބުގައި ބެހެއްޓުމަށް ގޮވާލައިފަ އެވެ.
މިހާތަނަށް ޔުނައިޓެޑަށް ސަބިޓްޒާ ކުޅުނު 12 މެޗުގައި އޭނާ ވަނީ ތިން ގޯލު ޖަހައި އިތުރު ގޯލެއް ޖެހުމަށް އެހީވެދީފަ އެވެ.
ސަބިޓްޒާ އަށް ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ނުދެއްކޭ މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަތަކެވެ. މަދު މެޗުތަކެއް ޔުނައިޓެޑަށް ކުޅެދިން ނަަމަވެސް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ގަބޫލުކުރާ ގޮތުގައި ސަބިޓްޒާ އަކީ ޔުނައިޓެޑަށް ބޭނުން ހިފިދާނެ ކުޅުންތެެރިއެކެވެ.
މިދިޔަ މަހު އޭނާ ވަނީ ސަބިޓްޒާ އަށް އޭނާގެ އިތުބާރު އޮތް ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހަކަށް އައިސް ސްކޮޓް މެކްޓޮމިނޭ ކުޅުން ރަނގަޅުކޮށްފައިވުމާއި، ކްރިސްޓިއަން އެރިކްސަން ފިޓުވެފައި ވުމުން ސަބިޓްޒާ އަށް މެޗުތަކުން ފުރުސަތު ލިބުން ކުޑަކަމަށް ބެލެވެ އެވެ.
ޔުނައިޓެޑުން ބޭނުންވަނީ އާ ސީޒަން ފެށުމުގެ ކުރިން ބޮޑު އަގުގައި އެހެން މިޑްފިލްޑަރެއް ގަންނާށެވެ. އެ ގޮތުން މި ވަގުތު އެކުލަބުން ކުޅުންތެރިންތަކެއް ޝޯޓްލިސްޓު ކޮށްފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ގަވީ، ފުލްހަމް ޖޮއާއޯ ފަލިންހާ، ޔުވެންޓަސްގެ އަޑްރިއަން ރަބިއޯ އަދި ބްރައިޓަންގެ އަލެކްސިސް މެކަލިސްޓާ ހިމެނެ އެވެ.
ޔުނައިޓެޑުން ސަބިޓްޒާގެ ލޯން އެއްބަސްވުން ދާއިމީ ކުރަން ބޭނުންވާ ނަމަ 25 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެ އެވެ. ބަޔާނަށް ކުޅުންތެރިޔާގެ އަގުގެ ގޮތުގައި 20 މިލިއަން ޕައުންޑު ހޭދަކުރަން ޖެހޭއިރު އޭޖެންޓް ފީގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ދޭން ޖެހޭނެ އެވެ.
ސަބިޓްޒާ ގަތުމަށް ޔުނައިޓެޑުން ބޭނުންވަނީ 15 މިލިއަން ޕައުންޑަށެވެ. މި އަގަށް ބަޔާނުން އެއްބަހެއް ނުވެ އެވެ.
މި ވަގުތު ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑުން ވަނީ މި އަހަރުގެ އިނގިރޭސި ލީގު ކަޕް އުފުލާލައިފަ އެވެ. އެފްއޭ ކަޕްގެ ފައިނަލުން ވެސް އެ ޓީމު ޖާގަ ހޯދާފައިވާއިރު ޔޫރޮޕާ ލީގުން އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ.












