ރިޕޯޓުކަޅުބިލަމަހަށްޓަކައި ވެސް ކަކުނިތައް މަރުވި ސަބަބު ހޯދަންޖެހޭ

ކަޅުބިލަމަހަށްޓަކައި ވެސް ކަކުނިތައް މަރުވި ސަބަބު ހޯދަންޖެހޭ

މާލެ އަތޮޅު ވަންބިންފަރަށް މިދިޔަ ހޮނިހިރު ދުވަހު ގިނަ އަދަދެއްގެ ކުދިކަކުނި ލައްވި އެވެ. ބެލެވޭ ގޮތުގައި އޭގެ ބޮޑުބައެއް މަރުވި އެވެ. އެކަމަކު އެކަމާ ބެހޭ ދިރާސާއެއް ރާއްޖެއަކު އަދި ނުކުރެ އެވެ.

ކަޅުބިލަމަސް ކަކުނި ކާ މަންޒަރު ފެންނަ ކުރެހުމެއް: ކަކުނިތައް މަރުވި ސަބަބު ހޯދަން އަދި އެއްވެސް މަސައްކަތެއް ނުކުރޭ -- އިލުސްޓްރޭޝަން/ރައްޔާން މުހައްމަދު
ކަޅުބިލަމަސް ކަކުނި ކާ މަންޒަރު ފެންނަ ކުރެހުމެއް: ކަކުނިތައް މަރުވި ސަބަބު ހޯދަން އަދި އެއްވެސް މަސައްކަތެއް ނުކުރޭ -- އިލުސްޓްރޭޝަން/ރައްޔާން މުހައްމަދު

މާލެ އަތޮޅު ވަށްބިންފަރަށް މިދިޔަ ހޮނިހިރު ދުވަހު ގިނަ އަދަދެއްގެ ޅަކަކުނި ލައްވި އެވެ. ކަކުނިތައް ލައްގާފައިވާ މަންޒަރު ދުށް ބައެއް މާހިރުން ލަފާކުރައްވާ ގޮތުގައި ލެއްގި ކަކުނީގެ އަދަދު އެތައް މިލިޔަނަކަށް އަރާނެ އެވެ.

ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުގައި އާންމުކޮށް ބާނާ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލީގެ މައިގަނޑު އެެއް ކާނާއަކީ އެފަދަ ކަކުނި ކަަމަށް ވިޔަސް ކުއްލިއަކަށް އެހާ ބައިވަރު ކަކުނި ލެއްގި ސަބަބު ބަލަން ރާއްޖޭން އަދި ދިރާސާއެއް ނުކުރެ އެވެ. އެހެން ނަމަވެސް ކަކުންޏާއި ކަނޑުގެ އެހެން ދިރުން ތަކަށް ބޮޑު ނުރައްކަލެއް ވެދާނެކަން އެނގޭ ހޯދުންތަކެއް ބައިނަލް އަގުވާމީ ސައިންސްވެެރިންތަކެއް މިއަހަރު ވަނީ ހޯދައިފަ އެވެ.

އެ ދިރާސާއަށް ފަހު މި ހިނގާ އޭޕްރީލް 17، ގައި ޝާއިއުކުރި ރިޕޯޓްގައިވާ ގޮތުން ކަނޑުތަކުގެ ސަތަހައިގެ ފިނިހޫނުމިން ވަނީ ފަހުގެ ޒަމާނަކު ނުދާހާ މައްޗަށް ގޮސްފަ އެވެ. އެކަމުގެ ސީދާ ސަބަބެއް އެހެން ނަމަވެސް އަދި ނޭނގެ އެވެ.

"އާތު ސިސްޓަމް ސައިންސް ޑޭޓާ" ނަމަކަށް ކިޔާ ޖާނަލެއްގައި ޝާއިއުކުރި އެ ރިޕޯޓްގައި ވާ ގޮތުން ކަނޑުތައް ހޫނުވި ސީދާ ސަބަބު ނޭނގުނަސް ސައިންސްވެރިންގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. އެއީ މޫސުމީ ކުރިމަތިވާ ގިނަ ކަންތައްތަކަކާ އެކު އަންނަ އަހަރު ނިމޭ އިރު މުޅި ދުނިޔޭގެ ފިނިހޫނުމިން މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ދާނެ ކަމަށް ލަފާކުރެވުމެވެ.

