މަންނު އާއި ސަލްވާ އަދި ބާވައިލެއްވުނު ދޮލަނގު

މަންނު އާއި ސަލްވާ އަދި ބާވައިލެއްވުނު ދޮލަނގު

ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކާބޯތަކެއްޗާމެދު ވިސްނައި ފިކުރުކޮށްލުމުގެ މި ދަތުރު ނިންމާލަން ގަސްދު ކުރަނީ، ދުނިޔަވީ ސަބަބުތަކާ ނުލައި، މުއުުޖިޒާތުގެ ގޮތުގައި އިންސާނީ ބައެއް އުންމަތްތަކަށް ދެއްކެވި ކަންކަމުގެ ތެރޭގައި ހިމެނުނު ކާބޯތަކެއްޗާމެދަށް ވެސް ފިކުރެއް ހިންގާލައިފަ އެވެ. ބަނީ އިސްރާއީލް މީހުންނަށް މަންނު އާއި ސަލްވާ އުޑުން ބާވައިލެއްވުނު ވާހަކަ އާއި، އީސާގެފާނުގެ އުންމަތުގެ މީހުން އުޑުން ކާބޯތަކެތީގެ ދޮލަނގެއް ބާވައިލެއްވުމަށް އެދުނު ވާހަކަ އާއި މަރްޔަމްގެފާނުގެ މިޙްރާބުކޮޅުގައި ކާބޯތަކެތި ލެއްވިފައި ހުންނަ ވާހަކަތައް ކީރިތި ޤުރުއާނުގައި އައިސްފައިވެ އެވެ. އަޅުގަނޑު ކުރިން ހީކުރަނީ، އެއީ އިހު އުންމަތްތަކުގެ މީހުންނަށް އައި މުއުޖިޒާތުގެ ހުބަރުތަކުގެ ގޮތުގައި އެ ވާހަކަތައް ކިޔައި އިބުރަތް ލިބިގަންނަން އެކަނި އޮތް ކަމެއްކަމަށެވެ.

ނަމަވެސް މި ރޯދަމަހު އަޅުގަނޑު މިފެށި ދަތުރުގައި، އެފަދަ ކާބޯތަކެއްޗަކީ ކޮބައިތޯ ބަލައިގެން އިބުރަތް ލިބިގަނެވިދާނެ ކަމަށް ގަބޫލުކުރެވިއްޖެ އެވެ. އާދޭހެވެ! ކީރިތި ޤުރުއާނަށްވުރެ ވަކީން ބޮޑު އެހެން މުއުޖިޒާތެއް ހަމަ ނެތެވެ. އެބައެއްގެ ގާތަށް މާތް ނަބިއްޔާ މޫސާގެފާނު ފޮނުއްވުނު ބަނީ އިސްރާއީލް ބާގައިގެ މީހުންގެ ހަބަރުތަކުން އަހަރެމެން އަޑުއަހަމެވެ. ފިރުއައުނުގެ އަނިޔާވެރިކަމުން އެބައި މީހުން ސަލާމަތްވެގަތުމަށް މިސްރު ދޫކޮށްފައި މާތް ނަބިއްޔާ މޫސާގެފާނުގެ އަރިހުގައި އެބައި މީހުން ނުކުތެވެ. އެ މީހުންގެ މައިގަނޑު މިސްރާބަކީ ކަންޢާން އެވެ. މިހާރުގެ ސޫރިޔާގެ ބިމެވެ. އެކަމަކު އެތަނަށް ކުރު މުއްދަތެއްގައި ދެވުމަށްވުރެ މާތް ﷲގެ އިރާދަފުޅާއި ނިޔާފުޅު މިންވަރުކުރެއްވީ ސަހަރާގެ ތެރޭގައި ދުވަސްގަނޑެއްގައި އެބައި މީހުން ދިރިއުޅެންޖެހޭ ގޮތް މެދުވެރިކުރެއްވުމަށެވެ. ޒަމާނުއްސުރެ އެމީހުންގެ ނަފުސުތަކުގައި ހިފާފައިހުރި އަޅުވެތިކަމުގެ ސިފަތަކުން އެމީހުން ސާފުތާހިރުކޮށް، ހިތްވަރު ގަދަކަމާއި ޖެހިލުންކުޑަކަމާއި ނަފުސުގެ އިތުބާރު އެބައިމީހުންނަށް ދައްކަވައި ދަސްކޮށްދެއްވުމުގެ ގޮތުންނެވެ. އެމީހުންނަށް ދިރިއުޅެން މެދުވެރިކުރެއްވި، ސައިނާގެ ސަހަރާކަމަށް އިލްމުވެރިން ވިދާޅުވާ އެ ބިމަކީ، މިސްރުގެ ބިމުގެ ތެރޭގައި ހިމެނޭ ބައެއްކަމަށް މިހާރު ބެލެވިދާނެ އެވެ. އެކަމަކު އެއީ ސަހަރާ އެވެ. މިހާރުވެސް މިސްރަކީ ސަހަރާ ބޮޑު ގައުމެކެވެ.

