އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގަމުންދާ، ފޯޅަވަހި ހިމެނޭހެން ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން އެ ޓްރައިބިއުނަލަށް ސިޓީއެއް ފޮނުވުމަށް ނިންމައިފި އެވެ.
ހުކުރު ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިޓްލޮސްއަށް އެ ސިޓީއެއް ފޮނުވާނީ ރައީސް ޔާމީންގެ ނަންފުޅުގައި ކަމަށާއި، އެއީ އެމަނިކުފާނުގެ އެންގެވުމެއް ކަމަށެވެ.
އެ ސިޓީގައި ޔާމީން ސޮއިކުރައްވާއިރު، އޭގައި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސޮއިކުރެއްވުމަށް ވެސް ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ދައުވަތު ފޮނުއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް, އެއީ ވަކި ކޮން ލީޑަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ދިވެހި ރައްޔިތުންނަށް ދިވެހި ގައުމުން ބައެއް ގެއްލިގެން ދިޔުމަކީ ލިބޭ ގެއްލުމެއް ކަމަށް، އަންނަން އޮތް ޖީލުތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް، ގަބޫލުކުރައްވާ ސިޔާސީ ލީޑަރުން މީގައި ސޮއިކުރެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް،" ޕީއެންސީގެ ރައީސްގެ މަގާމު ފުރުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރާނެ ކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ފޮނުވި "ސިއްރު ސިޓީ" ގައި ބަޔާން ކުރާ ކަންކަމަކީ ދިވެހިންގެ ގިނަ ބަޔަކު އެދޭ ގޮތް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި, އެ ސިޓީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ވެސް ރުހުން ނުދޭ ކަމާއި، ސިޓީ ދިވެހިންނަށް ހާމަކޮށްފައި ނެތް ކަން ވެސް ބަޔާންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވި އިރު، ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ފަދަ ބޭފުޅުން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް ވެސް ނިންމާފައިވެ އެވެ. "ޗަ ގޯސް" ނަމުގައި ބާއްވާ ޖަލްސާގެ ބޭނުމަކީ ވެސް ފޯޅަވަހި މައްސަލާގައި ސަރުކާރުގެ އާ ސިޔާސަތާ ދެކޮޅަށް ވަކާލާތު ކުރުން ކަމުގައި އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.
މައްސަލައިގެ ފަސްފަހަތް؛
މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ ނިމުނީ އެ ގައުމާ އެއް ކޮޅަށެވެ. 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތަށް އަންގާފަ އެވެ.
ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.
މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ގަރާރެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.
އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުންނެވެ.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅޭ ކަމަކީ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއާ ގުޅިގެނެވެ. އެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ސިޓީ ހާމަކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.












