ސީރިއާގައި ދާހިލީ ހަނގުރާމަ ފެށި ފަހުން އެ ގައުމުގެ ފޮރިން މިނިސްޓަރު ފައިސަލް މެކްދާދް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާއި އިދިކޮޅު ގްރޫޕުތަކުން ހަނގުރާމަ ފެށީ 2011 ގަ އެވެ. އެ ހަނގުރާމައިގައި ސައުދީއިން ތާއީދުކުރީ އިދިކޮޅު ގްރޫޕުތަކަށެވެ.
ބުދަ ދުވަހު މެކްދާދް ޖިއްދާއަށް ދަތުރުކުރެއްވީ ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށެވެ. ކިންގް އަބްދުލްއަޒީޒް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަލީދް ބިން އަބްދުލް ކަރީމް އަލް ހުރައިޖީ އެވެ.
މި ދަތުރުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރައްވާނީ ސީރިއާގައި އުފެދިފައި އޮތް ކާރިސާއާ ގުޅޭ ގޮތުންނެވެ. އެގޮތުން ސީރިއާއަށް ސިޔާސީ ހައްލެއް ހޯދުމާއި ހަމަޖެހުމާއި ސުލްހަ ދެމެހެއްޓޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އޭގެ އިތުރުން ސީރިއާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ސީރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.