އާދޭހެވެ! ސަހަރާތަކަކީ އެތަނުގައި ރުކެއް ގަހެއް އާދަވެގެން ހެދިފައި ހުންނަ ތަންތަނެއް ނޫނެވެ. ހާލަކުން ތަނެއްގައި ހިޔާދޭ ގަހެއް ހުއްޓަސް ކާނެ ބޯނެ އެއްޗެއް ލިބެން ހުންނާނެ ތަންތަނެއް ނޫނެވެ. މާތް ﷲ އެހިނދު ބަނީއިސްރާއީލް މީހުންނަށް ދެއްކެވި އެއް މުއުޖިޒާތަކީ، މަންނު އާއި ސަލްވާ އެވެ. އަލްބަޤަރާ ސޫރަތުގެ 57 ވަނަ އާޔަތުގައި އަންގަވަނީ، "އަދި ތިމަންރަސްކަލާނގެ ތިޔަބައި މީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަންނު އާއި ސަލްވާ ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވި ހުލާލް ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ..." މަންނުގެ މާނައަކީ ކޮބައި ކަމާއި މަންނު ބާވައިލެއްވި ގޮތާމެދު އިލްމުވެރިން ވާހަކަ ދައްކަވާފައިވެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ މަންނުއަކީ ގަހަކަށް ނުވަތަ ހިލަގަނޑަށް ފިނިފާޑަށް ފައިބާފައި ހުންނަ ފޮނި އެއްޗެކެވެ. އެއީ ފޮނި ބުއިމެއްކަމުގައިވެސް ބައެއް އިލްމުވެރިން ވިދާޅުވެ އެވެ. މަތިން ބުއިމެއްގެ ގޮތުގައި އަންނަނީ ވާރެ އެވެ. އެކަމަކު މަންނުއަކީ ފޮނިބުއިމެކެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި މަންނުގެ މާނައަކީ އިންސާނީ ސަބަބުތަކާއި މަސައްކަތަކާ ނުލައި ދެއްވާ ކޮންމެ ރިޒްޤަކަށް ކިޔާ ނަމެކެވެ. ސަލްވާއަކީ ދޫންޏެކެވެ. އެދޫނި އެންމެ ވައްތަރީ ސަމާނީ (ކޮވެލި) ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެފައިވެ އެވެ. ކޮންމެއަކަސް އެ ބައިމީހުން އުޅެންޖެހިފައިވި ސަހަރާއަކީ އެބާވަތުގެ ދޫނި އޭރު އުޅޭތަނެއް ނޫނެވެ.

އަޅުގަނޑުގެ ދިރާސާއަށް މުހިންމުވާ ބަޔަށް ޖެހިލާނަމެވެ. އާދޭހެވެ. މާތް ﷲގެ އިރާދަފުޅުން އެބައި މީހުންނަށް ބަނޑުފުރާނަ މުއްތިކުރެއްވުމުގެ މުއުޖިޒާތެއް ދެއްކެވުމުގައި ފޮނިބުއިމަކާއި ދޫނިމަސް އިހުތިޔާރުކުރެއްވި ކަމަކީ ވިސްނާފިކުރުކުރަންޖެހޭ ކަމެކެވެ. ކަންޢާނުގެ ބިމަށް ކުރަމުންދިޔަ ދަތުރު ސަހަރާތެރޭގައި ދިގު މުއްދަތެއް ހޭދަކުރަންޖެހޭ ގޮތަށް މެދުވެރިކުރެއްވި ސަބަބުގެ ގޮތުގައި އިލްމުވެރިން ބަޔާންކުރައްވާ ފިނޑިކަމާއި ޖެހިލުންވުން އެބައިމީހުންގެ ނަފުސުތަކުން ނެރެ ހިތްވަރާއި ކެރުންތެރިކަން ގެނެސްދިނުމުގެ އަހުލާގީ ފިލާވަޅާއި މާތް ﷲ ދެއްވި ރިޒްގާ ހަމަ އެއްވެސް ގުޅުމެއް ނުހުންނާނެ ބާވަ އެވެ. ކޮންމެ ފޮނިބުއިމަކީ ފައިދާހުރި އެއްޗަކަށް ނުވާނެ އެވެ. އެކަމަކު ގުދުރަތީ ގޮތުން ފޮނިކަން އުފެދިފައިވާ ކޮންމެ ދިޔާ އެއްޗަކާއި، މަސްކެވޭ ދޫނިތަކުގެ މަހަކީ، ފައިދާހުރި އެއްޗެއްކަމަށް މިކަމުން ދަލީލު ނުލިބޭތޯ އެވެ. މާތް ﷲ އަޅުތަކުންނަށް އިހުތިޔާރުކޮށްދެއްވާ ތަކެތީގެ މޮޅުކަމާ އެވެ.

ކަންވީގޮތަކީ، އަބަދު އެތަކެތި ކާންޖެހުމުން އިންސާނީ ތަބީއަތް ނިޔާކުރާ އުސޫލުގެ މަތީން މިބައި މީހުން ފޫހިވެއްޖެ އެވެ. ދެން މިބައިމީހުން ދެއްކި ވާހަކަ އަލްބަޤަރާ ސޫރަތުގެ 61 ވަނަ އާޔަތުގައި ބަޔާންކޮށްފައިވެއެވެ. "..އޭ މޫސާގެފާނެވެ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެ އެވެ. ފަހެ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި، ކެކުރި ކިއުކަންބާ އާއި، ލޮނުމެދާއި، މުގާއި، ފިޔާ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޒުރަތަށް ދުއާ ކޮށްދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ؟.."

ބިމުންފަޅާ ގަސްގެހީގެ ތެރެއިން އޮށްޓަރުހުރި ބާވަތްތަކާއި ކިއުކަންބާ އާއި މުގާއި ލޮނުމެދާއި ފިޔާ އެއީ ފައިދާހުރި މޮޅެތި ތަކެތި ކަމާމެދަށް އެއްވެސް ޝައްކެތް ނެތެވެ. އަދި އެތަކެތި ލެއްވީވެސް ހަމަ މާތް ﷲ އެވެ. އަދި އެތަކެތީގެ ވާހަކަ ޤުރުއާނުގައި އަހަރެމެންނަށް ދެއްވި ރިޒްގުގެ ގޮތުގައި ބަޔާންވެފައިވޭމެ އެވެ. އެހެން ނަމަވެސް މޫސާގެފާނު އެ ވިދާޅުވަނީ، އެބައިމީހުންނަށް ބާވައިލެއްވުނު މަންނުގެ ބުއިމާއި ދޫނީގެ މަސް އެތަކެއްޗަށްވުރެ މޮޅުކަމުގަ އެވެ. އާދޭހެވެ! އައްރަޢުދު ސޫރަތުގެ ހަތަރު ވަނަ އާޔަތުގައި، އެކިއެކި ކާބޯތަކެތީގެ ވާހަކަ ބަޔާންކުރެއްވުމަށް ފަހު، ".. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ..." މިފަދައިން އަންގަވާފައި އެވަނީ ކަމެއްވީމަ އެވެ. އަދި އެ އާޔަތުގައި އެއީ ވިސްނާފިކުރުކުރާ ބަޔަކަށް ހެކިތަކެއްކަމުގައި އަންގަވަނީ ހަމަ ކަމެއްވީމަ އެވެ.

