ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ރޭ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޕްރެކްޓިސްތައް ފަށައިފި އެވެ.
މި ސީޒަނުގައި ވެސް ސަސް އަށް އިރުޝާދުދޭނީ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާއި ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކުރި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.
އަންނަ އާދިއްތަ ދުވަހު ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ، ޕްރެޒިޑެންޓްސް ކަޕް ފަށަން ތާވަލުކޮށްފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރަން ނިންމި ހަ ކްލަބްގެ ތެރޭގައި ސަސް ވެސް ހިމެނެ އެެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދާއިރު، ސަސް ލައްވާލީ، ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާއާ އެކު، ފުރަތަމަ ގްރޫޕްގަ އެވެ. ސަސްގެ ފުރަތަމަ މެޗު އޮތީ މި މަހުގެ 14 ވަނަ ދުވަހުގެރޭ ވެލެންސިއާއާ އެކު އެވެ.

ސަސް އިިން ރޭ ބޭއްވި ޕްރެކްޓިހުގެ ތެރެއިން: މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ.-- ފޮޓޯ: އަހުމަދު މިގުދާދު/ ދާދު ފޮޓޯސް
މި ވަގުތު ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ޕްރެކްޓިސް ނުފަށައި އޮތީ، ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެން ނިންމި ދެ ޓީމު ކަމަށްވާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޕްރެކްޓިސް ފަށަން ނިންމާފައި އޮތް، ޓީސީ ސްޕޯޓްސް ކްލަބް އެވެ.
ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވެގެން އައިސް ފާއިތުވި ދެ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ސަސް އިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އެއީ މި ވަގުތު ޓީމާ ހަވާލުވެހުރި ކޯޗު، އިންމަގެ އިތުރުން އަހުމަދު ނާޝިދު (ނާދު) އާއި މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުންނެވެ.
އިންމަ، އެންމެ ފުރަަތަަމަ ސަސްގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2021 ވަނަ އަަހަރުގެ ނޮވެމްބަރު މަހު އެވެ. މިދިޔަ ސީޒަނުގައި ސަސް އަށް އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ނަމަވެސް، ތިން ވަނަ ހޮވާ މެޗުގައި ނުކުޅެން ނިންމީ ރެލިގޭޝަން ބުރެއް ކުޅެން ޖެހިފައި އޮތުމުންނެވެ. ސަސް އިން ވަނީ ރެލިގޭޝަން ބުރުގައި ކުޅެގެން ފުރަތަަމަ ޑިވިޝަނުގައި މަގާމު ދަމަހައްޓައިފަ އެވެ.
އާ ސީޒަނަށް ރޭ ސަސް އިން ޕްރެކްޓިސް ފެށިއިރު، މިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ފެނުނު ގިނަ ކުޅުންތެރިންނާއި ޒުވާން އާ ކުޅުންތެރިން ވެސް ވަނީ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ.












