މެޑްރިޑް (މާޗް 13) - ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ފައިސާ ދިން މައްސަލައިގައި އެ ކްލަބާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާއިރު، ބާސެލޯނާ އަށް ފިޔަވަޅު އަޅަން ގޮވާލާ ކުރާ ކެމްޕެއިނުގައި ރެއާލް މެޑްރިޑުން ވެސް ބައިވެރިވާން ނިންމައިފި އެވެ.
މި މައްސަލަ ހޫނުވެގެންދިޔައިރު، ސްޕެނިޝް ލީގުގެ ބޯޑުން ބާސެލޯނާ އަށް ފިޔަވަޅު ނާޅާތީ ސްޕެނިޝް ލީގުގެ 20 ކްލަބްގެ ތެރެއިން 18 ކްލަބެއް ކަންބޮޑުވުން ފާޅުކުރި އެވެ. އެ ކްލަބްތަކުގެ ތެރޭގައި ރެއާލް އެންމެ ފުރަތަމަ ނެތެވެ. އެކަމަކު، ރެއާލްގެ ބޯޑު މެމްބަރުންގެ ކުއްލި ބައްދަލުވުމަށް ފަހު، މިހާރު އެ ކްލަބުން ވެސް ނިންމާފައިވަނީ ބާސެލޯނާ އަށް ފިޔަވަޅު އަޅަން ގޮވާލާ ކެމްޕެއިނުގައި ބައިވެރިވުމަށެވެ.
ރެއާލްގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާއާ މެދު ފިޔަވަޅު އަޅަން ރެއާލުން ވެސް ތާއީދުކުރަން ނިންމީ މި މައްސަލައިގެ ސީރިއަސްކަމަށް ފުރިހަމަ އަށް ވިސްނުމަށް ފަހު ކަމަށެވެ. އެ ގޮތުން، ލީގުގެ ކަންކަން އިންސާފުވެރި މަގުން ކުރިއަށް ދިއުމަކީ ރެއާލުން އަބަދުވެސް އެދޭނެ ގޮތް ކަމަށް އެ އޮފިޝަލް ބުނެފައިވެ އެވެ.
ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ގާތްގުޅުމެއް އޮންނަ ރެފްރީ ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ.
މި ކޮރަޕްޝަން މައްސަލައިގައި، ކެޓަލޫނިއާގެ ކޯޓުން ބާސެލޯނާގެ އެންމެ ފަހުގެ ތިން ރައީސުންނާ ވެސް ސުވާލުކުރާނެ އެވެ. އެއީ މިހާރު ރައީސަކަށް ހުންނެވި ޖޮއާން ލަޕޯޓާ އާއި ކުރިން އެ މަގާމު ފުރި، ހޯސޭ މާރިއާ ބާޓޮމެއު އަދި ސަންޑްރޯ ރޮސެލްއާ އެވެ.
ބާސެލޯނާގެ ރައީސް ލަޕޯޓާ ވަނީ މި ކަމުން ބާސެލޯނާ ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެ ކްލަބްގެ ސަޕޯޓަރުންނަށް ދީފަ އެވެ.












