މެޑްރިޑް (މާޗު 27) - ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އެހެން ކްލަބަކާ ދިމާލަށް މިސްރާބު ޖެހުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބުނެފި އެެވެ.
ރެއާލް ޓީމުގައި އަދިވެސް މޮޑްރިޗް، 37، އަކީ މުހިންމު ކުޅުންތެރިއެކެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ރެއާލް އިން ދަނީ މޮޑްރިޗްގެ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާ ކުރުމަށް ތައްޔާރު ވަމުންނެވެ.
އެކަމަކު، މޮޑްރިޗް ގެންދަން ސައުދީ އަރަބިއްޔާގެ ގިނަ ކްލަބުތަކަކުން ޝައުގުވެރިވެ އެވެ. އަދި ބައެއް ކްލަބުތަކުން މިހާރު ވެސް މޮޑްރިޗް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
އެ ގޮތުން، މޮޑްރިޗް ގެންދަން މަސައްކަތް ފަށާފައިވާ އެއް ކްލަބަކީ ރެއާލްގައި ކުރިން މޮޑްރިޗާ އެކު ކުޅުނު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުންދާ ސައުދީގެ އަލް ނަސްރު އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ސައުދީ އަށް ބަދަލުވުމަށް މޮޑްރިޗްގެ އެއްވެސް ޝައުގެއް ނެތެވެ. އަދި މި ވަގުތު އޮތް ރެއާލްގެ ކޮންޓުރެކްޓް އާކޮށްފިނަމަ، އެ ކްލަބުގައި ރިޓަޔާކުރުމަށް މޮޑްރިޗް މިހާރު ވިސްނަމުންދާ ކަމަށް ވެސް މޮޑްރިޗްގެ ގާތް ފަރާތްތަކާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފަ އެވެ.
މޮޑްރިޗަކީ އަދިވެސް ރެއާލްގެ ފުރަތަމަ 11 އިން ގަވައިދުން ޖާގަ ހޯދައި ޓީމުގެ އެންމެން ވެސް ބަރޯސާވާން ޖެހޭ ފަދަ މުހިންމު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ. ރެއާލް އިން އިތުރު އެއް އަހަރަށް މޮޑްރިޗްގެ ކޮންޓުރެކްޓް އާކުރަން ބޭނުންވާއިރު، މޮޑްރިޗް ވެސް ބޭނުންވަނީ އެ ކްލަބުގައި މަޑުކުރާށެވެ.
އެކަމަކު، ދިގު މުއްދަތަކަށް ވިސްނާފައި ރެއާލް އިން ދަނީ މޮޑްރިޑްގެ ބަދަލުގައި މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުންދާ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އާއި ސެލްޓަ ވީގޯގެ ގަބްރީ ވެއިގާ އަށް އެ ކްލަބުން ދަނީ ފާރަލަމުންނެވެ.












