އެއާޕޯޓުތަކުން ނަގާ ފީތައް ބޮޑުކުރި ނަމަވެސް އަގުތަކަށް ބަދަލެއް ނުގެނެސް މިހާރު ވެސް ހުރި އަގުގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ބުނެފި އެވެ.
އެ އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޖެނިފާ "އަދަދު" އަށް ވިދާޅުވީ މޯލްޑިވިއަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށާއި އެއާޕޯޓުތަކުން ނަގާ ފީތައް ބޮޑު ކުރަން ނިންމި ނަމަވެސް ޓިކެޓުގެ އަގަށް ބަދަލެއް ނުގެނެސް މިހާރު ހުރި އަގުގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެފަދަ ބަދަލުތަކެއް ގެނައީމާ އަޅުގަނޑުމެންނަށް ހަގީގަތުގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުންނާނެ، ގެއްލުންތަކެއް ވާނެ، އެކަމަކު މަސައްކަތް މިކުރަނީ މިހާރު ހުރި އަގުގައި ހިފެހެއްޓޭތޯ،" ޖެނިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަގުތައް ބޮޑުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި މިހާތަނަށް ވެސް މޯލްޑިވިއަންގެ އަގުތަކަށް ބަދަލެއް ނުގެނެސް ހިފެހެއްޓީ ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ.
"އަގުތައް ބޮޑުނުކޮށް ހަރަދުތައް ދެކޮޅުޖެއްސޭނަމަ މޯލްޑިވިއަންގެ އަގުތަކަށް ބަދަލެއް ނުގެންނާނެ، އުންމީދަކީ މިހާރު ހުރި އަގުގައި ހިދުމަތް ދެމުން ގެންދެވުން،" ޖެނިފާ ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ފްލެގް ކެރިއާ، މޯލްޑިވިއަންއަކީ އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދޭ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖޭގެ 17 އެއާޕޯޓަކަށް ދަތުރުތައް ކުރަމުން ގެންދެ އެވެ. އަދި، ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ އަށް އެއާޕޯޓަކަށް މޯލްޑިވިއަންގެ ދަތުރުތައް ކުރެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރުވެސް ކަސްޓަމަރުންގެ އަތުން ނަގާ ފިއުލް ސާޗާޖު މޯލްޑިވިއަނުން ވަނީ ބޮޑުކޮށްފަ އެވެ.
އެއާޕޯޓުތަކުން ނަގާ ފީތައް ބޮޑު ކުރުމާ ގުޅިގެން އިތުރު އެއާލައިނަކުން އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.











