ސައުދީ އަރަބިއްޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އުމްރާގެ އަޅުކަމަށް ދިޔަ 20 މީހުން މަރުވެ، އިތުރު 29 މީހުންނަށް އަނިޔާވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުމްރާވެރިން ގޮވައިގެން މައްކާއަށް ދަތުރު ކުރަނިކޮށް ބްރިޖެއްގައި ޖެހި އެކޮޅުކޮޅުން ފުރޮޅާލައި ބަހުގައި އަލިފާން ރޯވީ ހުޅަނގު ދެކުނު އާސިރް ޕްރޮވިންސްގަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ބަހުގައި ރޯވެފައިވާ މަންޒަރެވެ. ހާދިސާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް އިދާރާތަކުން ދަނީ ކުރަމުންނެވެ.
އެހެން ނަމަވެސް އޯކާޒް ނޫހުން ރިޕޯޓު ކުރި ގޮތުގައި އެކްސިޑެންޓު ދިމާވީ ބަހުގެ ބުރަކި ޖެއްސުމުގައި މައްސަލަ ދިމާވެގެން ކަމަށް ބެލެވެ އެވެ.
ސައުދީ އަރަބިއްޔާގެ އަލް އަރަބިޔާ ނޫހުން ބުނީ މަރުވި މީހުންގެ ތެރޭގައި އެ ގައުމުގެ ގިނަ ބަޔަކު ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެހެން ގައުމުތަކުގެ މީހުން ވެސް މަރުވެފައިވެ އެވެ.
އެހެން ނަމަވެސް މަރުވި މީހުންނާ ގުޅޭ ތަފްސީލެއް އަދި ނޭނގެ އެވެ. އޮފިޝަލުންނާ ހަވާލަދީ އަލް އަރަބިޔާ ނޫހުން ބުނީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
މީގެ ކުރިން 2019 ވަނަ އަހަރު އުމްރާގެ އަޅުކަމަށް މަދީނާއިން މައްކާއަށް ދަތުރު ކުރަނިކޮށް ހިނގި ބަސް އެކްސިޑެންޓެއްގައި ވެސް 35 މީހުން މަރުވި އެވެ.










