އަންގާރަ ދުވަހު ޖަޕާނުން ލޯންޗުކުރި އާ ރޮކެޓް ފެއިލްވުމުން، އެ ރޮކެޓް ގޮއްވާލަން މަޖުބޫރުވެއްޖެ އެވެ.
އެޗް3 ރޮކެޓް ލޯންޗުކުރި ފަހުން އޭގެ ދެ ވަނަ ސްޓޭޖުގެ އިންޖީން ފެއިލްވުމުން، ޖަޕާނުގެ ޖައްވީ އިދާރާއިން "ސެލްފް ޑިސްޓްރަކްޓް" ކޮމާންޑް ފޮނުވައި ރޮކެޓް ގޮއްވާލި އެވެ.
އަންގާރަ ދުވަހު އިންޖިނިއަރުން މަސައްކަތް ކުރީ 57 މީޓަރުގެ ރޮކެޓުގައި ސެޓެލައިޓެއް ޖައްވަށް ފޮނުވުމަށެވެ. އެއީ އުތުރު ކޮރެއާއިން ލޯންޗުކުރާ މިސައިލްތައް ދެނެގަނެވޭ އޭލޯސް-3 ސެޓެލައިޓް ސިސްޓަމެވެ.
އެނެލިސްޓުން ބުނީ އެއީ ޖަޕާނުގެ އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ޖަޕާން ސަރުކާރުން ވެސް ބުނީ ރޮކެޓް ޓެސްޓުކުރުން ފެއިލްވުމަކީ ބޮޑު ދެރައެއް ކަމަށެވެ.
އެޗް3 ރޮކެޓަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ޖަޕާނުން ޑިޒައިން ކުރި ފުރަތަމަ މީޑިއަމް ލިފްޓް ރޮކެޓެވެ. އެއީ އެލޮން މަސްކްގެ ޖައްވީ ކުންފުނި ސްޕޭސްއެކްސްގެ ފެލްކަން 9 އުޅަނދުގެ ބަދަލުގައި ބޭނުންކުރެވޭނެ އަގުހެޔޮ ރޮކެޓެއްގެ ގޮތުގައި ޖަޕާނުން ސިފަކުރި އެވެ.
އެ ރޮކެޓު ލޯންޗުކުރުން ކާމިޔާބުވި ނަމަ، ޖަޕާނުން ބޭނުންވީ ކުރިއަށް އޮތް 20 އަހަރަށް ކޮންމެ އަހަރަކު ހަ ފަހަރު އޭގެ ރޮކެޓް ލޯންޗު ކުރުމަށެވެ.
ޖަޕާނުގެ ސައިންސް މިނިސްޓަރު ކެއިކޯ ނަގައޯކާ ވިދާޅުވީ ރޮކެޓުގެ އިންޖީން ފެއިލްވި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
ޖައްވީ ކަންކަމުގައި ޖަޕާނުން ދަނީ އެމެރިކާއާ އެކު ގުޅުން ބަދަހި ކުރަމުންނެވެ. ޖަޕާނުގެ އުއްމީދަކީ އެމެރިކާއާ ގުޅިގެން ހަނދަށް ޖަޕާނުގެ އެސްޓްރޮނޯޓުން ފޮނުވުމެވެ.








