ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއިން ބަންދުކޮށްފައިވާ އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމުގެ އެއްބަސްވުން ބުރާސްފަތި ދުވަހުން ފެށިގެން ތަންފީޒު ކުރަން ނިންމައިފި އެވެ.
ޔަމަނުގެ އޮފިޝަލުން ބުނީ ގާތްގަނޑަކަށް 900 ގައިދީން މިނިވަންކޮށް، ސައުދީ އަރަބިއްޔާ އާއި ޔަމަނުން އެ ގައިދީން ގައުމަށް އަނބުރާ ފޮނުވާނެ ކަމަށެވެ.
ޔަމަނުގެ އިންތިހާބީ ސަރުކާރާ ދެކޮޅަށް އިރާނުގެ އެއްބާރުލުމާ އެކު ހޫތީ ހަނގުރާމަވެރިން މަސައްކަތް ފެށީ 2015 ވަނަ އަހަރު ވެރިރަށް ސަނާ ހިފައިގެންނެވެ.
ހަނގުރާމައިގެ ތެރެއަށް ސައުދީ އިސްވެ އޮވެ އުފެއްދި ކޯލިޝަނުން ވަނީ ޔަމަން ސަރުކާރުގެ އެދުމަށެވެ. ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ.
ސައުދީގެ މަންދޫބުން މި ވަގުތު ޔަމަނުގައި ހަރަކާތްތެރިވަމުންދާ އިރު، ގައިދީން މިނިވަން ކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔައީ އިތުބާރު ހޯދުމުގެ ގޮތުންނެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު ސްވިޓްޒަލޭންޑުގަ އެވެ.
ހޫތީންގެ ފަރާތުން 181 ގައިދީން މިނިވަން ކުރަން ނިންމި އެވެ. އެއީ ސައުދީ އާއި ސޫދާންގެ ރައްޔިތުންނެވެ. ސައުދީގެ އެހީއާ އެކު ޔަމަން ސަރުކާރުގެ ގައިދީންގެ ގޮތުގައި ތިބި 706 މީހުން ދޫކުރާނެ އެވެ.
މެދުއިރުމަތީގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގެ އިންސާނީ ހާލަތު ގޯސްވެފައިވާ އިރު، ހަނގުރާމައިން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބެ އެވެ.
ސުލްހަ ގެންނަން މީގެ ކުރިން ވެސް މަޝްވަރާ ކުރި އެވެ. ހަތް އަހަރަށް ފަހު އިރާނާއި ސައުދީއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުން ސުލްހައިގެ އުއްމީދު ބޮޑެވެ.










