މެޑިޓެރޭނިއަން ކަނޑުން 1،300 އަށް ވުރެ ގިނަ މީހުން ތޮއްޖެހިފައިވާ ބޯޓުތަކުން މީހުން ސަލާމަތް ކުރުމަށް އިޓަލީގައި ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
އެ އޮޕަރޭޝަނުގައި އިޓަލީގެ ކޯސްޓުގާޑުގެ އިތުރުން ނޭވީ ސިފައިން ވެސް ބައިވެރިވެ އެވެ. އެ މީހުން މަސައްކަތް ކުރަނީ މީހުން ތޮއްޖެހިގެން ތިބި ތިން ބޯޓަކަށް އެހީވުމަށެވެ.
އިޓަލީގެ ކޯސްޓުގާޑުން ބުނީ ބޯޓުތަކުގައި ގިނަ އަދަދެއްގެ މީހުން ތިބުމުން އޮޕަރޭޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުން މުހިއްމު ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ވެސް އިޓަލީ ކައިރިން ތޮއްޖެހިފައި އޮތް ބޯޓެއް ބަންޑުން ޖަހާލައި 73 މީހުން މަރުވި އެވެ. އެއީ ޔޫރަޕަށް ހިޖުރަަ ކުރަން ބޭނުންވި ބަޔަކު ތިބި ބޯޓެކެވެ.
އެ ހާދިސާއަށް ފަހު ގިނަ ބަޔެއްގެ ނުރުހުން އިޓަލީގެ ސަރުކާރަށް އަމާޒުވި އެވެ. އެގޮތުން މީހުންގެ ފުރާނަ ސަލާމަތް ކުރަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބައެއް މީހުން ތުހުމަތު ކުރި އެވެ.
ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ ރައްދުގައި މުޅި ކެބިނެޓާ އެކު ހާދިސާ ހިނގި އަވަށަށް ވަޑައިގެންނެވި އެވެ. ހިޖުރަ ކުރަން އުޅޭ މީހުންގެ މަރާއި ސީރިއަސް އަނިޔާއަށް މަގުފަހިވާ ނަމަ ގަވާއިދާ ހިލާފަށް އެ މީހުން ހިޖުރަ ކުރަން އެހީވާ މީހުން 30 އަހަރަށް ޖަލަށް ލުމަށް އެކަމަނާ ހުށަހެޅުއްވި އެވެ.
ދާހިލީ ހަމަނުޖެހުމާއި ފަގީރުކަމުން ސަލާމަތްވުމަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މީހުން އެފްރިކާއިން ފެށިގެން ކަނޑު ހުރަސްކޮށް އިޓަލީއަށް ދަތުރު ކުރަން މަސައްކަތް ކުރެ އެވެ.
މޮނީޓާކުރާ ގްރޫޕްތަކުން ބުނާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މެޑިޓެރޭނިއަން ކަނޑުގައި 20،000 އަށް ވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވެ އެވެ.










