ޕެރިސް (މާޗް 29) - ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމުން ރޭ އިސްތިއުފާ ދިން ކޯޗު ހާވް ރެނާޑް، ފްރާންސްގެ އަންހެން ފުޓްބޯޅަ ޓީމާ ހަވާލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު/ ޑިސެމްބަރު މަހު، ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފަހަތުން އަރައި އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާ މޮޅުކޮށްދިންއިރު، އެ ޓީމާ ހަވާލުވެހުރި ކޯޗު، ރެނާޑް، 54، ސައުދީ ކޯޗުކަމުން ވަކިވީ އަމިއްލަ ސަބަބުތަކާ ހުރެ އެެވެ.
ރޭ ބޮލިވިއާ އަތުން 2-1 އިން ސައުދީ އަރަބިއްޔާ ބަލިވި މެޗަށް ފަހު، ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އަމިއްލަ ސަބަބަކާ ހުރެ، ފްރާންސަށް އުފަން ކޯޗު، ރެނާޑް، ސައުދީ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
އަދި ރެނާޑްގެ އިސްތިއުފާ ސައުދީ އަރަބިއްޔާ ފެޑެރޭޝަނުން ވަނީ ގަބޫލުކޮށްފަ އެވެ.
"އަހަރެމެން މަސައްކަތް ކުރިން އޭނަ މަޑުކުރެވޭތޯ، އެކަމަކު، އޭނަ ނިންމާފައި އޮތީ ފްރާންސްގައި ގައުމީ ޓީމަކާ ހަވާލުވާން،" ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވެ އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެފްރިކާގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދި ކޯޗު، ރެނާޑް ވަނީ ފްރާންސް އަންހެން ޓީމާ ހަވާލުވާން އެއްބަސްވެފަ އެވެ. ފްރާންސް އަންހެން ޓީމުގެ ކޯޗަކަށް ހުރި ކޮރީން ޑިއާކްރޭ ވަނީ މި މަހު ކުރީކޮޅު މަގާމުން ވަކިކޮށްފަ އެެވެ.
ފްރާންސް އަންހެން ޓީމަށް ރެނާޑް ގެންނަން ނިންމީ، އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި ބާއްވާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި ފްރާންސަށް ކާމިޔާބު ހޯދައިދިނުމުގެ ގޮތުންނެވެ.












