ޓްރީޓޮޕު ހޮސްޕިޓަލުގެ ދަށުން ހިންގާ ކުލިނިކެއް މާލޭގައި ހުޅުވައިފި އެވެ.
ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް މިއަދު ހުޅުއްވައިދެއްވި އެ ކުލިނިކު ހުންނަނީ މައްޗަންގޮޅި، ބުރުޒުމަގު، ލޮޓަސް ފިހާރަ ވެސް ހިންގަމުން އަންނަ ކޮށީގަ އެވެ.
ޓީޓީއެޗް ކުލިނިކުގެ ނަމުގައި ހުޅުވި އެ ކުލިނިކުން، ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ ރިހެބިލިޓޭޝަނާއި ފިޒިއޮތެރަޕީގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުގެ ހެޑް އޮފް އޮޕަރޭޝަންސް، އަހުމަދު ސާޖިދު ވިދާޅުވި އެވެ.
"އޭގެއިތުރަށް ލެބޯޓަރީ ސާވިސަސްގެ، ބުލަޑް ކަލެކްޝަންގެ ހިދުމަތް މިކޮޅުން ލިބިވަޑައިގަންނަވާނެ، އެއީ މާލެއިން ހުޅުމާލެއަށް ބުލަޑް ސާމްޕަލް ނަގަންދާ މީހުންނަށް ހާއްސަކޮށް އަޅުގަނޑުމެން މިކޮޅުން ދޭ ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.

އެ ކުލިނިކުގައި ފިޒިއޮތެރެޕީއަށް ހާއްސަ ކޮށްފައި ހުންނަ ސަރަހައްދު -- ފޮޓޯ: އަދަދު
ސާޖިދު ވިދާޅުވީ އެ ކުލިނިކުން ނަގާ ބުލަޑު ސާމްޕަލްގެ ރިޕޯޓު ތައްޔާރު ކުރަންވެސް ނަގާނީ ހޮސްޕިޓަލުން ނަގާ ސާމްޕަލްތަކާ އެއް ވަގުތެއް ކަމަށެވެ.
"ހޮސްޕިޓަލްގެ ޓާން އެރައުންޑު ޓައިމް ވެސް މިއިންނަނީ ދެ ގަޑިއިރު ރިޕޯޓު ރެޑީ ވާން، ހަމަ މިކޮޅުން ނަގާ ސާމްޕަލްތަކުގެ ރިޕޯޓުވެސް އެ ޓައިމް ތެރޭގައި ލިބިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުލިނިކުން ވަނީ ސްޕޯޓްސް ތެރެޕީގެ ހިދުމަތް ވެސް މުޅިން އަލަށް ތައާރަފުކޮށްފަ އެވެ. އެ ހިދުމަތަކީ ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ ހިދުމަތެއް ނޫނެވެ. އެ ހިދުމަތް ތައާރަފު ކުރުމަށް ނިންމީ އެ ހިދުމަތަކީ ރާއްޖެއަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށް ފެންނާތީ ކަމަށް ސާޖިދު ވިދާޅުވި އެވެ. އަދި، ސްޕީޗު ތެރަޕީގެ ހިދުމަތް ވެސް ދޭނެ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މި ހިދުމަތަކީ މިވަގުތަށް ވެސް ރާއްޖެއަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށް، އެހެންވެ މި ހިދުމަތް ތައާރަފު ކުރުމަށް ނިންމީ،" އޭނާ ވިދާޅުވި އެވެ.
ޓީޓީއެޗްސީގެ އެންމެ ތިރީ ފަންގިފިލާ ހާއްސަ ކޮށްފައި ވަނީ ލޭގެ ސާމްޕަލް ނެގުމަށާއި ރިސެޕްޝަން އަށެވެ. ދެވަނަ ފަންގިފިލާ ސްޕޯޓްސް ތެރަޕީގެ ހިދުމަތަށް ހާއްސަކޮށްފައި ވާއިރު، ތިންވަނަ ފަންގިފިލާ ހާއްސަ ކޮށްފައި ވަނީ އޮކިއުޕޭޝަނަލް އަދި ސްޕީޗު ތެރަޕީގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސަރަހައްދަކަށެވެ.

ހެލްތު މިނިސްޓަރު، އަހުމަދު ނަސީމް ކުލިނިކުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވަނީ -- ފޮޓޯ: އަދަދު
ކުލިނިކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕްގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ނަޒީރު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކަމަށެވެ. މިއަދު މި ހާސިލު ކުރެވުނު ލަނޑުދަނޑިއަކީ އޭގެ ސަބަބުން ރައްޔިތުންނަށް ވެސް އޭގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޓްރީޓޮޕުގެ ސީއޯއޯ، އާދިލް މުސާ ވިދާޅުވީ ޓްރީޓޮޕްގެ ދަށުން ހިންގާ ކުލިނިކެއް މާލޭގައި ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ކުލިނިކުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
ދެހާސްއަށާރަ ވަނަ އަހަރު ހިދުމަތް ދޭން ފެށި ޓްރީޓޮޕް ހޮސްޕިޓަލަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ.










