މެޑްރިޑް (މާޗް 16) - ދެ ވަނަ ލެގުގައި ވެސް ލިވަޕޫލް އަތުން މޮޅުވެ، ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ދަތުރުކުރިއިރު، ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދައި، ނަޕޯލީން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
ރޭގެ މެޗަށް އައިއިރު، ނަޕޯލީ އާއި ރެއާލުން ވެސް ވަނީ ފުރަތަމަ ލެގުގައި ރަށުންބޭރުގައި މޮޅުވެ، ކުއާޓާއާ ގާތަށް ޖެހިލައިފަ އެވެ. ނަޕޯލީން ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 3-0 އިން މޮޅުވިއިރު، އެގްރިގޭޓަށް ބަލާނަމަ މިއީ 5-0 ގެ މޮޅެކެވެ. އަނެއްކޮޅުން، ރެއާލުން ވަނީ ލިވަޕޫލް އަތުން ރޭ 1-0 އިން މޮޅުވެ، އެގްރިގޭޓުން 6-2 އިން ކުރިހޯދައިފަ އެވެ.
ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު، އެ ޓީމުގެ ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒް ޖެހި ބޯޅަތައް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ރެއާލަށް ލީޑުނަގައިދޭން ވިނީޝިއުސް ޖޫނިއާ އާއި ޓޯނީ ކްރޫސް ޖެހި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ހުއްޓުވިއިރު، ރެއާލްގެ ލޫކަ މޮޑްރިޗް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި އެ ޓީމުގެ އެޑުއާޑޯ ކަމަވިންގާ ޖެހި ބޯޅަ ކީޕަރު އެލިސަން އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މި މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ކަރީމް ބެންޒެމާ އެވެ. ފުރަަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ދެ ގޯލު ޖެހި ބެންޒެމާ، ރޭގެ މެޗުގައި ގޯލު ޖެހީ 78 ވަނަ މިނިޓްގަ އެވެ. މިއީ، ލިވަޕޫލް އޭރިއާތެރެއިން ވިނީޝިއުސް ޖޫނިއާ ޖައްސާލި ބޯޅައަކުން، ބެންޒެމާ ޖެހި ގޯލެކެވެ. މިއީ ބެންޒެމާ ލިވަޕޫލް ކޮޅަށް ޖެހި ހަތް ވަނަ ގޯލެވެ.

ނަޕޯލީގެ ކުޅުންތެރިން ރޭގެ މެޗުގައި އައިންޓްރަކްޓް ފްރޭންކްފާޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަޕޯލީން ލީޑުނެގީ މަޓެއޯ ޕޮލިޓާނޯ ނެގި ހުރަހަކުން ވިކްޓާ އޮސީމެން ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން އަށް މިނިޓް ތެރޭގައި ޖިއޮވާނީ ޑީ ލޮރެންޒޯ ނެގި ހުރަހަކަށް އަރައި، އޮސީމެން ވަނީ ނަޕޯލީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ މި ފަހަރު ރަނގަޅު ފޯމެއްގައި ހުރި އޮސީމެން މި ސީޒަނުގެ 28 މެޗުން ޖެހި 23 ވަނަ ގޯލެވެ.
މެޗުގައި ނަޕޯލީގެ ފަހު ލަނޑު ޖެހީ 64 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. މިއީ ޒިއެލިންސްކީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ނަޕޯލީން 1990 ވަނަ އަަހަރަށް ފަހު ފުރަަތަަމަ ފަހަރަށް އެ ގައުމުގެ ލީގު ހޯދަން މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރެއިން މި ވަނީ ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ކުއާޓާ ފައިނަލުގައި ރެއާލާއި ނަޕޯލީގެ އިތުރުން ދެން ހިމެނެނީ، އޭސީ މިލާން، ބަޔާން މިއުނިކް، ބެންފީކާ، ޗެލްސީ، އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީ އެވެ. ކުއާޓާ ފައިނަލުގައި ޖެހޭނެ ޓީމެއް ކަނޑައަޅާނީ މާދަމާ ބާއްވާ ގުރުއަތުލުމުގަ އެވެ.