ކުރިއަށް އޮތް މަސްތަކުގައި ވަރުގަދަ އެލްނީނޯ އެއް ފެށޭނެ ކަމަށް ވެސް މާހިރުން ގަބޫލުކުރައްވަ އެވެ. އެލްނީނޯ އަކީ ކަނޑުގެ ލޮނުގަނޑު ހޫނުވާ މޫސުމީ ކަމެކެވެ. އެކަމުގެ ސަބަބުން ކަނޑުތައް ހޫނުވުމުން ކަނޑުގެ ދިރުންތައް މަރުވުމުގެ އިތުރުން މޫސުމީ ގޮތުން ކުރިމަތިވާ އެހެން ބޮޑެތި މައްސަލަތައް ވެސް ހުރެ އެވެ.

މިމަހު ޝާއިއުކުރި ދިރާސާ ރިޕޯޓުގައިވާ ގޮތުން މިދިޔަ 15 އަހަރުގެ ތެރޭގައި ބިމުގައި ޖަމާވި ހޫނުކަން އޭގެ ކުރީގެ 45 އަހަރު ދުވަހާ ނުބައްދަލެވެ. އޭގެ ބޮޑުބައެއް ޖަމާވީ ވެސް ދުނިޔޭގެ ކަނޑުތަކުގަ އެވެ.

އޭގެ ސަބަބުން ކުރިމަތިވި ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް ކަމަކީ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މި އޭޕްރިލް މަހު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމެވެ. ބައެއް ސަރަހައްދުތަކުގައި ކަނޑުގެ ލޮނުގަނޑު ހޫނުވީ ދިގުމުއްދަތަކާ އަޅައި ބަލާއިރު އާދަޔާ ހިލާފަށް ބޮޑަށެެވެ. އުތުރު އެމެރިކާގެ އިރުމަތީ އައްސޭރި ފަށަކީ މީގެ މިސާލެކެވެ.

އެ ސަރަހައްދުގެ ފިނި ހޫނުމިން 1980 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަަމައަށް ހުރި ވަރަށް ވުރެ 13.8 ޑިގްރީ އަށް މާޗްމަހު މައްޗަށް ދިޔަ އެވެ.

"މިހާ ބޮޑު ބަދަލެއް، މިހާ އަވަހަށް އަންނަމުން މިދަނީ ކީއްވެކަން އަދި ރަނގަޅަކަށް ނުބެލޭ،" ދިރާސާ ރިޕޯޓްގެ އިސް މުސައްނިފު ކަރީނާ ވޮން ޝަކްމަން ބީބީސީއަށް ވިދާޅުވެފައި ވެ އެވެ.

އޭނާއަކީ ރިސާޗް ގްރޫޕެއް ކަމަށްވާ މާކޭޓާ އޯޝަން އިންޓަނޭޝަނަލްގައި އޯޝަނޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.

"މޫސުމީ ނިޒާމުގައި އެކުލެވޭ ހޫނުކަން މިވަނީ މީގެ 15 އަހަރު ކުރިއާ އަޅައި ބަލާއިރު މިވަނީ ދެގުނަވެފައި. އަޅުގަނޑު ނުދަންނަވާނަން މިއީ މޫސުމަށް އަންނަ ބަދަލެކޭ ނުވަތަ ގުދުރަތީ ގޮތުން ވާ ކަމެކޭ [ގުދުރަތީ ގޮތުން އެކި ދުވަސްވަރުގައި ތަފާތުވާ ތަފާތުވުމުގެ ތެރޭގައި ހިމެނޭ]،" އޭނާ ވިދާޅުވެފައި ވެ އެވެ.

ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ކުރާ އަސަރުތައް

ދުނިޔެއިން މިއަދު މި ފެންނަ ސިނާއީ ޒަމާން ފެށުމުގެ ކުރިން އޮތް ވަރާ އަޅައި ބަލާއިރު ދުނިޔޭގެ ކަނޑުތަކުގެ ސަތަހައިގެ ފިނިހޫނުމިން އެވްރެޖްކޮށް 0.9 ޑިގްރީ ސެލްސިއަސް އިން ވަނީ ވަނީ މައްޗަށް ގޮސްފަ އެވެ. އެއްގަމުގައި ފިނިހޫނުމިން މައްޗަށް ދިޔަ ވަަރާ އަޅައި ބަލާއިރު މިއީ ނިސްބަތުން ކުޑަ މިންވަރެކެވެ. އެހެން ނަމަވެސް މި ކުޑަމިންވަރުގެ ސަބަބުން ކަނޑުތަކުގެ ދިރުންތަކަށް ބޮޑު އަސަރެއް ކުރެ އެވެ. އެފަ ދަ ބައެއް ކަންތައްތަަކަކީ:

  • ސްޕީޝީސް ނެތިދިިއުން: މާ އަވަސް އަވަހަށް އުފެދޭ މާ ވަރުގަދަ ހީޓްވޭވްތައް އައުުމުގެ ސަބަބުން ގިނަ އަދަދެއްގެ ކަނޑުގެ ދިރުންތައް އެއްފަހަރާ މަރުވެ އެވެ. ހާއްސަކޮށް މުރަކައަށް އޭގެ ގެއްލުން ބޮޑެވެ.
  • އާދަޔާ ހިލާފު މޫސުން: ކަނޑުގެ ސަތަހައިގެ ހޫނުމިން މަތިވުމުން ތޫފާންތަކަށް ލިބޭ ހަކަތަ އިތުރުވެ އެވެ. އެހެންވެ ތޫފާންތަކުގެ ބާރު ގަދަވެ، ތޫފާން ދެމިހުންނަ މުއްދަތު ވެސް އިތުރުވެ އެވެ.
  • ކަނޑުގެ ލޮނުގަނޑު އުފުލުން: ފެން ހޫނުވުމުން ފެނަށް ބޭނުންވާ ޖާގަ ބޮޑުވެ އެވެ. މިހެން ވުމަށް ކިޔަނީ ތާމަލް އެކްސްޕެންޝަން އެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ގްރީންލޭންޑާއި އެންޓާކްޓިކާގައިވާ ގަނޑުފެންތައް ވެސް އިތުރަށް ވިރޭނެ އެވެ.
  • ކާބަން ޑައިއޮކްސައިޑް ކަނޑަށް ހިނދޭ ވަރު މަދުވުން: ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި މިހާރު ހިނދެނީ ކަނޑަށެެވެ. ކުރިމަގުގައި ކަނޑަށް ހިނދޭ ގޭސްތައް މަދުވެއްޖެ ނަމަ، ޖައްވުގައި ޖަމާވާ ގޭސްތައް ގިނަވާނެ އެވެ. އެހެން ވުމުން ވަޔާއި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދާނެ އެވެ.

ރާއްޖޭގައި ކަކުނިތައް މަރުވި ސަބަބު އަދި ދިރާސާކޮށްފައި ނުވިޔަސް ޖުމްލަގޮތެއްގައި މުޅި ދުނިޔޭގެ ކަނޑުތައް މިމަހު ހޫނުވިކަމަށް އެ ދިރާސާއިން ދައްކާތީ، އެއީ ކަނުނިތައް މަރުވި ސަބަބު ކަމަށް ވެދާނެ އެވެ. އެކަމުގައި އެނޫން ސަބަބުތަކެއް ވެސް ހުރެދާނެ އެވެ.

އެނގޭ ކަމަކީ ރާއްޖޭގައި ކުރާ މަސްވެރިކަމުގައި އެންމެ އާއްމުކޮށް ބާނާ ކަަޅުބިލަމަހާއި ކަންނެލީގެ އެންމެ މުހިއްމު އެއް ކާނާ އަކީ ޅަކަކުނި ކަމެވެ. ކަޅުބިލަމަހާއި ކަންނެލީގެ ސްޓޮކު މިހާރު ވެސް އަންނަނީ މަދުވަމުންނެވެ. އެހެންކަމުން، އެތައް މިލިއަން ކަކުންޏެއް ދިވެހި ކަނޑުގައި މަރުވާންޖެހުނު މި އާދަޔާ ހިލާފު ސަބަބު ދަނެގަތުން މުހިންމެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox