ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަންދިން ޓެރަރިސްޓު ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ ހުކުމް އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކުރާ ގޮތަށް، ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އަރުވައިފި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ޝަރީއަތުގެ އަޑުއެހުންތަކެއް ބާއްވާފައި، ގާތްގަނޑަކަށް އަށް މަހެއްހާ ދުވަހު އަޑުއެހުމެއް ނުބޭއްވި ދިޔުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ކޮންމެ ހަސްމަކު ވެސް އިފްތިތާހީ ބަޔާން ހުށަހެޅުމެވެ.
-- އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިންގ ސްޓޭޓްމަންޓަކީ، ދައުވާ އިއްވުމާއި ދައުވާ ޖަވާބުދާރީވުމާއި ހެކިތައް ހާމަކުރުމަށް ފަހު، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން ޝަރީއަތުގައި އިއްވާ ބަޔާނެކެވެ. އޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކުވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ. ދައުލަތުންނާއި ދިފާއުން ސާބިތުކޮށްދޭނޭ ކަންކަން އިފްތިތާހީ ބަޔާނުގައި ކިޔައިދޭނެ އެވެ. --
ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރުން ދައުލަތުގެ އިފްތިތާހީ ބަޔާނާއި، ދައުވާ ރައްދުވާ ހަ މީހުންގެ ވަކީލުންގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވައި ނިންމުމުން މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވަނީ ކުރިއަށް އަށް އަޑުއެހުމެއް ބާއްވައިގެން މައްސަލަ ނިންމާ ގޮތަށް ތާވަލެއް އަރުވައިފަ އެވެ.

އެއީ ދައުލަތުން ހުށަހެޅި ހެކިން ހާޒިރުކޮށް ހެކިބަސް ނަގަން ހަތަރު އަޑުއެހުމަކާއި، ދިފާއުން ހުށަހެޅި ހެކިން ހާޒިރުކޮށް ހެކިބަސް ނަގަން ދެ އަޑުއެހުމަކާއި، ހުލާސާ ބަޔާން އިއްވަން އަޑުއެހުމަކާއި، ހުކުމް އިއްވުމަށް އަޑުއެހުމެކެވެ. ގާޒީ ފުރަތަމަ ދެއްވި ތާވަލުގައި ހުކުމް އިއްވުން އޮތީ އޮގަސްޓް 31 ގަ އެވެ.
ނަމަވެސް ދިފާއީ ހެކިންގެ ހެކިބަސް ނަގަން އޮތް ފަހު އަޑުއެހުމާއި ހުލާސާ ބަޔާން އިއްވަން ތާވަލުގައި އޮތް އަޑުއެހުމާ ދެމެދު އެންމެ 16 ދުވަސް އޮތުމުން ހުލާސާ ބަޔާން އިއްވަން އޮތް ތާރީހު ފަސްކޮށްދޭން ބައެއް ދިފާއީ ވަކީލުން އެދުނެވެ.
އެކަމާ ގުޅިގެން ގާޒީ ސޮފްއަތު ވިދާޅުވީ އެ ކަމަށް ޝަރީއަތުން ފަހުން ރިއާޔަތްކުރައްވާނެ ކަމަށެވެ. އަދި އެ ތާރީހު ފަސްކުރާނަމަ، ހުކުމް ކުރަން ތާވަލުގައި މިހާރު އޮތް ތާރީހު ވެސް އެއަށް ވުރެ ފަސްވާނެ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ނަމަވެސް, އަމާޒު ހުންނެވީ ވީހާވެސް އަވަހަށް މި އަހަރުގެ ތެރޭގައި މައްސަލަ ނިންމުމަް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
މައްސަލައިގެ ފަސްފަހަތް؛
ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.
މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.
އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އަދުހަމަށް ކުރި ދައުވާތަކުގަ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.
އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.













