ގދ. ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހަދަން 18 ބިމެއް ކުއްޔަށް ދޫކުރާ ގޮތަށް، އެ އެއާޕޯޓް ހިންގާ ރީނަޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އިއުލާންކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ރަށުގެ އެއާޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖެހުމުގެ ކުރިން އެ ކުންފުނީގެ ޓެންޑާ މެއިލް އަށް ހުށަހެޅުމަށެވެ.
ބިމުގެ ޖާގައިގެ ތަފުސީލުތަކެއް އިއުލާނަކު ނެތެވެ. އެ ޓެންޑާއާ ގުޅޭ ތަފުސީލުތައް ހިމެނޭ ލިޔެކިޔުންތައް، އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އިއުލާނުގައިވެ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައި ރަސްމީކޮށް ދަތުރުތައް ފެށީ މިދިޔަ މާޗު މަހު އެވެ. މިއީ ހުވަދު އަތޮޅުގައި ތަރައްގީކޮށް ހުޅުވި ހަތަރު ވަނަ އެއާޕޯޓެވެ.
ދިގުމުގައި 1،200 މީޓަރުގެ ރަންވޭ އަކާއި ހިތްގައިމު ޓާމިނަލްއަކާއެކު ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރަން ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ހޭދަވި އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.











