ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ގެންދަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ހަރަކާތެއް ހިންގަމުންނެވެ. ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވަނީ އެމަނިކުފާނުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީ ތަމްސީލުކުރާ ގޮތަށް ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެކަމާ ގުޅިގެން "އަދަދު" ނޫހުން ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ "އެމްޑީޕީގެ ފަރާތުން ޖޭޕީއާ އެއްކޮށް އަދި އެއްވެސް މަޝްވަރާއެއް ނުކުރެވޭ" ކަމަށެވެ. އަދި، ނަޝީދުގެ މަންދޫބުންނަށް ފާޑު ވިދާޅުވި އެވެ.
"ބައްދަލުކުރި ބަޔަކު އެގޮތަށް ކަމަށް ދެކި [އެމްޑީޕީގެ މަންދޫބުން ކަމަށް ދެކި] ބައްދަލު ކުރިނަމަ އެ ބައެއްގެ ސިޔާސީ އުރަތްޕާ މެދު ކަންބޮޑުވޭ. ޖެޕީގެ ފަރާތުން ވެސް އެއީ [ނަޝީދުގެ މަންދޫބުން] އެމްޑީޕީގެ ފަރާތުން ފޮނުވައިގެން ދިޔަ ވަފުދެއް ކަމަށް ގަބޫލުކުރާނެ ކަމަށް ނުދެކެން،" ނަޝީދުގެ ފެކްޝަނުން ރޭ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަށް އަމާޒު ކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން ނަޝީދުގެ މަންދޫބުން މަޝްވަރާކުރި އެވެ. އަދި، އިތުރު ބައްދަލުވުންތަކެއް ބާއްވާނެ ކަމުގެ އިޝާރާތެއް ވެސް ދިނެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އަމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދެވެ. ރިޔާޒަކީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރެއް ވެސް މެ އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވެސް ވަނީ ރޭގެ ބައްދަލުވުމަކީ އެމްޑީޕީ "ރޫޅާލުމަށް" ޖޭޕީން ކުރަމުންދާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
"ޖޭޕީން ކުރިޔަސް އެހެން ޕާޓީއަކުން ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް. އެމްޑީޕީގެ ރަސްމީ އެއްވެސް ނިންމުމެއް ނެތި، އެ ޕާޓީގެ ބަޔަކު ގެންގޮސްގެން ޖޭޕީގެ ވެރިން އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްތައް ހިތްވަރު ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު އަދި ވަރަށް ނުކިއްސަރު އަމަލެއް،" ރީކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަންގެ މެމްބަރަކަށް ޖޭޕީވި ނަމަވެސް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެ ޕާޓީން އެއްބަހެއް ނުވި އެވެ. އޭގެ ބަދަލުގައި ޖޭޕީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.
ރޭގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ދައުވަތު ދެއްވާފައި އޮތް ނަމަވެސް އެކަމަށް ޖަވާބެއް ދެވޭނީ މި ދައުރުގައި ކަންތައް ހިނގައިދިޔަ ގޮތް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.
"ފިކުރެއްގެ ދިރުން" ފެކްޝަނުން ޖޭޕީއާ ރޭ ބައްދަލުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާޗު 21 ގައި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ލީޑަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރާއެކު މިހާތަނަށް ކޯލިޝަން ހެދި ދެ ޕާޓީ އެވެ.
އޭގެ ކުރިން ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާއެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި ރައީސްގެ މަންދޫބުންތަކެއް މިފަހުން ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ވިޔަފާރިވެރިޔާ ޗަމްޕާ އަހުމަދު މޫސާއާ ބައްދަލު ކުރައްވައިފަ އެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި ނަޝީދު ހަރަކާތެއް ހިންގަވަން ފެެއްޓެވީ ވެރިކަން ހިންގާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު 15،000 ވޯޓު ހޯއްދެވި އެވެ.
މުހިންމު ބައެއް ހަބަރު
- ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެތެރޭގެ ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނޭރުން ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ކަމަށް ރިޕޯޓުކުރި އެވެ.
- ރޯދަ މަހާ ދިމާކޮށް ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ. މި ބަދަލާއެކު ވެމްކޯއިން، ގޭގެއިން ކުނި ނެގުމުގެ ހިދުމަތް ދޭނީ ރޭގަނޑުގެ ވަގުތުގަ އެވެ. ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ނިންމާފައި ވަނީ، ތަރާވީހު ނަމާދުކޮށް ނިމޭހާ ވަގުތުކޮށްފަ އެވެ.
- މި ރޯދަ މަހު ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
- ރޯދައަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރި އެވެ.
- މި ފެށުނު ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ފިހުމަށްޓަކައި އަޅުކަންތަކުގައި ހީވާގިވެ އުޅުމަށާއި އަހުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބަށް ފަހު، އެ މަނިކުފާނުގެ ކުރީގެ މިތުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2023 ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި "ފިކުރެއްގެ ދިރުން" ނަމުގައި ހިންގަވާ ހަރަކާތުގެ ބައެއް ބައިވެރިން، އެމްޑީޕީގެ ނަމުގައި ޖުމްހޫރީ ޕާޓީއާ ބައްދަލުކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ؛
ބައްދަލުކުރި ބަޔަކު އެގޮތަށް ކަމަށް ދެކި [އެމްޑީޕީގެ މަންދޫބުން ކަމަށް ދެކި] ބައްދަލު ކުރިނަމަ އެ ބައެއްގެ ސިޔާސީ އުރަތްޕާ މެދު ކަންބޮޑުވޭ. ޖެޕީގެ ފަރާތުން ވެސް އެއީ [ނަޝީދުގެ މަންދޫބުން] އެމްޑީޕީގެ ފަރާތުން ފޮނުވައިގެން ދިޔަ ވަފުދެއް ކަމަށް ގަބޫލުކުރާނެ ކަމަށް ނުދެކެން،"
ދުވަހުގެ ކޯޓޭޝަން

ދަތުރުވެރިންގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ވިއްކަން ހުރި ގޮޅިއަކުން މީހަކު ތަކެތި ގަންނަނީ. -- ފޮޓޯ: އަދަދު










