އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށް ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓު ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރޯދަ މަހަކީ އާންމުކޮށް ކާބޯޓަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާ މަހެއް ކަމުގައި ވާތީ، އެ މަހުގައި އާންމުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަނީ ވެނިމިފައި ކަމަށް އެ ކުންފުނީގެ މީޑިއާ އޮފިޝަލް، ޔޫސުފް ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު ރޯދަ މަހަށް ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓު ލިބޭއިރު، އެ ތަކެތި ހޯލްސޭލްކޮށް ދޫކުރުމުން ދާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވުމަށް ނިންމާފައިވާ ރޯދަ މާޓުންނާއި މާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން ކަމަށެވެ.
އޭގެއިތުރުން ރީޓެއިލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އާންމު ފިހާރަތަކުން ވެސް ހެޔޮ އަގުގައި މި ރޯދަ މަހު ތަކެތި ގަންނަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމާޒަކީ ރޯދަ މަހު، ކިއުގައި ނުޖެހި އަގުހެޔޮކޮށް ތަކެތި ގަންނަން ލިބޭނެ މަގު ފަހި ކޮށްދިނުން، އިރާދަކުރެއްވިއްޔާ ރޯދަ މަސް ނިމެންދެން ވެސް ސްޓޮކް ހުސްވިޔަ ނުދީ ސަޕްލައި ކޮށްދެވޭނެ،" ޝާހު ވިދާޅުވި އެވެ.
ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޖުމްލަ ހަ ޝިޕްމަންޓެއް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެ އަދަދަކީ ކުރީގެ އަހަރުތަކުގެ ތަޖުރިބާއަށް ބަލާފައި ގެންނަން ނިންމާފައިވާ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަ މަސް ފެށެން މަސް ދުވަހަށްވުރެ ކުޑަތަންވެފައި ވާއިރު، އެސްޓީއޯއިން އަންނަނީ ހުޅުމާލެ ފޭސް އެކެއްގައި ވެސް ކޭޝިއަރެއް، ސޭލްސްމަނެއް ނެތި ރާއްޖޭގައި ހުޅުވާ ފުރަތަމަ ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފިހާރަ ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ކިއުގައި ނުޖެހި ފަސޭހައިން ބޭނުންވާ ސާމާނު ގަނެވޭނެ ފަދަ މަގެއް ކަސްޓަމަރުންނަށް ފަހި ކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.











