ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން ބޭނުންވާ އަދަދު ހަމަވެފައި ހުރި ނަމަވެސް، އެފަދަ ނިންމުމެއް ނިންމަންވާނީ މުޅި އެމްޑީޕީގެ ރުހުން ހޯދައިގެން ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާ ދެމެދު ވަރުގަދަ ކޯޅުންގަނޑެއް އުފެދިފައިވާއިރު، މަޖިލީހުގެ ރިޔާސަތުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ.
މިގޮތުން، އެކި ކަންކަމުގައި ތަޅުމުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިވެވަޑައިގެންނެވުމާއި މެމްބަރުންގެ މެދުގައި ތަފާތުކުރުން ފަދަ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލިސް ހިންގަވަމުންދާ ކަމުގެ ޝަކުވާ އެމްޑީޕީގެ ގިނަ މެމްބަރުން ކުރައްވާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
"އަދަދު" އަށް ދެއްވި އިންޓިވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބަހުސްގައި ބައިވެރިވުމުގެ އިތުރުން ޕާޓީން ނެރޭ ވިޕްތަކާ ގުޅޭގޮތުން ވެސް ނަޝީދު ބަސް ވިދާޅުވަމުން ގެންދަވާ ކަމަށާއި، ބައެއް ފަހަރު ވަޒީރުންނާ އެމަނިކުފާނު ސީދާ ސުވާލު ކުރައްވާ ހާލަތްތައް ވެސް ފެންމަތިވަމުން އަންނަ ކަމަށެވެ.
"ވަކި ބޭފުޅަކަށް ވީމަ އެއް ނޫން. ވަރަށް ދުވަސް ވަންދެން އެކުގަ މަސައްކަތް ކުރެއްވި ބޭފުޅެއް ނަޝީދަކީ. އިހްތިރާމް ދޭން ބޭނުންވޭ. އެކަމަކު އިހްތިރާމް ނުދިނުމެއް ނޫން މަޖިލީހުގެ ރައީސް ގަވައިދާ ހިލާފު ވެގެންދާއިރު އެ ވާހަކަ ދެއްކުމަކީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ނަޝީދު އަމަލުކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާ ވެސް ހިލާފަށް ކަމަށާއި، އެއީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ކަންކަން އިސްލާހުކުރަން ވިސްނާ ބަޔަކު ފަހަތަށް ދިޔުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އުޅޭކަމުގެ އަޑުތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެކަހަލަ މަސައްކަތެއް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރެއިން މީގެ ކުރިން ކުރެވުނު ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
އަސްލަމް އެ އިޝާރާތް ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައި ރައީސް ސޯލިހަށް ނިސްބަތްކޮށް ޖިނާއީ ކުށްތަކެއްގެ ތުހުމަތު ނަޝީދު ކުރެއްވުމުން، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށް ފެއްޓި މަސައްކަތަށެވެ.
ނަމަވެސް، އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ނަޝީދު ކޮށްދެއްވާފައިވާ ހިދުމަތަށް ބަލައި، އެފަދަ ނިންމުމެއް ނިންމުމަށް ޕާޓީގެ ތެރޭގައި "ރިލަކްޓަންސް"އެއް އުޅޭ ކަމަށެވެ.
"[ނަޝީދު މަގާމުން ވަކިކުރަން] އަދަދު ހުރީ ހަމަވެފަ. އެކަމަކު އެވަރުގެ ޑިޒިޝަނެއް ސިޔާސީ ގޮތުން ވެސް ނެގޭއިރު، ޕާޓީގެ ވެސް އަދި އެހެން ދިމަދިމާލުން ވެސް، ހުރިހާ ގުނަންތަކެއްގެ ރުހުން ވެސް އަދި ހުރިހާ އެންމެންގެ އާނބަސް އޮވެގެން ކުރެވޭ ކަމެއްގެ ގޮތުގަ އޮތުން ހެން އެންމެ ރަނގަޅުވާނެ ގޮތަކީ. އެހެންވީމާ އެކަން ނުކޮށް އަދި އޮތީ،" އަސްލަމް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ.
ޖުމްލަ 87 މެމްބަރުން އެކުލެވޭ މަޖިލީހުގައި ނަޝީދު ނުހިމަނައި، އެމްޑީޕީ ތަމްސީލުކުރާ 65 މެމްބަރުން ތިއްބަވަ އެވެ.