ދެން އަލްމާއިދާ ސޫރަތުގެ 112 ވަނަ އާޔަތުން ފެށިގެން 115 ވަނަ އާޔަތާ ހަމައަށް ވިދާޅުވާށެވެ! "އީސާގެފާނުގެ ގާތްއެކުވެރިން ދެންނެވިހިނދު ހަނދުމަކުރާށެވެ! އޭ މަރިޔަމްގެފާނުގެ ދަރިކަލުން އީސާގެފާނޭވެ! ތިމަންމެންނަށް ކާތަކެތީގެ ދޮލަނގެއް، އުޑުން ބާވައިލެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަވެގެން ވޭތޯ އެވެ؟ އެކަލޭގެފާނު ވިދާޅުވި އެވެ. ތިޔަބައިމީހުން އީމާންވެގެންތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން ﷲއަށް ތަގުވާވެރިވާށެވެ! އެ މީހުން ދެންނެވި އެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށާއި، ތިމަންމެންގެ ހިތްތައް ހަމަޖެހުމަށެވެ. އަދި ކަލޭގެފާނު ވިދާޅުވީ ތެދެއްކަން ތިމަންމެންނަށް އެނގުމަށެވެ. އަދި އެކަމުގެ މައްޗަށް ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށެވެ. މަރިޔަމްގެފާނުގެ ދަރިކަލުން އީސާގެފާނު ވިދާޅުވި އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯ އެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް އީދެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ ހަޒުރަތުން އައި ހެއްކެއްގެ ގޮތުގަ އެވެ. އަދި އަޅަމެންނަށް ރިޒްގު ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ރިޒްގު ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެ އެވެ. ﷲ ވަހީކުރެއްވި އެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ، އެއަށް ފަހު ތިޔަބައި މީހުންގެ ތެރެއިން، ކާފަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އާލަމްތަކުގެ ތެރެއިން އެކަކަށް ވެސް، ތިމަންރަސްކަލާނގެ ނުދެއްވާ އަޒާބެއް އެ މީހަކަށް ދެއްވާހުށީމެވެ."

މިއާޔަތްތަކުގެ ތަފުސީރުގައި އިލްމުވެރިން ވިދާޅުވާ ބައެއް ވާހަކަ މިތަނުގައި ދަންނަވާލާނަމެވެ. ތާބިއީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުޖާހިދުގެފާނާއި ހަސަނުލްބަޞަރީ ވިދާޅުވަނީ އެ ދޮލަނގު ބާވައިނުލައްވާކަމުގަ އެވެ. އެ ދޮލަނގަށް ފަހު ކާފަރުވެއްޖެ މީހާގެ އަޒާބުގެ ވާހަކަ މާތް ﷲ ވަހީ ކުރެއްވުމުން، އެހެންވިއްޔާ އެކަން ބޭނުންނުވާ ކަމަށް އީސާގެފާނުގެ ގާތް އެކުވެރިން ދެންނެވިކަމުގައި އޮންނަ ރިވާޔަތަށް މި ބޭކަލުން ބާރުދެއްވަ އެވެ. ގިނަ އިލްމުވެރިން ވިދާޅުވަނީ އެ ދޮލަނގު ބާވައިލެއްވުނުކަމަށެވެ. ނަމަވެސް އެ ދޮލަނގުގައި ހުރި ކާތަކެއްޗާމެދު ތަފުސީރު އިލްމުވެރިން ބަހުސްކުރައްވާފައިވެ އެވެ. އޭގައި އެއްގަމު މަސް ފިޔަވައި އެހެން ހުރިހާ އެއްޗެއް ހިމެނިފައިވާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެފައިވެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ އޭގައި ހުރީ ބޮޑުމަސް (ވޭލް) ގެ މަހާއި ރޮށްޓާއި އަންނާރާއި އެނޫން ވެސް މޭވާކަމުގަ އެވެ.

