ޔަމަނުގެ ހަނގުރާމަ ނިންމައި ދާއިމީ ސުލްހަ ގާއިމްކުރުމުގެ މަޝްވަރާއަށް ސައުދީ އަރަބިއްޔާގެ ވަފުދަކުން ޔަމަނުގެ ވެރިރަށް ސަނާއަށް ހިނގައްޖެ އެވެ.
ޔަމަނުގެ އިދިކޮޅު ހޫތީންނާއި ސައުދީގެ މަޝްވަރާގައި މެދުވެރިއެއްގެ ދައުރު އަދާކުރާނީ އޮމާނުންނެވެ. އެ ގައުމުގެ ވަފުދު ވެސް މިހާރު ތިބީ ސަނާގަ އެވެ.
ޔަމަނަށް ދާއިމީ ސުލްހަ ލިބުމުގެ އުއްމީދު ބޮޑުވީ މިދިޔަ މަހު ސައުދީ އާއި އިރާނުން ހަތް އަހަރަށް ފަހު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ނިންމުމުންނެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އިރާނާއި ސައުދީން އެއްބާރުލުންދެނީ ވާދަވެރި ދެ ފަޅިއަށެވެ. ސައުދީއިން ޔަމަނުގެ ސަރުކާރަށް އެހީވާ އިރު، އިރާނުގެ އެހީ ލިބެނީ ހޫތީންނަށެވެ.
މަޝްވަރާތައް އަމާޒު ކުރަނީ ޔަމަނުގެ ބަނދަރުތަކާއި އެއާޕޯޓުތައް އަލުން ހުޅުވުމާއި، ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމާއި، ސިޔާސީ ހަމަޖެހުން ގެނައުމާއި، އަލުން ގައުމު ބިނާކުރުމުގެ މައްޗަށެވެ.
މަޝްވަރާތައް ކުރިއަށްދާ އިރު، ސައުދީ އާއި ހޫތީން ވަނީ ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމަކަށް އައިސްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.










