ލަންޑަން (މާޗް 14) - އިނގިރޭސި މަޝްހޫރު ކްލަބް، ޗެލްސީން ކުރިއަށް އޮތް ރޯދަ މަހު އެ ކްލަބްގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ރޯދަ ވިއްލުމުގެ "އޯޕަން އިވެންޓް" އެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
މިއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން މި ފަދަ ހަރަކާތެއް ރޭވި ފުރަތަމަ ފަހަރެވެ. ޗެލްސީ ފައުންޑޭޝަނުން ރޭވި މި ހަރަކާތް ކުރިއަށްގެންދާނީ މި މަހު 26 ވަނަ ދުވަހު އެވެ.
ލަންޑަނަކީ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ސިޓީއެއް ކަމަށްވާއިރު، މި މަހު 23 އިން އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބަރަކާތްތެރި ރަމަޟާން މަސްގެ ދުވަސްތަކުގައި މުސްލިމުންނަށް އަމާޒުކޮށް ގިނަ ކަންކަން އެކި ފަރާތްތަކުން ކުރިއަށްގެންދެ އެވެ. އެ ގޮތުން މުސްލިމު ކުޅުންތެރިން ހިމެނޭ ޗެލްސީން ޓީމުން ވެސް މި ވަނީ ތާރީހީ ކަމެއް ރާވައިފަ އެވެ.
ޗެލްސީ އަށް ކުޅޭ މުސްލިމް ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ރޯދަ ހިފައިގެން މީގެ ކުރިން މެޗުތަކުގައި ކުޅެފައިވާ ކުޅުންތެރިންނެވެ.
ޗެލްސީގެ ފައުންޑޭޝަނާއި ލަންޑަނުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ރަމަޟާން ޓެންޓް ގްރޫޕް ގުޅިގެން ޗެލްސީ ދަނޑުގައި މި ބާއްވާ ރޯދަ ވިއްލުމުގެ އިވެންޓްގައި ޗެލްސީގެ ކްލަބްގެ އޮފިޝަލުންނާ އެކު ހަރަކާތްތެރިވާނީ ޗެލްސީގެ މުސްލިމް ކޮމިއުނިޓީ މެމްބަރުންނެވެ. އޭގެ ތެރޭގައި ލަންޑަނުގެ މިސްކިތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސްކޫލް ކުދިންނާއި ޗެލްސީގެ ރަސްމީ ޓީމުގެ ސްޓާފުން ވެސް ހިމެނެ އެވެ.
ރަމަޟާން ޓެންޓް ގްރޫޕުން މައުލޫމާތު ދޭ ގޮތުގައި މި އިވެންޓްގައި ލަންޑަނުގައި ދިރިއުޅޭ މުސްލިމް ކޮމިއުނިޓީގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.
ޗެލްސީން ބައިވެރިވެގެން ކުރިއަށްގެންދާ "ނޮޓް ޓު ހޭޓް" ކެމްޕެއިންގެ ބައެއް ކަންކަން ވެސް ރޯދަ ވިއްލުމުގެ މި އިވެންޓާ އެކު ކުރިއަށްގެންދާނެ އެވެ. "ނޮޓް ޓު ހޭޓް" އަކީ އެކި ނަސްލުގެ މީހުންގެ މެދުގައި ތަފާތު ނުކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްދާ ކެމްޕެއިނެކެވެ.
އިނގިރޭސި ގިނަ ކްލަބްތަކުން ފަހަކަށް އައިސް އަންނަނީ އެ ގައުމުގައި ދިރިއުޅޭ މުސްލިމް ކޮމިއުނިޓީ އަށް އަމާޒުކޮށް އިވެންޓްތައް ކުރިއަށްގެންދަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރު، އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މަޝްހޫރު ކްލަބް، ބްލެކްބާން ރޯވާސް އިން އެ ޓީމުގެ ދަނޑު އީވުޑް ޕާކުގައި، އެ ސިޓީ އަށް ނިސްބަތްވާ މުސްލިމުން ބޮޑު ޖަމާތެއްގައި އީދު ނަމާދު ކުރަން ފުރުސަތު ދިނެވެ.












