އޮސްޓްރޭލިއާގެ އަވަށެއްގެ ކޯރުގައި އެތައް މިލިއަން މަސް މަރުވެފައި ވަނިކޮށް ފެނިއްޖެ އެވެ.
ހުކުރު ދުވަހުގެ ހެނދުނު މަސްތައް މަރުވެފައި ހުއްޓާ ފެނުނީ ނިއު ސައުތު ވޭލްސްގެ މެނިންޑީ އަވަށުގެ ރައްޔިތުންނަށެވެ.
އެ ސްޓޭޓުގެ ކޯރާ ބެހޭ އިދާރާއިން ބުނީ މަސްތައް މަރުވީ ޑާލިންގް-ބާކާ ކޯރަށް ކުރިމަތިވެފައިވާ "ހީޓްވޭވް" ގެ ސަބަބުން ކަމަށެވެ.

މެނިންޑީ އަވަށުގެ މީހުން ބުނީ މީގެ ކުރިން ދުވަހަކު ވެސް އެ އަވަށުގައި އެހާ ގިނަ އަދަދެއްގެ މަސް މަރުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ތިން އަހަރު ކުރިން ވެސް މަސް މަރުވުމުގެ ހާދިސާއެއް އެ އަވަށުގައި ހިނގި އެވެ.
ހޮނިހިރު ދުވަހު މެނިންޑީ އަވަށުގެ ފިނިހޫނުމިން 41 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، ކޯރުގައި ހުރި މަސްތައް ކުނިވެ އަވަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި "ހީޓްވޭވް" ނުވަތަ އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ހާދިސާތަކުގެ ބާރު ގަދަވެ، އަވަސް އަވަހަށް ދިމާވަމުން ދަނީ މޫސުމީ ބަދަލާ ހެދި އެވެ.










