ޕެރިސް (ފެބްރުއަރީ 28) - ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން، ލިއޮނަލް މެސީ، ފީފާ އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑްސް ހޯދައިފި އެވެ.
މިއީ 2016 ވަނަ އަހަރު ފީފާ އިން ދޭން ފެށި ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ލިބުނު ދެ ވަނަ ފަހަރެވެ. މެސީ، 35، މި އެވޯޑް އެންމެ ފުރަތަމަ ހޯދީ 2019 ވަނަ އަހަރު އެވެ.
މި ފަހަރު މެސީ މި ޓްރޮފީ ހޯދީ ފްރާންސާއި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އާއި ފްރާންސާއި ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ގަދަ ތިނެއްގެ ޕޮއިންޓް ސްކޯރިން ސިސްޓަމަށް ބަލާއިރު، މެސީ އަށް 52 ޕޮއިންޓް ލިބުނުއިރު، އެމްބާޕޭ އަށް 44 ޕޮއިންޓް އަދި ބެންޒެމާ އަށް ލިބުނީ 34 ޕޮއިންޓެވެ.

ފީފާ ބެސްޓް އެވޯޑްސްގެ ގަދަ 14 ކުޅުންތެރިން.
މެސީ ބުނީ ބެސްޓް އެވޯޑްސް ލިބުނުއިރު، އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް ފުޓްބޯޅައިގައި އޭނާ ދެކުނު އެންމެ ބޮޑު ހުވަފެއް ހަގީގަތަކަށް ހެދުން ކަމަށެވެ.
ފްރާންސް ފުޓްބޯލް އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރަށް މެސީ ވަނީ ހޯދައިފަ އެވެ. މެސީ، ބެލޮންޑިއޯ އެވޯޑް ހާސިލްކުރި އަހަރުތަަކަކީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 އެވެ. ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. އޭގެ ކުރިން މެސީ ވަނީ 2009 ވަނަ އަހަރު ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދީ ސްޕެއިނުގެ އަލެކްސިއާ ޕުޓޭޔާސް އެވެ.

އަލެކްސިއާ ޕުޓޭޔާސް: ފީފާ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑިއޯ އެވޯޑް މި ވަނީ ޖެހިޖެހިގެން ދެ ފަހަރު ހޯދާފައި.
އެންމެ މޮޅު ފިރިހެން ކޯޗަކަށް އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީ ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އެވެ. އެންމެ މޮޅު އަންހެން ކީޕަރަކީ އިންގްލެންޑަށް ޔޫރޯ ކާމިޔާބު ކޮށްދޭން އެހީވި މެރީ އާޕްސް އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ ޓްރޮފީ އިންގްލެންޑަށް އިރުޝާދުދިން ސެރީނާ ވައިގްމަން އަށް ލިބުނުއިރު، އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ދިނީ ހާއްސަ އެހީއަށް ބޭނުންވާ ކުޅުންތެރިންގެ މެދުގައި ކުޅެވޭ ފުޓްބޯޅަ ތަރި، ޕޮލެންޑްގެ މާސިން އޮލެކްސީ އަށެވެ.
ފީފާ އިން ހޮވި އެންމެ ރަނގަޅު ސަޕޯޓަރުންގެ ޓްރޮފީ ލިބުނީ އާޖެންޓީނާ އަށެވެ.
ފީފާ އިން ހޮވި އަހަރުގެ ޑްރީމް ޓީމުގައި ހިމެެނެނީ ބެލްޖިއަމާއި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު، ތިބޯ ކޯޓުއާ، ލިވަޕޫލާއި ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކް، ޕީއެސްޖީ އާއި މޮރޮކޯގެ އަޝްރަފް ހަކީމީ، ބަޔާން މިއުނިކާއި ޕޯޗުގަލްގެ ޔޮއާއޯ ކަންސޭލޯ، މެންޗެސްޓާ ޔުނައިޓެޑާއި ބްރެޒިލްގެ ކަސެމީރޯ، މެންޗެސްޓާ ސިޓީ އާއި ބެލްޖިއަމްގެ ކެވިން ޑިބްރޭނާ، ރެއާލް މެޑްރިޑާއި ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗް، އާޖެންޓީނާ އާއި ޕީއެސްޖީގެ މެސީ، ފްރާންސާއި ރެއާލްގެ ބެންޒެމާ، ފްރާންސާއި ޕީއެސްޖީގެ އެމްބާޕޭ އަދި މެންޗެސްޓާ ސިޓީ އާއި ނޯވޭގެ އާލިން ބްރައުޓް ހާލަންޑް އެވެ.












