ލިވަޕޫލް (ފެބްރުއަރީ 22) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި މިރޭ ފަހަތުން އަރައި ލިވަޕޫލް ދަނޑުގައި 5-2 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފެންވަރު ދައްކާލައި، މުބާރާތުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ގޯލު ވަން ފުރަތަމަ ފަހަރެވެ. މިއީ ދާދި ފަހުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލުން ލިވަޕޫލް ދަނޑުގައި ހޯދި އެންމެ ބޮޑު މޮޅެވެ.
އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ 14 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން ލިވަޕޫލްގެ ފުރަތަމަ ގޯލު ޖެހީ ޑާވިން ނޫނޭޒް އެވެ. އޭގެ ފަހުން، 14 ވަނަ މިނިޓްގައި، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ހެދި ގޯހެއްގެ ފައިދާނަގައި، މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލާ އެކު ސަލާހު ވަނީ ޔޫރަޕްގައި ލިވަޕޫލަށް 42 ގޯލު ހަމަކޮށް، އެ ކްލަބްގެ ތާރީހުގައި ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
ރެއާލަށް ފުރަތަމަ ގޯލު ޖަހައިދިނީ މެޗުގެ 21 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ އެވެ. މިއީ އޭރިއާތެރެެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ވިނީޝިއުސް ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ވިނީޝިއުސް ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. އެހެން ނަމަވެސް މެޗުގެ 36 ވަނަ މިނިޓްގައި އެލިސަން ހެދި ގޯހަކުން ވިނީޝިއުސް ވަނީ ރެއާލަށް އެއްވަރުކޮށްދީފަ އެވެ.
މެޗުގެ ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ އެޑާ މިލިޓާއޯ އެވެ. މިއީ ހިލޭ ޖެހުމަކުން ލޫކަ މޮޑްރިޗް ނެގި ބޯޅައަކުން ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 55 ވަަނަ މިނިޓްގައި ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހީ ކެޕްޓަން، ކަރީމް ބެންޒެމާ އެވެ. ބެންޒެމާ ޖެހި ބޯޅަ ގޯލަށް ވަނީ މި މެޗުގައި ލިވަޕޫލްގެ ފަހަތުން ގިނަ ގޯސްތަކެއް ހެދި ޖޯ ގޯމޭޒް ފައިގައި ޖެހިފަ އެވެ.
ރެއާލްގެ ފަސް ވަނަ ގޯލު ޖެހީ ވެސް ބެންޒެމާ އެވެ. މިއީ މޮޑްރިޗް ތަނަވަސްކޮށްދިން އެޓޭކެއްގައި ވިނީޝިއުސް ދިން ބޯޅައަކުން އޭރިއާތެރެއިން ބެންޒެމާ ޖެހި ގޯލެކެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ބޮޑު ތަފާތަކުން މޮޅުވެގެން ނޫން ގޮތަކަށް ލިވަޕޫލަށް މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް ވަނީ ރެއާލް އަތުން ބަލިވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި މިރޭ ކުޅުނު އަނެއް މެޗުން ނަޕޯލީ ވަނީ އައިންޓްރަކްޓް ފްރޭންކްފާޓް ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. ނަޕޯލީގެ ކްވިޗާ ކްވަރަޝްކޭލިއާ އަތުން ޕެނަލްޓީ ބޭކާރުވިތާ ހަތަރު މިނިޓް ފަހުން އެ ޓީމަށް ލީޑުނަގައިިދިނީ ފުރަތަމަ ހާފުގައި ވިކްޓަ އޮސީމެން އެވެ. ދެ ވަނަ ހާފުގައި ފްރޭންކްފާޓްގެ ކޯލޯ މުއާނީ އަށް ރަތް ކާޑެއް ދެއްކިއިރު، ނަޕޯލީން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ކްވަރަޝްކޭލިއާ ދިން ބޯޅައަކުން މި ގޯލު ޖެހީ ނަޕޯލީގެ ކެޕްޓަން، ޖިއޮވާނީ ޑި ލޮރެންޒޯ އެވެ.












