ލިވަޕޫލް (ފެބްރުއަރީ 21) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، މިހާރު އެ ޓީމާ ވާދަކުރެވޭ ވަރަށް ލިވަޕޫލްގެ ހާލަތު ރަނގަޅު ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ފައިނަލުގައި ލިވަޕޫލް 1-0 އިން ބަލިކޮށް 14 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ފައިނަލުގައި ވެސް ލިވަޕޫލާ ކުޅެގެން ރެއާލް ވަނީ 3-1 އިން ލިވަޕޫލް އަތުން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި 2020/2021 ވަނަ އަހަރުގެ ސީޒަނުގެ ކުއާޓާ ފައިނަލުގައި ރެއާލުން ވަނީ ލިވަޕޫލް ކަޓުވާލައިފަ އެވެ. އެކަމަކު، 2008/2009 ވަނަ އަހަރުގެ ގަދަ 16 ބުރުގައި ލިވަޕޫލުން ވަނީ ރެއާލްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ. އޭގެ ފަހުން، 2014/2015 ވަނަ ސީޒަނުގައި ރެއާލާއި ލިވަޕޫލް އޮތީ އެއް ގްރޫޕެއްގަ އެވެ. އެ ފަހަރު ދެ މެޗުން ވެސް މޮޅުވީ ރެއާލް އެވެ.
މިދިޔަ ސީޒަނުގައި ހަތަރު ތަށްޓަށް ވާދަކުރި ލިވަޕޫލްގެ ފޯމު މި ސީޒަނުގައި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަަމަކު، އެންމެ ފަހުން ކުޅުނު ދެ މެޗުން ހޯދި މޮޅާ އެކު އެ ޓީމުގެ ފޯމު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި ޗެމްޕިއަންސް ލީގުގައި "ކުޅެވޭ ވަރަށް ޓީމުގެ ހާލަތު ރަނގަޅު" ކުރެވިފައިވާ ކަމަށް ކްލޮޕް ވަނީ މިރޭ ރެއާލާ ދެކޮޅަށް ކުޅޭ ނޮކައުޓް މެޗުގެ ކުރިން ބުނެފަ އެވެ.
"މިހާރު އަހަރެން ހިތްހަމަޖެހޭ، އެއީ ކުޅުމެއް އެބަފެނޭ. މީގެ ހަތަރު ހަފްތާ ވަރު ކުރިން ތި ސުވާލުކުރި ނަމަ އަހަރެން ދޭނީ މި ޖަވާބެއް ނޫން،" ދާދި ފަހުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލާ ކުޅެން ނުކުންނައިރު، ލިވަޕޫލްގެ ހާލަތާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަލުން ބަލާފައިވާނެ ކަމަށާއި އެކަމަކު، އޭގެއިން ހަގީގަތުގައި މި ފަހަރުގެ މެޗުގައި ހިފޭނެ ބޭނުމެއް ނެތް ކަމަށެވެ. ހަމައެކަނި ދިރާސާ ކުރަން ޖެހޭ ބައެއް ކަންކަން ބެލުމަށް އެ މެޗު އަލުން ބެލިއިރު، ފެނުނީ ހިތްހަމަނުޖެހޭ ބައިވަރު ކަންތައްތަކެއް ކަމަށް ކްލޮޕް ބުނެފައިވެ އެވެ.
"ދެން، ވިސްނަންވީ އެ މައްސަލަތައް ތަކުރާރު ނުވާ ގޮތެއް ހަދަން،" ކްލޮޕް ބުންޏެވެ.
"މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކުޅެން ޖެހޭ މެޗެއް. އަހަރެމެން އެންމެ ރަނގަޅަށް ކުޅެގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ. އެކަމަކު، ރެއާލް އެންމެ ރަނގަޅަށް ނުކުޅެ ވެސް ނަތީޖާ ނެރުމުގެ ގާބިލުކަން އެ ޓީމަށް އޮންނާނެ. އެއީ މި މުބާރާތް ވީމަ،"
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި މެޗުގައި އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އައުރޭލިން ޗުއަމެނީ އާއި ޓޯނީ ކްރޫސް އަށް ނުކުޅެވުމެވެ. އަންޗެލޮޓީ ބުނީ މެދުތެރެއަށް ހަގީގަތުގައި ގެންނަން ޖެހުނީ މި މެޗަށް ރޭވި ބަދަލެއް ނޫން ކަމަށެވެ.
"ދެން ހަގީގަތުގައި އެއީ މާ ބޮޑަށް އަހަރެމެން އެކަމަކާ ފިކުރުކުރާނެ ކަމެއް ނޫން. އެ ދެ ކުޅުންތެރިން (ޗުއަމެނީ އާއި ކްރޫސް) ނުލައި ވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅެފިން، ޓީމާ މެދު އޮތް އިތުބާރު ވެސް ވަރަށް ބޮޑު ހަގީގަތުގައި،" ލިވަޕޫލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ގިނަ ޓީމުތަކެއް ގޮވައިގެން ނުކުތް އަންޗެލޮޓީ ބުންޏެވެ.
ލިވަޕޫލްގެ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ގަ އެވެ.












