މެޑްރިޑް (އޭޕްރީލް 6) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލްގައި ރޭ ރެއާލް މެޑްރިޑް އަތުން 4-0 އިން ބާސެލޯނާ ބަލިވިއިރު، މި ނަތީޖާއާ އެކު ނިދަން ވެސް އުނދަގޫވާނެ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ ރެއާލް ފައިނަލަށް ދަތުރުކުރިއިރު އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި ވިނީޝިއުސް ޖޫނިއާ ވެސް ލަނޑުޖެހި އެވެ. ސްޕެނިޝް ކަޕްގެ ތަށި 31 ފަހަރު ކާމިޔާބު ކޮށްފައިވާ ބާސެލޯނާގެ މައްޗަށް ރެއާލުން ކުރި ހޯދީ 4-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ޒަވީ ބުނީ މި ނަތީޖާ ގަބޫލްކުރަން ދަތި ކަމަށެވެ. އަދި މި ނަތީޖާގެ ސަބަބުން ނިދަން ވެސް އުނދަގޫވާ ކަމަށެވެ.
"ބާސެލޯނާގެ ބޮޑު ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ނަތީޖާ އިން ވަރަށް ބޮޑު އަސަރެއްކޮށްފި. މިއީ ގަބޫލްކުރަން ވަރަށް ދަތި ނަތީޖާއެއް. މިރޭ (ރޭ) އަހަންނަށް ނިދަން ވެސް އުނދަގޫވާނެ،" ޒަވީ ބުންޏެވެ.
"ފުރަތަމަ ހާފުގައި ބާސެލޯނާގެ ކުޅުން ރަނގަޅު. އެކަމަކު، ދެ ވަނަ ހާފުގައި ރެއާލް ފެނުނީ ތަފާތުކޮށް."
މުބާރާތުގެ ފައިނަލްގައި އަންނަ މަހުގެ ހަ ވަނަ ދުވަހު ރެއާލްއާ ދެކޮޅަށް ނުކުންނާނީ އޮސަސޫނާ އެވެ.
ސްޕެނިޝް ކަޕުން ކެޓިޔަސް، ރެއާލް ފަހަަތަށް ޖައްސާލުމަށް ފަހު ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑީ ބާސެލޯނާ އަށެވެ. ބާސެލޯނާ އަށް މިހާރު ވެސް އެއް ވަނައިގައި ވަނީ 12 ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.












