މެޑްރިޑް (އޭޕްރީލް 27) - ސްޕެނިޝް ލީގުގައި ރޭ ވަލެންޓިން ކަސްޓެޔާނޯސް ޖެހި ހަތަރު ގޯލާ އެކު، 4-1 އިން ރެއާލް މެޑްރިޑް އަތުން ޖިރޯނާ ތާރީހީ މޮޅެއް ހޯދައިފި އެވެ.
މިއީ ޖިރޯނާގެ ތާރީހުގައި އެ ކްލަބުން ރެއާލްގެ މައްޗަށް ހޯދި އެންމެ ބޮޑު މޮޅެވެ. އަނެއްކޮޅުން، މި މެޗުގައި ހަތަރު ގޯލު ޖެހި ކަސްޓެޔާނޯސް އަށް ވެސް ވަނީ ތާރީހީ ޝަރަފެއް ލިބިފަ އެވެ. ވޭތުވެދިޔަ 75 އަހަރަށް ވުރެ ދިގު މުއްދަތުގައި ރެއާލް ކޮޅަށް ސްޕެނިޝް ލީގުގެ މެޗެއްގައި ހަތަރު ގޯލު ޖެހި ކުޅުންތެރިއަކީ ކަސްޓެޔާނޯސް އެވެ. މީގެ ކުރިން, 1947 ވަނަ އަހަރު, އެސްޓަބާން އެސްޗަވޭރިއާ ވަނީ ރެއާލް އޮވިއޭޑޯ އަށް ކުޅެމުން ރެއާލް ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ.
ހުރިހާ މުބާރާތަކަށް ބަލާނަމަ އެއް މެޗެއްގައި އެންމެ ފަހުން ރެއާލް ކޮޅަށް ހަތަރު ގޯލު ޖެހީ 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އޭރު ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ.
ޖިރޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 28 ވަނަ ސިކުންތުގައި ރެއާލްގެ ރޮޑްރީގޯ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ޖިރޯނާ އިން ލީޑުނެގީ މެޗުގެ 12 ވަނަ މިނިޓްގައި ކަސްޓެޔާނޯސް އޭރިއާތެރޭގައި ހުރެފައި ބޮލުން ޖެހި ގޯލުންނެވެ.
ރެއާލުން އެއް ވަަނަ ކީޕަރު ތިބޯ ކޯޓުއާ އާއި ކެޕްޓަން ކަރިމް ބެންޒެމާ އަނިޔާގެ ސަބަބުން ނުލައި ކުޅުނުއިރު، މެޗުގެ 23 ވަނަ މިނިޓްގައި ޖިރޯނާ އިން ވަނީ ކަސްޓެޔާނޯސްގެ ދެ ވަނަ ގޯލުން ލީޑުފުޅާކޮށްފަ އެވެ. ރެއާލް ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، ކަސްޓެޔާނޯސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރެއާލް ގޯލުގައި ހުރި އަންޑްރީ ލުނިންގެ ދެފައިދެގޯޅިންނެވެ.
މެޗުގެ 34 ވަނަ މިނިޓްގައި މާކޯ އަސެންސިއޯ ނެގި ހުރަހަކަށް އަރައި، ވިނީޝިއުސް ޖޫނިއާ ވަނީ ބޮލުން ގޯލެއް ޖަހައި ރެއާލަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ރެއާލުން ދެ ވަނަ ހާފް ފަށައިގެން ފަރުވާ ކުޑަކޮށްލުމުގެ ފައިދާ ޖިރޯނާ އިން ނެގި އެވެ. މި ހާފު ފަށައިގެން 34 ސިކުންތު ތެރޭގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކަސްޓެޔާނޯސް ވަނީ ގޯލަށް ފޮނުވާލައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ތަފާތު ފޯމެއްގައި މި މެޗުގައި ކުޅެލި ކަސްޓެޔާނޯސް ވަނީ 62 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކަސްޓެޔާނޯސް ވަނީ ރަނގަޅު ތަނުގައި ހުރެފައި ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ރެއާލްގެ ފަހު ގޯލު ޖެހީ ލޫކަސް ވަޒްކޭޒް އެވެ. ބަދަލަކަށް ކުޅެން އެރި ވަޒްކޭޒް މި ގޯލު ޖެހީ ވިނީޝިއުސް އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ރޮނގުކައިރިން ހުރަސްކޮށްލި ބޯޅައަކުންނެވެ. އެ ބޯޅަ ދަނޑުގެ ރޮނގު ހުރަސްކޮށް ބޭރުވި ކަމަށް ޖިރޯނާ ކުޅުންތެރިން އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ބޯޅަ އެއްކޮށް ރޮނގު ހުރަސްކޮށްފައިނުވާ ކަމަށެވެ.
ލީގުގެ ދެ ވަނައިގައި އޮތް ރެއާލް ބަލިވުމުން އެއް ވަނައިގައި ބާސެލޯނާގެ ލީޑުފުޅާކުރަން ވަނީ ބޮޑު ފުރުސަތެއް ލިބިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 30 މެޗުން 76 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 31 މެޗުން 65 ޕޮއިންޓާ އެކު ރެއާލް އެވެ.
ރެއާލް އަތުން މޮޅުވި ޖިރޯނާ އަކީ މެންޗެސްޓާ ސިޓީގެ ވެރިންގެ ކުންފުނި ސިޓީ ފުޓްބޯލް ގްރޫޕްގެ ކުޑައިގެ ދަށުގައި އޮތް ކްލަބް އެކެވެ. މި މެޗުގައި ރެއާލް ކޮޅަށް ހަތަރު ގޯލު ޖެހި ކަސްޓެޔާނޯސް އަކީ އެމެރިކާގައި ސިޓީ ގްރޫޕުން ހިންގާ ނިއުޔޯކް ސިޓީ ކްލަބްގެ ލޯނަކަށް ޖިރޯނާ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.












