ލަންޑަން (މާޗް 28) - މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ، އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ އޮފިޝަލުންނަށް އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސަކާ، 21، މި ވަގުތު އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަަލަށެވެ. މި ސީޒަން ފެށިގެން މިހާތަނަށް މި ވީ މުއްދަތުގައި އާސެނަލުން އަންނަނީ ސަކާއާ އެކު އާ ކޮންޓްރެކްޓެއް ހެދުމުގެ މަޝްވަރާތައް ބާއްވަމުންނެވެ. މިހާތަނަށް ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާއިރު، ރަސްމީކޮށް އަދިވެސް އާސެނަލުން ސަކާގެ ކޮންޓްރެކްޓް އާ ކުރިކަން އިއުލާނެއް ނުކުރެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލުން މިހާރު ވަނީ ސަކާއާ އެކު، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކުރަން އެއްބަސްވެފަ އެވެ. އެ ގޮތުން، ސަކާ ކޮންޓްރެކްޓް އާ ކުރާނީ އެ ކްލަބްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައިވެ އެވެ.
އާސެނަލްގައި މި ވަގުތު އެންމެ ބޮޑު މުސާރައިގައި ހުރި ގަބްރިއެލް ޖީސޫސް އަށް ހަފްތާ އަކު، 250،000 ޕައުންޑް (310،000 ޑޮލަރު) ލިބެ އެވެ. ޖީސޫސް، އާސެނަލަށް ބަދަލުވީ މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށެވެ.
ސަކާގެ އާ ކޮންޓްރެކްޓާ އެކު އޭނާ އަށް ހަފްތާ އަކު، 300،000 ޕައުންޑް (370،000 ޑޮލަރު) ލިބޭނެ އެވެ. ސަކާ މި ވަގުތު އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ ހަފްތާ އަކު 70،000 ޕައުންޑް (86،000 ޑޮލަރު)ގެ މުސާރަ އަކަށެވެ.
ސަކާ، މި ސީޒަނުގެ މިހާތަނަށް އާސެނަލްގެ 38 މެޗުގައި ކުޅެފައިވާއިރު، 13 ގޯލު ޖަހައި، 10 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












