ސައުދީ އަރަބިއްޔާ އާއި އޮމާންގެ ވަފުދަކުން ޔަމަނުގެ ވެރިރަށް ސަނާއަށް ދަތުރުކޮށް ސުލްހަ ގެނައުމަށް އިދިކޮޅު ހޫތީންނާ އެކު މަޝްވަރާ ކުރަން ނިންމައިފި އެވެ.
ޔަމަނުގެ އަށް އަހަރުވީ ހަނގުރާމަ ނިންމައި ދާއިލީ ސުލްހަ ގެންނަން އެއްބަސްވެއްޖެ ނަމަ ފިތުރު އީދުގެ ކުރިން އެކަން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.
މަޝްވަރާތައް އަމާޒު ކުރަނީ ޔަމަނުގެ ބަނދަރުތަކާއި އެއާޕޯޓުތައް އަލުން ހުޅުވުމާއި، ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމާއި، ސިޔާސީ ހަމަޖެހުން ގެނައުމާއި، އަލުން ގައުމު ބިނާކުރުމުގެ މައްޗަށެވެ.

މަޝްވަރާތަކުން ކުރިއެރުން ލިބޭނެ ކަމަށް ބެލެވެނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ އަރަބި ކޯލިޝަނުން ޔަމަނުގެ ދެކުނުގެ ބަނދަރުތަކުން ތަކެތި އިމްޕޯޓް ކުރަން އެއްބަސްވުމުންނެވެ.
ޔަމަނުގެ އިންތިހާބީ ސަަރުކާރުން ބުނީ ދެކުނުގެ ބަނދަރުތަކަށް ކޮމާޝަލް ބޯޓުތަކަށް ވަދެވޭނެ ކަމަށާއި ހުރިހާ މުދަލެއް އެއްވެސް ހުރަހެއް ނެތި އެތެރެ ކުރެވޭނެ ކަމަށެވެ.
އަރަބި ކޯލިޝަނުން 2015 ވަނަ އަހަރު ޔަމަނު ހަނގުރާމައިގައި ބައިވެރިވާން ފެށުމާ އެކު ހުރިހާ ބޯޓެއް ސެކިއުރިޓީ ހުއްދަ ހޯދަން ސައުދީ އަރަބިއްޔާގެ ޖިއްދާ ބަނދަރުގައި މަޑުކުރަން ޖެހެ އެވެ.
އެހެން ނަމަވެސް، އާ ނިންމުމާ އެކު މީގެ ފަހުން ޖިއްދާ ބަނދަރުގައި މަޑުނުކޮށް ސީދާ ޔަމަނުގެ ބަނދަރުތަކަށް ބޯޓުތަކަށް ކައިރި ކުރެވޭނެ އެވެ.










