މޮރިޝަސްއަށް ސިޓީ ފޮނުއްވި ސަބަބު ރައީސް ސާފުކޮށް ދެއްވައިފި

މިރޭ ވަޒީރުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

މިރޭ ވަޒީރުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ޒަމާނުއްސުރެ ނަގަމުން އައި ސްޓޭންޑު ބަދަލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވި ސަބަބު އެމަނިކުފާނު ސާފުކޮށް ދެއްވައިފި އެވެ.

ޗާގޯސް ޖަޒީރާއާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އދ.ގައި ދެން ނެގޭ ވޯޓެއްގައި ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީއެއް ފޮނުއްވި އެވެ.

އެ ސިޓީގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާއިރު، އެކަން ކުރަންޖެހުނު މަގުސަދާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ އެތަކެއް ސުވާލުތަކާއި ސީރިއަސް ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަމުންނެވެ.

އިން ވަކިކުރުމުގެ މައްސަލަ ރާއްޖޭން ބޭނުންވި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިޓްލޮސްއިން މިއަދު ހުކުމްކުރުމާ ގުޅިގެން، ރައީސް ސޯލިހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީއާ ގުޅޭގޮތުން ނޫސްވެރިންގެ ގިނަ ސުވާލުތައް އަމާޒުވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭން އެހައިތަނަށް ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިނގާކަމާ ދެކޮޅު ހެދީ އިން ވަކި ކުރުމުގެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށް ސަރުކާރުން ވަކާލާތު ކުރާތީ ކަމަށެވެ.

އެ ސުވާލު މޮރިޝަސްގެ ބޮޑުވަޒީރު އެއްސެވުމުން ވެސް އެ ޖަވާބު ދެއްވި ކަމަށް ރައީސް ހާމަކުރެއްވި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް ކަނޑައެޅުމުގެ މައްޗަށް ބިނާކޮށް މޮރިޝަސް އިން ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް ނިންމުމުން، ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭން ކުރި އިހުތިޖާޖުގެ ބޭނުން ކެނޑުނެވެ.

"އެއާއެކު މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ދެން ހުރަހެއް ނެތޭ. އެހެންވީމާ ދެން އދ. ގައި ނެގޭ ވޯޓެއްގައި އަޅުގަނޑުމެން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނަމޭ،" ވަޒީރުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ސިޓީގަ އޮތް އެއްޗެއް ހުކުމުގައި އެބައޮތް

އެ ސިޓީގައި އޮތް އެއްޗަކާމެދު ގިނަ ތުހުމަތުތަކެއް ކުރެވުންދާއިރު، ރައީސް ވިދާޅުވީ އެ ސިޓީގައި މޮރިޝަސްގެ ބޮޑުވަޒީރާ ހިއްސާކުރެއްވި މައިގަނޑު ހުރިހާ ވާހަކަތަކެއް އިޓްލޮސްއިން މިއަދު ކުރި ހުކުމުގައި ހިމަނާފައިވާ ކަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން މުސްތަގުބަލުގައި އދ. ގައި ނެގޭ ވޯޓެއްގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭނެ ކަމުގެ ޔަގީންކަމުގެ އިތުރުން، މުސްތަގުބަލުގައި ރާއްޖެ ސަރަހައްދުގެ ތެރެއިން މޮރިޝަސްގެ ބޮޑުވަޒީރަށް ޗާގޯސް ޖަޒީރާއަށް ދަތުރުކުރެއްވޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވާފައިވާ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ރަހުމަތްތެރި ގައުމަކާ އޮންނަ ގުޅުމުގެ ދަށުން ދެއްވި ޔަގީންކަމެއް ކަމަށެވެ.

"މޮރިޝަސްއަކީ ވަރަށް ގާތް ރަހުމަތްތެރި ގައުމެއް. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް. ދެން އެ ގައުމުގެ ވެރިޔާ ރާއްޖެއަށް ވަޑައިގެން އެތަނަށް ދާން އަޅުގަނޑުމެން ހުރަހެއް ނާޅާނެ ދެއްތޯ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް މޮރިޝަސްއަށް ސިޓީ ފޮނުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ބުނަމުންދާ ވާހަކަތަކަށް ވެސް ރައީސް މިރޭ ރައްދު ދެއްވި އެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްވެސް އިރެއްގައި ރާއްޖޭން ދައުވާ ނުކުރާ ކަމަށެވެ. އެހެންކަމުން، މިކަމުގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، އިޓްލޮސްގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި ރާއްޖޭން ދައްކާނެ ހުރިހާ ވާހަކަތަކާއި ތަފްސީލުތަކެއް މަޖިލީހާ ބަންޑާރަ ނައިބުގެ އޮފީހުން ގަވައިދުން ހިއްސާކުރި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިޓްލޮސްގެ ނިންމުން

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހެދީ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.

އަދި އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައިނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox