ސެޕްޓެމްބަރު ގައި އޮންނަ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ، އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ބައްދަލުކުރައްވައިފި އެވެ.
މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ބައިރެވިވެލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމުމަށްފަހު އަދާލަތު ޕާޓީ އާއި އެމްޑީއޭ އެމަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް ލިބިފައިނުވެ އެވެ.
މި ބައްދަލުވުމުގައި މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހުރީ ޕާޓީ އަދި އެމްއާރުއެމް އިން ބައިވެރިވެފައެއް ނުވެ އެވެ.
ޖޭޕީއިން މިހާރު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ނުހެދުމަށް ނިންމައި އެ ޕާޓީއިން ވަކިން ކެންޑިޑޭޓެއް ނެރުމަށް ނިންމާފަ އެވެ. އެމްއާރުއެމް އިން އަދި ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމާމެދު މަޝްވަރާކުރުމަށް އެމްއާރުއެމް އިން ޖޭޕީއާ އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޕާޓީއިން އިތުރު މަޝްވަރާތަކެއް ކުރުއްވާނެކަމަށްވެސް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވަނީ އިއްޔެ "އަދަދު" އަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެމްއާރުއެމް އިން ވަނީ މިއަދު އަދާލަތު ޕާޓީއާއެކު ވެސް ބައްދަލުކޮށް މިހާރު އޮތް ކޮލިޝަނުގެ ތަޖުރިިބާއާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.













