ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް ކުންފުނި ކަމަށްވާ ނޮކިއާ އިން އެކުންފުނީގެ ލޯގޯ 60 އަހަރު ފަހުން ބަދަލުކޮށްފި އެވެ.
ބާސެލޯނާ ގައި ކުރިއަށްދާ ވޯލްޑް ކޮންގްރެސް ބާސެލޯނާ ކޮންފަރެންސްގައި ނޮކިއާގެ މިހާރުގެ ސީއީއޯ ޕެކަ ލަންޑްމާކް ވަނީ އެ ކުންފުނީގެ އައު ބްރޭންޑް އައިޑެންޓިޓީއެއް އިފްތިތާހުކޮށްފަ އެވެ.
ނޮކިއާގެ އާ މިސްރާބު ރަމްޒުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ "މޮޑާން އެންޑް ޑިޖިޓަލް" ލޯގޯ އިން ދައްކައިދެނީ އާދައިގެ ތަފާތު ފަސް ބައްޓަމެއް ބޭނުންކޮށްގެން ކުރަހާފައިވާ ކުންފުނީގެ ނަމުގެ އަކުރުތަކެވެ. އަދި ކުރިން ކުންފުނީގެ ލޯގޯ ގައި ހިމެނޭ ގަދަ ނޫކުލައިގެ ބަދަލުގައި، މިހާރުގެ ލޯގޯ ގައި ވަކި ކުލައެއް ނުވާ ކަމަށާއި، ބޭނުންކުރާ ހާލަތަކާއި ގުޅޭގޮތަކަށް ކުލަ ބަދަލުވަމުންދާނެ ކަމަށް ސީއީއޯ ލަންޑްމާކް ވަނީ ފާހަގަކޮށްފަ އެވެ.
އައު ލޯގޯ އިފްތިތާހުކުރަމުން ލަންޑަމާކް ބުނެފައިވަނީ ނޮކިއާ އަކީ މިއަދު ހަމައެކަނި ސްމާޓްފޯން ކުންފުންޏެއް ނޫން ކަމަށާއި އެއީ ބިޒްނަސް ޓެކްނޮލޮޖީ ކުންފުނުޏެއް ކަމަށެވެ.
ނޮކިއާގެ ވިސްނުން ހުރީ މިހާރު ކުރާ ވިޔަފާރިތަކުގެ އިތުރުން އައު މާކެޓްތަކަށް ވަނުމަށް ކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން ޓެކްނޮލޮޖީ ދާއިރާގަ އިތުރަށް ފައި ހަރުކުރުމަށް ނޮކިއާއިން ދަނީ އެހެން ކުންފުނިތަކަށް އިކުއިޕްމެންޓް ވިއްކުމަށް މަސައްކަތްކުރަމުން ކަމަށް ލަންޑަމާކް ބުނެފައިވެ އެވެ.
އެގޮތުން 5ޖީ ނެޓްވޯކްސް އާއި މެނުފެކްޗަރިން ކުންފުނިތަކަށް ބޭނުންވާ އޮޓޯމޭޓެޑް އިކުޕްމެންޓް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ބުނެފައިވެ އެވެ. މިއީ މިހާރު ވެސް މިދާއިރާގައި ހަރަކާތްތެރިވާ މައިކްރޯސޮފްޓް އާއި އެމެޒޯން ފަދަ ކުންފުނިތަކާއި ނޮކިއާ އާއި މެދު ވާދަވެރިކަމެއް އުފައްދައިދޭނެ ބަދަލެކެވެ.
އެންމެ ކާމިޔާބު އެއް ފޯނު ކުންފުނީގެ ގޮތުގައި އެތައް އަހަރަކު ދެމިއޮތުމަށް ފަހު ސްމާޓްފޯނުތައް ތައާރަފުވުމާއެކު އަދި ވިޔަފާރި ހިންގުމަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން މަގުބޫލުކަން ގެއްލި ނޮކިއާ އަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް 2020 ވަނަ އަހަރު މިހާރުގެ ސީއީއޯ ހަވާލުވެ ވަނީ ކުންފުނި އަލުން އާރާސްތު ކުރުމަށް ތިން މަރުހަލާއެއްގެ ޕްލޭންއެއް އުފައްދާފަ އެވެ.
"ރިސެޓް، އެކްސެލެރޭޓް، ސްކޭލް" ހިމެނޭ ޕްލޭންގެ "ރިސެޓް" މަރުހަލާ ނިމިއްޖެ ކަމަށާއި ދެން އޮތީ ބާރުމިނުގައި ކުރިއަށް ދިޔުން ކަމަށް ލަންޑްމާކް ވަނީ ބުނެފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ނޮކިއާ އަށް ލިބިފައިވާ ކުރިއެރުމާއި ފައިދާ ފާހަގަކޮށް، އަމާޒަކީ ވީ އެންމެ އަވަހަށް ފައިދާ އިތުރުކުރުންކަމަށް ބުނެފަ އެވެ.








