އަރަބިއްޔާ ސްކޫލުގެ އެއްވެސް ކުއްޖަކީ ޓެރަރިސްޓެއް ކަމަށް ބުނެފައިނުވާނެ ކަމަށާއި އެފަދަ ވާހަކަތައް ބަޔަކު ފަތުރަނީ ފިތުނަ އުފެއްދުމަށް ކަމަށް އެ މަދަރުސާއިން މިއަދު ބުނެފި އެވެ.
ތުނބުޅި ނުބޭލި ދަރިވަރަކަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައިގައި އަރަބިއްޔާ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލުގެ ޔުނީފޯމް ކޯޑާ ހިލާފުވި އެއްވެސް ކުއްޖަކަށް ބިރުދައްކާފައިނުވާނެ ކަމަށެވެ.
"ސްކޫލުގެ އެއްވެސް މުވައްޒަފަކު، ދުވަހަކުވެސް، ދަރިވަރުންނަކީ ޓެރަރިސްޓުންނަށް ހަދާފައެއް ނުވާނެ،" އެ ބަޔާނުގައިވެ އެވެ. "ސްކޫލާ ގޫޅޭ ގޮތުން އެކިއެކި ގޮތްގޮތަށް ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ މަދު ފަރާތްތަކުގެ ބޭނުމަކީ ފިތުނަފަސާދަ އުފެއްދުން."
އަރަބިއްޔާ ސްކޫލުން ބުނީ އެ ސްކޫލުން އެދެނީ މަދަރުސާ ބަދުނާމުވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.










