މެޑްރިޑް (އޭޕްރީލް 16) - ސްޕެނިޝް ލީގުގެ ރޭހުގައި ފަހަތަށް ގޮސްފައިވާ ރެއާލް މެޑްރިޑުން ރޭ ކުުޅުނު މެޗުގައި ކަޑިޒް ދަނޑުގައި 2-0 އިން މޮޅުވެ، ހިތްހަމަޖެހުމެއް ހޯދައިފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، ތިން މެޗުގެ ތެރެއިން ދެ މެޗުން ރެއާލް ވަނީ ބަލިވެފަ އެވެ. އެކަމަކު، ރޭ ކަޑިޒް އަތުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި އަންނަ އަންގާރަ ދުވަހުގެރޭ ޗެލްސީއާ ކުޅުމުގެ ކުރިން މި ވަނީ ލީގުގައި ރަނގަޅު މޮޅަކާ އެކު ހިތްހަމަޖެހުން ހޯދައިފަ އެވެ.
ރެއާލް މޮޅުވުމުން ބާސެލޯނާގެ ލީޑުވަނީ 10 ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 28 މެޗުން 72 ޕޮއިންޓާ އެކު އެވެ. ރެއާލުން މި ވަނީ 29 މެޗު ކުޅެގެން 62 ޕޮއިންޓް ހޯދައިފަ އެވެ.
ރޭގެ މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ކަޑިޒްގެ ޕާޗާ އެސްޕީނޯ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ރެއާލުން ލީޑުނަގަން ފުލުފުލުގައި ހޯދި ދެ ފުރުސަތުގައި ކަރިމް ބެންޒެމާ އާއި މާކޯ އަސެންސިއޯ ޖެހި ބޯޅަތައް ކަޑިޒްގެ ކީޕަރު ޑޭވިޑް ގިލް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 35 ވަނަ މިނިޓްގައި، ރެއާލަށް ލީޑުނަަގައިދޭން ބެންޒެމާ ކުޑައޭރިއާ ރޮނގުކައިރީގައި ހުރެފައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ރެއާލުން މި މެޗުގައި ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގެ ހަތަރު މިނިޓް ތެރޭގަ އެވެ. އެ ގޮތުން މެޗުގެ 72 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ނަޗޯ ފެނާންޑޭސް ޖެހި ގޯލުންނެވެ. ނަޗޯ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ލީޑުނެގިތާ އޭގެ ހަތަރު މިނިޓް ފަހުން، ރެއާލްގެ އަސެންސިއޯ ވަނީ އެ ޓީމުގެ ފެޑޭ ވަލްވޭޑޭ ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، އޭރިއާގެ އަރިމަތީގައި ހުރެފައި ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އިތުރު ގޯލެއް ޖަހަން އަސެންސިއޯ ޖެހި ބޯޅަ ކީޕަރު ގިލް ވަނީ ހުއްޓުވައިފަ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ފަރުވާ ކުޑަކޮށްލައިގެން ކުޅުނު ނަމަ މިއީ ވެސް ރެއާލް އަތުން ޕޮއިންޓް ގެއްލޭނެ މެޗެއް ކަމަށެވެ. އެކަމަކު އެ ގޮތަށް އެކަން ނުވީ ރެއާލް ކުޅުންތެރިން ހުރިހާ ހާލަތެއްގައި ވެސް އެ ބަހައްޓަން ޖެހޭ ސަމާލުކަން ދީގެން މެޗުގައި ކުޅުމުން ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.