އާލްޢިމްރާން ސޫރަތުގެ 37 ވަނަ އާޔަތުން ވެސް ވިދާޅުވާށެވެ! "...އެކަމަނާގެ އަރިހަށް މިހުރާބުގެ ތެރެޔަށް ޒަކަރިއްޔާގެފާނު، ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތި ވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެ އެވެ. އޭ މަރިޔަމްއެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯ އެވެ؟ އެކަމަނާ ވިދާޅުވެ އެވެ. އެއީ، ﷲ ގެ ހަޒުރަތުންނެވެ. ހަމަކަށަވަރުން ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް ހިސާބެއްނެތި ރިޒްގު ދެއްވަ އެވެ." ތަފުސީރު އިލްމުވެރިން ވިދާޅުވަނީ އެ ކަމަނާގެ މިހުރާބުގެކޮޅުގައި ރިޒްގުގެ ގޮތުގައި ލެއްވިފައި ހުއްޓާ ފެންނަނީ ފިނިމޫސުމުގައި ނަމަ ހޫނުމޫސުމުގެ މޭވާ އަދި ހޫނުމޫސުމުގައި ނަމަ ފިނިމޫސުމުގައި ހެދޭ މޭވާ އެވެ. އެއީ އިންސާނެއްގެ ފަރާތުން އަންނަ އެއްޗެއް ނޫންކަން ދެއްކެވުމުގެ މުއުޖިޒާތެއްގެ ގޮތުން އެކަން އެހެން ލެއްވިފައިވީ ނަމަވެސް، ފިނިމޫސުމުގައި އެނޫން މޫސުންތަކުގެ މޭވާ ކެއުމުގައި ހުރީ ހަށިގަނޑަށް ކޮންފަދަ ފައިދާ ތަކެއްތޯ ވިސްނާފިކުރުކުރުމުގެ ދޮރު މި އާޔަތުން އަޅުގަނޑަށް ހުޅުވެ އެވެ. ކޮންމެއަކަސް މިހުރާބުގެކޮޅުގައި މަރްޔަމްގެފާނަށް މަތިން ދެއްވުނު ރިޒްގަކީ މޭވާ އެވެ.

އާދޭހެވެ! މިލިޔުމުގައި މުޅިންވެސް ހުށަހަޅާ ލެވުނީ، ދުނިޔަވީ ސަބަބުތައް އެއްކައިރި ކުރެވި މުއުޖިޒާތުގެ ގޮތުގައި ހިނގި އާދަފޫވައްޓާލަނިވި ކަންކަމުގެ ތެރޭގައި ހިމެނުނު ކާބޯތަކެއްޗެވެ. އިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، އޭގައި ވެސް އެންމެ ގިނަ އެއްބާވަތަކީ މޭވާ އެވެ. އަދި އޭގައި ދޫނި މަހާއި ކަނޑުމަސް ހިމެނެ އެވެ. ގުދުރަތީ ފޮނި ތަކެތި އޭގެ ގުދުރަތީ ފޮނިކަމުގައި ބޭނުންކުރުން، އުފެއްދޭ ފޮނިތަކެއްޗަށްވުރެ މޮޅުކަމަށް އަޅުގަނޑަށް ދޭހަކުރެވެ އެވެ. ކެކުރިޔާއި މުގާއި ކިޔުކަންބާއާއި ލޮނުމެދާއި ފިޔާ އަދި ރޮއްޓަކީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފައިދާހުރި ތަކެތިކަމަށްވިޔަސް، ވިސްނާފިކުރު ހިންގާ މީހުން، ކައިބޮއިއުޅުމުގައި އެއްބާވަތަށްވުރެ މޮޅީ ކޮން ބާވަތެއްތޯ ވިސްނާފިކުރުކުރުމަކީ ކީރިތި ޤުރުއާން އިރުޝާދު ދޭ ކަމެއްކަން އަޅުގަނޑަށް ސާފުވި އެވެ. އަދި ކައިބޮއި އުޅުމުގައި ބޭނުންކުރާ ތަކެއްޗާމެދު އަބަދުވެސް ހޭލާ ހުރުމާއި، ވިސްނައި ފިކުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ހާއްސަކޮށް މިލިޔުމުގައި ހުރި ވާހަކަތަކުން އަޅުގަނޑަށް ވިސްނައިގަނެވެ އެވެ. ކާބޯތަކެތި ބާވައިލެއްވުމުން މުއުޖިޒާތް ދެއްކެވުނީ، އެހެން ވީމާކަމުގައި އަޅުގަނޑަށް ފެނެ އެވެ. ކީރިތި ޤުރުއާނުގައި ކުޑަ ވާހަކައެއް އަދި ކުޑަ ކަމެއްގެ ވާހަކައެއް ބަޔާންވެފައި ނޯންނާނެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox