އިއްޔެ އިރު ފެނުޖެހެން ދިޔަ ވަގުތެވެ. މި ރަށު އަންނާރުމާގެ ނައީމާ މޫސާ، 62، ގެ ހަބަރެއް ނުވާތީވެ، އޭނާގެ ތިމާގެ ބަޔަކު ދިޔައީ ރޯދަ ވީއްލަން ތަކެތި ހިފައިގެން އެ ގެއަށެވެެ. ގޭގެ މަގަތު ދޮރު ތަޅުލައިފަ ހުރި ނަމަވެސް ބޮކިތައް ދިއްލާފައި ހުރުމުން، ގޭގެ އެތެރޭގެ ދޮރުން ވަންނަން ދިޔަ އެވެ. އެ ދޮރު ހުރީ ހުޅުވައިފަ އެވެ. ގޭތެރޭގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަ ނުވިޔަސް، ނައީމާގެ ކޮޓަރި ތަޅުލާފައި ހުރުމާއި ޓަކި ޖަހައިގެން ނުހުޅުވުމުން، ފުލުހުންނަށް އެންގި އެވެ. ފުލުހުން ދޮރު ވައްޓާލިއިރު، ތަޅުންގަނޑު މަތީގައި އޮތް ލޭގެ ކޯރުތެރޭގައި ނައީމާގެ ހަށިގަނޑު އޮތެވެ.
ފުރަތަމަ ހަބަރުތައް އައިގޮތުން އެއީ ގުދުރަތީ މަރެއް ކަމަށް ހީވި އެވެ. ނަމަވެސް, ފުލުހުންގެ ފޮރިންސިކް ޓީމު މާލެއިން ފުރުމުގެ ކުރިން ރަށުގެ ސިއްހީ މަރުކަޒާއި ރަށުގައި ތިބި ފުލުހުން ނައީމާގެ ހަށިގަނޑު ބެލުމުން ޒަހަމްތައް އެނގުނެވެ. އެތައް ތަނަކަށް ތޫނު އެއްޗަކުން ހުރީ ހަމަލާދީފަ އެވެ. ކަރުގައި ވެސް ޒަހަމް ހުރި ކަމަށް އެނގިފައިވެ އެވެ.
މި ވާހަކަތައް ފުލުހުން ދޮގެއް ނުކުރެ އެވެ. ނަމަވެސް، މަރުގެ މައްސަލައާ ގުޅޭ މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
ނައީމާގެ މަރާއެކު ހައިރާންކަމާއެކު ސުވާލުތައް އުފައްދަން ފެށި އެވެ. މި ރަށުން ވާހަކަ ދެއްކި މީހުން ބުނަނީ ނައީމާ ސިހުރު ހަދާ ވާހަކަ އެވެ. އެ ތުހުމްތު ކުރި ނަމަވެސް މިހާރު ކަމާ އޭނާ ވަރަށް ބޮޑަށް ދުރުވެފައިވާ ކަމަށް ނަން ނުޖެހުމަށް ބުނެ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަޅުގަނޑަށް ގަބޫލުކުރަން ދަތި ސިހުރާ ގުޅުމެއް އޮތް ކަމެއް ކަމަށް. ސަބަބަކީ އެކަން އެންމެ ގަދައަށް ހިންގި ދުވަސްވަރު ފާއިތުވެ ގޮސްފި. އެކަމަކު ކަމެއް ނުވާނެއެކޭ ވެސް ނޫން މި ބުނީ،" އޭނާ ބުންޏެވެ.
ނައީމާއަކީ މި ރަށު ކައުންސިލްގައި، ރަށު ތެރެ ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާއެއްގައި އުޅުނު މީހެކެވެ. އަބަދުވެސް ވަރަށް ހަރަކާތްތެރި މުރާލި މީހެވެ. ނައީމާގެ ހަބަރެއް ނުވާން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު ވަޒީފާއަށް ނުކުންނަ ނައީމާ އެ ދުވަހު ވަޒީފާއަކަށް ނުނުކުމެ އެވެ. އެންމެން ހީކޮށްގެން ތިބީ ބަލި ހާލަތު ހުރި ގޮތުން އެ ދުވަހު ވަޒީފާއަށް ނުނުކުތީ ކަމަށެވެ.
"ހެނދުނު ހައެއް ޖަހާއިރު އެއީ ރަށު ތެރެ ސާފުކުރަން ނުކުންނަ ވަގުތު، ބައެއް ދުވަސްދުވަހު އޭނާ ހުންނާނެ ފަސް ގަޑި ބައިވާ އިރަށް ވެސް ސާފުކުރަން ނުކުމެ، އުމުރުން ދޮށްޓަކަސް ވަރަށް މުރާލި ވާނެ، ވަރަށް ހަރަކާތްތެރިކޮށް އަބަދުވެސް އުޅޭނީ،" ކައުންސިލްގެ ރައީސް އަބްދުލްރަހްމާން ސަބީހު ވިދާޅުވި އެވެ.
އެކަނިވެރި ދިރިއުޅުން
ނައީމާ ދުނިޔޭން ވަކިވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ފުރަތަމަ ކައިވެންޏަށް ލިބިފައިވަނީ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ދެ ވަނަ ކައިވެންޏަށް ލިބުނީ ދެ އަންހެން ކުދިންނެވެ. ކައިވެނި ކުރި ދެ ފިރިން ވެސް މަރުވެ ހުވަފަތް ވެފައިވާ ނައީމާގެ ގާތުގައި ދަރިންނެއް ނެތެވެ. އެ މީހުން ދިރިއުޅެނީ ވަކިންނެވެ. ބައެއް ދަރިން މާލޭގަ އެވެ.
ވާރުތައިން ލިބިފައިވާ ގޭގައި އެކަނިމާއެކަނީގައި ދިރިއުޅޭ ނައީމާގެ ހުރިހާ ކަމެއް ކުރަނީ އޭނާ އަމިއްލަ އަށެވެ. ރަށުގެ މީހުންނާ ގުޅުމެއް ނެތެވެ.
"ކޮއްކޮ އެކަނި އެހެން މި ރަށުގައި އުޅޭތާ ނިކަން ދުވަސްވެއްޖެ، ނޭނގެ އެހެން ބުނާކަށް ވެސް ކިހާ ދުވަހެއް ވެއްޖެ ކަމެއް ވެސް، އެހެން ވަރަށް އެހަކެރި އަމިއްލައަށް މަސައްކަތްކޮށްލައިގެން، އަމިއްލައަށް ކައްކައިގެން ރޯދަ ވީއްލާނީ ވެސް، އެހާ މުރާލި ވާނެ،" ނައީމާގެ ބޭބެ އަބްދުﷲ މޫސާ ބުންޏެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނު އޭނާގެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ - ފޮޓޯ: އަދަދު
ދަރިން ރަށުގައި ނެތަސް، އާއިލާގެ އެހެން ބައެއް މީހުން ރަށުގައި އުޅެ އެވެ. އެއްބަނޑު އެއްބަފާ ބޭބެއިންނާއި، ދައްތައިންނާއި ކޮއްކޮއިންގެ އިތުރުން ބޮޑު ދައިތަ ކިޔާ ކުދިން ވެސް އުޅެ އެވެ. ކޮންމެ އާއިލާއެއްގައި މައްސަލަތައް ހުންނަހެން އެ އާއިލާގައި ވެސް މައްސަލަތަކެއް ހުއްޓެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި ނައީމާ، އާއިލާއާ ދުރުވީ ކުރިން ކުރެވުނު ތުހުމަތުތަކުގެ ސަބަބުންނެވެ.

ނައީިމާގެ ހަށިގަނޑު ބާއްވާފައިވާ މަނަދޫ ހިނަވާގެ ކައިރިއަށް މީހުން އެއްވެފައި - ފޮޓޯ: އަދަދު
އޭނާގެ އެކަހެރި ދިރިއުޅުމާއި ތުހުމަތުތައް މާ ކުރިން ފެށިގެން ވެސް އެގޮތުގައި އޮންނައިރު، އޭރު ނުހިނގި ކަމެއް މިއަދު ހިނގުމުން އެންމެނަށް ވެސް ވަނީ ހައިރާންކަމާއި ޝޮކް ލިބިފަ އެވެ.
"އެއްގޮތަކަށް ވެސް ނުވިސްނޭ، މައްސަލަތަކެއް ބަޔަކާ އެކު އޮވެވެސް ދާނެ، އެހެން ނޭނގޭނެ ބުނާކަށް، އެކަމަކު މަރާލަން ޖެހޭ ވަރުގެ ސަބަބެއް އެއްވެސް ވަރަކަށް ނުވިސްނޭ،" ނައީމާގެ ބޭބެ އަބްދުﷲ މޫސާ ބުންޏެވެ.
ގާތްގަނޑަކަށް 1،600 މީހުން ދިރިއުޅޭ މަނަދޫގައި އެހާ ވަރުގެ ކުށުގެ ވެއްޓެއް ވެސް ނެތް ކަމަށް ރަށު މީހުން ފާހަގަ ކުރެ އެވެ. މިއީ މި އެންމެން ވެސް ހަނދާނުގައި ހުރި ހަމައެކަނި މީހަކު މަރާލި ކަމަށް ބެލެވޭ މައްސަލަ އެވެ. މީގެ ކުރިން އެ ވަރުގެ ކަމެއް ފަހުގެ ތާރީހެއްގައި މި ރަށަކު ހިނގައިފައެއް ނެތެވެ.
މަރު ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ރަށަށް އައިސް ހަރަކާތްތެރިވަމުންދާއިރު، މަރުގެ ތުހުމަތުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.










