ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން އިއްޔެ ނިންމި އެވެ.
މިހާރު ވެސް ވެރިކަން ކުރާ ކޯލިޝަނުގައި އޮތް އަދާލަތުން އެމްޑީޕީއާއެކު 2023 އަށް ނުކުތުމަށް ވެސް އެއްބަސްވީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު އެވެ. މި ނިންމުމާ ދެކޮޅަށް އެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވެ އެވެ.
"މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ،" އެ ނިންމުމުގައި ބުނެފައިވެ އެވެ.
އެ ޕާޓީން މި ނިންމުން ނިންމީ ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ިޔާސަތުތައް ތަންފީޒުކުރަން އެ ޕާޓީއަށް ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތުގެ ބައިވެރިވުން ފުރިހަމައަށް ހޯދަން އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ. އެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށް ވެސް އެއްބަސްވެފައިވާކަން އެ ޕާޓީން ބުނެ އެވެ.

އަދާލަތުން ރައީސަށް ތާއިދުކުރަން މި ނިންމީ މިހާރު އޮތް ސަރުކާރު ކޯލިޝަން ކުރިއަށް އޮތް ފަސް އަހަރު ވެސް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ އިތުރަށް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ވެސް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ. އޭގެ ތެރެއިން ގޮތް ނިންމީ އަދާލަތުން އެކަންޏެވެ.
އަދާލަތުން އެމްޑީޕީއާއެކު ނުކުތުމަށް ނިންމި އިރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތަކާމެދު ގޮތް ނިންމާނީ މި މަހުގެ 24 ގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. އެމްއާރުއެމް އިން މިހާތަނަށް ކޯލިޝަނާއި އަންނަ ރިޔާސީ އިންތިހާބާ ބެހޭގޮތުން ރަސްމީ ސިފައެއްގައި ބަހެއް ބުނެފައެއް ނުވެ އެވެ.
މިވަގުތު ވެސް އަދާލަތު ސްލޮޓުގައި ދެ މިނިސްޓަރަކު އެބަތިއްބެވި އެވެ. އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ މި ސަރުކާރުގެ ހޯމް މިނިސްޓަރެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އަކީ ވެސް އަދާލަތުގެ ބޭފުޅެކެވެ. އޭގެ އިތުރުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ އަދާލަތުގެ އިސް ބޭފުޅެއް ކަމަށްވާ އަލީ ޒާހިރު އެވެ.
މުހިންމު ބައެއް ހަބަރު
- މިހާރު އޮތް ކޯލިޝަން ދަމަހައްޓައި، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދެންނެވި އެވެ.
- މިއަހަރުގެ ރިޔާސީ އިންތިހާބަށް އެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އިން ނިންމި އެވެ.
- ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އާއެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ދިނެވެ.
- ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ, 55, އަވަހާރަވީ، ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
- ސިޔާސީ ޕާޓީތައް ހިންގުމުގެ ހަރަދުގެ ގޮތުގައި ޕާޓީތަކަށް ދިނުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނި 36.89 މިލިއަން ރުފިޔާ ބެހި ގޮތުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އެެވެ.
ދުވަހުގެ ކޯޓޭޝަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ،
2018 ގައި އުފެދުނު މި ވެރިކަމުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި އިހުލާސްތެރިކަމާއެކު ސަރުކާރަށް އެއްބާރުލުންދީގެން މިހާތަނަށް ދެމިތިބި ކަމަށްޓަކައި އަދާލަތު ޕާޓީއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ޝުކުރު އަދާކުރަމެވެ،"
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު










